11 އޯގަސްޓް 2016 - 12:19

ރިތިކް ރޯޝަން އަކީ ރީތި އެކްޓަރެކެވެ. ހުނަރުވެރިއެކެވެ. ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކާ ރިތިކާ ދެމެދު ގާތް ގުޅުންތަކެއް އުފެދުނެވެ. ޚާއްސަކޮށް ޝާހްރުކް ޚާނާއި ރިތިކް އަކީ ވަރަށް ގާތް ދެ އެކުވެރިންނެވެ. ނަމަވެސް ވީނުވީއެއް ނޭނގި، ފިލްމު އިންޑަސްޓްރީގައި ތިބި ރިތިކްގެ ހުރިހާ އެކުވެރިން ގެއްލިއްޖެ އެވެ. މިހާރު ރިތިކް ވަނީ ބާކީވެފަ އެވެ. ސަބަބުތައް ވަރަށް ގިނަ އެވެ.

ރިތިކް ފިލްމު ކުޅެން ފެށީ 2000 ވަނަ އަހަރު ނުކުތް "ކަހޯނާ ޕިޔާރް ހޭ" އިންނެވެ. ރިތިކް ފިލްމީ ދުނިޔެއަށް ނުކުތުމާ އެކު އޭނާ އަކީ ޝާހްރުކްގެ މަގާމަށް ވާދަކުރާނެ އެކްޓަރެއް ކަމަށް ގިނަ ބަޔަކު ލަފާ ކުރި އެވެ. ނަމަވެސް ޝާހްރުކާ ވާދަކުރުމުގެ ބަދަލުގައި ރިތިކް ވީ އޭނާގެ އެންމެ ގާތް އެއް އެކުވެރިޔާ އަށެވެ.

