ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އެކްޓަރު ވިދުޔުތު ޖަމްވަލް ބޮލީވުޑްގައި ފާހަގަކުރެވެނީ ވަރަށް ވަރުގަދަ އެކްޝަން ހީރޯއެއްގެ ގޮތުގަ އެވެ. "ކޮމާންޑޯ" ސީރީޒްގެ އެކްޓަރަށް ބޮޑަށް ކުޅެން ލިބެނީ ވެސް އޭނާގެ ވަރުގަދަ ހަށިގަނޑާއި އެ ހަށިގަނޑުގެ ގަދަފަދަކަން ދައްކައިލެވޭ ކަހަލަ ރޯލްތަކެވެ.

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އެގޮތުން ޖޯން އަބްރަހަމްގެ "ފޯސް" އަކީ ވިދުޔަތުގެ ހުނަރު ވަރަށް ރަނގަޅަށް ފެނިގެން ދިޔަ ފިލްމެކެވެ. އޭނާގެ ކުރިއަށް އޮތް ފިލްމު "ޖަންގްލީ" އަކީ ވެސް ހަމަ ވަރަށް ގިނަ އެކްޝަން މަންޒަރުތަކެއް ހިމެނޭނެ ފިލްމެކެވެ. އަދި މިއީ ބޮޑެތި މީހުންނާއި ކުޑަކުދިން ވެސް ވަރަށް ގަޔާވާނެ ފިލްމެކެވެ.

މި ފިލްމަކީ އިންސާނަކާއި އެތާ އޮންނަ ލޯބި ދައްކުވައިދޭ އެކްޝަ/އެޑްވެންޗާ ތުރިލާއެކެވެ. ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ޗަކް ރަސަލް ޑައިރެކްޓްކޮށްފައިވާ "ޖަންގްލީ" ގެ ޓީޒާ ޓްރެއިލާ މިހާރު ދައްކާލައިފައިވާ އިރު، ފިލްމު ސިނަމާތަކަށް އަންނާނީ އެޕްރީލް، 5، 2019 ގަ އެވެ.

ރަސަލްއަކީ "ދަ މާސްކް" އާއި "ސްކޯޕިއަން ކިންގް" ފަދަ ކާމިޔާބު ފިލްމުތައް ގެނެސް ދީފައިވާ ޑައިރެކްޓަރެޖެވެ. "ޖަންގްލީ" އަކީ އޭނާ ޑައިރެކްޓް ކުރި ފުރަތަމަ ބޮލީވުޑް ފިލްމަށްވާތީ، މި ފިލްމަށް ދެވޭ ސަމާލުކަން ވެސް ބޮޑެވެ.

މީގެ ކުރިން ވެސް ބޮލީވުޑްގައި ވަނީ އެތާއި އިންސާނުންގެ ގުޅުންތަކެއް ކިޔައިދޭ ފިލްމުތަކެއް ގެނެސް ދީފަ އެވެ. އޭގެ ތެރޭގައި ރާޖޭޝް ކަންނާގެ 1971 ގެ "ހާތީ މޭރޭ ސާތީ" އާއި ޖެކީ ޝްރޮފްގެ 1989 ގެ ފިލްމު "މޭ ތޭރާ ދުޝްމަން" ފާހަގަކޮށްލެވެ އެވެ.

ތައިލެންޑްގައި ވަރަށް ބޮޑު ބައި ޝޫޓްކޮށްފައިވާ ފިލްމުގެ ކާސްޓުންގެ ތެރޭގައި އަތުލް ކުލްކަރްނީ، މަކަރަންދް ދޭޝްޕާންޑޭ އަދި ވިޝްވަނާތު ޗެޓަޖީ ހިމެނެ އެވެ.

އަންނަ މަހު ރިލީޒް ކުރާ ފިލްމު "ތަގްސް އޮފް ހިންދުސްތާން" ގެ ފުރަތަމަ ލަވަ "ވާޝަމައްލޭ" ބެލުންތެރިންނަށް ދައްކާލައިފި އެވެ. ސުކްވިންދަރް ސިންގް ކިޔާފައިވާ ލަވައިން ފެނިގެން ދަނީ އަމީތާބް ބައްޗަން އާއި އާމިރު ހާނެވެ.

ލަވައާ ބެހޭ ގޮތުން އާމިރު ބުނީ ހުވަފެނެއް ހަގީގަތަކަށްވި ލަވައެއް ކަމަށެވެ. ސަބަބަކީ ފުރަތަމަ ފަހަރަށް އަމީތާބާ އެކު ލަވައެއްގައި ނަށައިލަން ފުރުސަތު ލިބުނެވެ. "ތަގްސް އޮފް ހިންދުސްތާން" އަކީ މި ދެ ތަރިން އެކީގައި ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމު ވެސް މެ އެވެ.

އަންނަ މަހުގެ 8 ވަނަ ދުވަހު ރިލީޒް ކުރާ ފިލްމުގެ ބަތަލާއިންނަކީ ފާތިމާ ސަނާ ޝެއިހާއި ކެޓްރީނާ ކެއިފެވެ. "ތަގްސް އޮފް ހިންދުސްތާން" އަކީ "ދޫމް 3" ގެ ޑައިރެކްޓަރު ވިޖޭ (ވިކްޓާ) ކްރިޝްނާ އަޗަރިއާ ޑައިރެކްޓްކޮށްފައިވާ އެކްޝަން/އެޑްވެންޗާ ފިލްމެކެވެ.

ސިދާތު މަލްއުތުރާ އާއި ރިތޭޝް ދޭޝްމުކް އެންމެ ފުރަތަމަ އެކީގައި ފެނިގެން ދިޔަ ފިލްމަކީ 2014 ގެ "އޭކް ވިލަން" އެވެ. އެ ފިލްމުގެ ލީޑް ރޯލުން ފެނިގެން ދިޔަ އިރު، ނުބައިބައި ރޯލް ކުޅުނީ ރިތޭޝް އެވެ.

މި ދެ ތަރިން މިހާރު ވަނީ އާ ފިލްމަކަށް ސޮއިކޮށްފަ އެވެ. އެއީ ބުޝަން ކުމާރާއި ނިކިލް އަދްވާނީގެ ފިލްމް ކުނފުނިން ގުޅިގެން ހަދާ އެކްޝަން ފިލްމަކަށެވެ.

ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް މީގެ ޓީމުން އަދި ހާމަކޮށްފައި ނުވިޔަސް، މީޑިއާތަކުން ބުނީ މި ފިލްމު ޑައިރެކްޓް ކުރާނީ މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ސަތިޔަމޭޖް ޖަޔަތޭ" ގެ ޑައިރެކްޓަރު މިލަޕް މިލަން ޒަވޭރީ ކަމަށެވެ. ފިލްމުގެ ރަސްމީކޮށް ލޯންޗް ކުރުމުގެ ކުރިން މީގެ ޕޯސްޓަރުތަކެއް ވެސް މިހާރު ޝޫޓްކޮށްފައިވާ ކަމަށްވެ އެވެ.

"ވީރޭ ދީ ވެޑިން" އާއި "ލިޕްސްޓިކް އަންޑަ މައި ބުރުގާ" ފަދަ އަންހެނުންގެ ވަރުގަދަ ފިލްމުތަކެއް ގެނެސް ދީފައިވާ އެކްތާ ކަޕޫރްގެ ބަލާޖީން އަނެއްކާ ވެސް އަންހެނުންގެ ވާހަކަތަކެއް ކިޔައިދޭ ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ.

ބޫމީ ޕެޑްނޭކަރް އާއި ކޮންކޮނާ ސެން ޝަރްމާ ލީޑް ރޯލް ކުޅޭ މި ފިލްމުގެ ނަމަކީ "ޑޯލީ ކިޓީ އޯރް ވޯ ޗަމަތު ކޭ ސިތާރޭ" އެވެ. ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. އެކްތާ މި ފިލްމުގެ ޕޯސްޓަރު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ އިރު، މީގެ ޑައިރެކްޓަރަކީ އަލަންކްރިތާ ޝްރިވާސްތާވް އެވެ.

"ޑޯލީ ކިޓީ އޯރް ވޯ ޗަމަތު ކޭ ސިތާރޭ" ސިނަމާތަކަށް އަންނާނެ ތާރީހެއް އަދި ނޭނގެ އެވެ. އެކަމަކު މިއީ އަންހެންވެރިން ވަރަށް އިންތިޒާރު ކުރާނެ ފިލްމެއް ކަމަށް ބެލެވެ އެވެ.