މީގެ އެތައް އަހަރެއް ކުރިން "ކޮފީ ވިތު ކަރަން" ގައި ވާހަކަ ދައްކަމުން ޝާހްރުކްގެ އަންހެނުން ގޯރީ ޚާން ބުނެފައިވާ ގޮތުގައި ރިތިކް ފިލްމު ކުޅެން ފެށިތާ ކައިރީގައި ރިތިކާ ވާހަކަ ދައްކަން ވެސް ޝާހްރުކް ކުޑަކޮށް ޖެހިލުންވި އެވެ. ނަމަވެސް ފަހުން ދެ މީހުން ވަރަށް ގާތް ދެ ރަހްމަތްތެރިންނަށް ވީ ކަމަށް ގޯރީ ބުންޏެވެ.
ނަމަވެސް މި އެކުވެރިކަން މިހާރަކު ނެތެވެ. ދާދިފަހުން ބޭއްވި ރިތިކްގެ އުފަން ދުވަހުގެ ޕާޓީގައި ވެސް ދެ މީހުން އެކުގައި ފޮޓޯއެއް ނެގުން ފިޔަވައި ދެ މީހުންގެ ގާތްކަމުގެ އަލާމާތެއް ނުފެނެ އެވެ. މީގެ ކުރިން ޕާޓީތަކުގައި އެކުގައި މަޖާކުރާ އަބީޝެކް ބައްޗަން އާއި ކަރަން ޖޯހަރު އަދި ރިތިކް ވެސް މިހާރަކަށް އައިސް އެއްވެސް ޕާޓީއެއްގައި އެހެން އުޅެނިކޮށް ނުފެނެ އެވެ.
މީގެ ކުރިން އަރްޖުން ރާމްޕާލް އަކީ ވެސް ރިތިކްގެ ވަރަށް ގާތް އެކްޓަރެކެވެ. ނަމަވެސް ރިތިކްގެ ކުރީގެ އަންހެނުން ސުޒާން ޚާން އާއި އަރްޖުން އާ އަޅުވާ ކިޔަން ފެށި ހިސާބުން ރިތިކް އާއި އަރްޖުންގެ ގުޅުން ވެސް ކެނޑުނީ އެވެ.
މިދިޔަ އަހަރު ބައްޗަން އާއިލާއިން ބޭއްވި ދިވާލީ ޕާޓީ އަށް ވެސް ރިތިކް ދިޔަ އެވެ. ނަމަވެސް އެ ޕާޓީއަށް ދިޔަ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ މީހުންނާ ވާހަކަ ދައްކާ މަޖާކޮށް އުޅުނިކޮށެއް ނުފެނުނެވެ. އަދި އަބީޝެކާ އެކު ދާދިފަހުން އުފަން ދުވަހުގެ ޕާޓީއަކަށް ވެސް އޭނާ ދިޔަ އެވެ. އޭނާ އެ ޕާޓީއަށް ދިޔައީ "މޯހެންޖޯ ދަރޯ"ގެ ޝޫޓިންގައި ފަޔަށް އަނިޔާވުމާ ގުޅިގެން ދަނޑިގަނޑު ޖަހައިގެންނެވެ. ނަމަވެސް އެއްވެސް މީހަކު މާ ބޮޑަކަށް ރިތިކާ އަޅައެއް ނުލި އެވެ.
އޭގެ ފަހުން ރިތިކް ޓުވިޓާގައި ތަންކޮޅެއް ހަރަކާތްތެރިކޮށް މެސެޖުތައް ކޮށް ހަދަން ފެށި އެވެ. ނަމަވެސް އޭނާގެ އެއްވެސް އެކުވެރިއަކު ޓުވީޓްތަކަށް އިޖާބާ ދޭތީއެއް ނުފެނެ އެވެ.
އޭގެ ފަހުން ރިތިކް ފެނުނީ އެހެން މީހުންނާ ވަކިން އޭނާގެ އަމިއްލަ ދުނިޔެއެއްގައި އުޅެން ފެށި ތަނެވެ.
ރިތިކް އާއި ކަންގަނާ ރަނާވަތާ ދެމެދު ފެށުނު ހަނގުރާމައިގައި ފިލްމު އިންޑަސްޓްރީގެ އެއްވެސް މީހަކު ރިތިކަށް ސަޕޯޓް ނުކުރީ މާ ކުރިއްސުރެ އޭނާ ބާކީ ވެފައި ހުރީމާ ކަމަށް ވެދާނެ އެވެ.
ގިނަ މީހުން ސީދާކޮށް ކަންގަނާ އަށް ސަޕޯޓްކުރާކަން ހާމަ ނުކުރި ނަމަވެސް ވިދްޔާ ބާލަން އާއި ޕްރިޔަންކާ ޗޯޕްރާ ވަނީ މި މައްސަލައިގައި އެމީހުން ތިބީ ކަންގަނާއާ އެކުގައިކަން ވަރަށް ސާފުބަހުން ބުނެފަ އެވެ.
ރިތިކް ފިލްމު އިންޑަސްޓްރީގެ މީހުންނާ މައްސަލަ ޖެހިފައިވާ މިންވަރު ސްޕޭންގެ މެޑްރިޑްގައި މިއަހަރު ބޭއްވި އައިފާ އެވޯޑު ހަފުލާ އިން ވެސް ވަރަށް ބޮޑަށް ހާމަވި އެވެ.
މިފަދަ އެވޯޑު ހަފުލާތަކުގައި މީގެ ކުރިން ހުރިހާ އެކްޓަރުންނާ މަޖާކޮށް ވާހަކަދައްކާތަން ފެންނަ ރިތިކް މިފަހަރު އެއްވެސް މީހަކާ މާގިނައިން ވާހަކައެއް ނުދައްކަ އެވެ. އަދި އެވޯޑު ދިނުމުގެ ރަސްމިއްޔާތަށް ފަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެހެން ހުރިހާ އެކްޓަރުން ސްޓޭޖުން ފެނުނުއިރު ރިތިކް ބައިވެރިއެއް ނުވެ އެވެ. އަދި ރިތިކް ފިލްމު ކުޅެން ފެށި ދުވަސްވަރު އޭނާގެ ހަށިގަނޑު ރީތިކުރުމަށް އެންމެ ބޮޑަށް އެހީތެރިވީ ކަމަށް އޭނާ ބުނެފައިވާ ސަލްމާން ޚާން ވެސް މި އެވޯޑު ހަފުލާގައި ދިމާވި މައްސަލައަކާ ގުޅިގެން ހުރީ ރިތިކް ދެކެ ރުޅިއައިސްފަ އެވެ.
ރިތިކް އެންމެ ފަހުން ކުޅުނު "ބޭންގް ބޭންގް" 2014 ގައި ރިލީޒްކުރިއިރު އެ ފިލްމު ޕްރޮމޯޓްކޮށްދިނުމަށް ޕްރިޔަންކާ ޗޯޕްރާ އާއި ޝާހްރުކް ޚާން އަދި ރަންވީރު ސިންގް ފަދަ އެކްޓަރުން މަސައްކަތްކޮށްދިނެވެ. ނަމަވެސް ހުކުރު ދުވަހު ރިލީޒްކުރާ ރިތިކްގެ "މޮހެންޖޯ ދަރޯ" ޕްރޮމޯޓްކޮށްދިނުމުގެ ބަދަލުގައި މިފަހަރު ރަންވީރު ވެސް ޕްރޮމޯޓްކޮށްދީފައި ވަނީ ހަމަ އެ ދުވަހު ރިލީޒްކުރާ އަކްޝޭ ކުމާރުގެ "ރުސްތުމް" އެވެ.
ރަންވީރު ނޫނަސް ބޮލީވުޑްގެ ގިނަ އެކްޓަރުންތަކެއް މިފަހަރު "ރުސްތުމް" ޕްރޮމޯޓްކޮށްދޭތަން ފެނިފައި ވާއިރު ރިތިކްގެ ފިލްމު އެކަކުވެސް ޕްރޮމޯޓްކޮށްދޭންތަން ފެނިފައެއް ނުވެ އެވެ.
ރިތިކްގެ "މޮހެންޖޯ ދަރޯ" ރިލީޒްވާން އެންމެ ދުވަހަކަށް ވެފައިވާއިރު މިހާރު އެންމެ ބޮޑު ސުވާލަކަށް ވަނީ ފިލްމު އިންޑަސްޓްރީގެ އެއްވެސް މީހެއްގެ "ހެޔޮއެދުމެއް ނެތި" ފިލްމަށް ވާނެ ގޮތަކާ މެދުގަ އެވެ.
އަކްޝޭ ކުމާރުގެ "ރުސްތުމް" އާ ރިތިކްގެ ފިލްމު މާދަމާ ބޮކްސް އޮފީހުގައި ބޮޑު ކުރިމަތިލުމަކަށް ދާއިރު ގިނަ ބަޔަކު ބުނަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހޭނީ ރިތިކްގެ ފިލްމަށް ކަމަށެވެ. އެހެން ވެއްޖެ ނަމަ ރިތިކްގެ ތަރި އޮއްސިދާނެކަމުގެ ބިރު ވެސް އެބައޮތެވެ.