އިބޫގެ ވޯޓުތައް ރައީސަށް ބަދަލު ކޮށްދޭން ހުށަހެޅި މައްސަލަ ނަގައިފި
އިބޫގެ ވޯޓުތައް ރައީސަށް ބަދަލު ކޮށްދޭން ހުށަހެޅި މައްސަލަ ނަގައިފި

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ލިބުނު ވޯޓަކީ ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވި ވޯޓު ކަމަށް ކަނޑައަޅައިދިނުމަށް އެދި އިއްޔެ ހައި ކޯޓަށް ހުށަހެޅި މައްސަލަ މިއަދު އަނބުރާ ނަގައިފި އެވެ.

އެ މައްސަލަ ހުށަހެޅުއްވި ގާނޫނީ ވަކީލު އަބްދުލްމާނިއު ހުސައިން މިއަދު ހައި ކޯޓަށް ފޮނުވި ސިޓީގައި ބުނެފައިވާ ގޮތުގައި އެ މައްސަލަ އަނބުރާ ނަގަން ބޭނުންވީ، ވޯޓު ކަރުދާހުގައި ރައީސް ޔާމީންގެ ނަމާ ދިމާލުގައި ޖެހި ފާހަގަތައް، އިބޫގެ ނަމާ ދިމާލަށް އަމިއްލަ އަށް ބަދަލުވި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު ދެއްކި ވާހަކަތަކަކީ ދޮގެއްކަން އެނގުމުންނެވެ.

އެ ސިޓީގައި ބުނެފައިވަނީ ވޯޓު ކަރުދާހުގައި އެފަދަ މައްސަލަތަކެއް އުޅޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުއާޒް ވިދާޅުވި ނަމަވެސް، ވޯޓު ލީ ދުވަހު އެފަދަ ޝަކުވާއެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ނުވާކަން ސާބިތުވެފައިވާ ކަމަށެވެ.

ހުށަހެޅި އެ މައްސަލާގައި ބުނެފައިވަނީ އިންތިޚާބުގައި ރައީސް ޔާމީންގެ ނަމާ ދިމާލުގައި ފާހަގަ ޖެެހުމުން އިބޫގެ ނަމާ ދިމާލަށް އެ ފާހަގަ ބަދަލުވާ ކަމަށާއި އަދި އިބޫގެ ނަމާ ދިމާލުގައި ފާހަގަ ޖެހުމުން ރައީސް ޔާމީންގެ ނަމާ ދިމާލަށް އެ ފާހަގަ ފޭދުނު ކަމަށެވެ. ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވަނީ މުއާޒް ދެއްކެވި ވާހަކަ އެވެ.

އެގޮތަށް ފާހަގަ ބަދަލުވާ ތަން ފެނުނު ނަމަ އެކަން އިލެކްޝަންސްގެ ސަމާލުކަމަށް ނުގެނެސް އެ ވޯޓު ކަރުދާސްކޮޅު ވޯޓު ފޮއްޓަށް ލާނެކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް މައްސަލަ އަނބުރާ ނެގުމަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

"ރައީސްގެ ތަރުޖަމާން ދައްކާފައިވާ ވާހަކަތަކަކީ ބުހުތާނު ދޮގެއްކަން އެއްވެސް ޝައްކެއް ނެތި ކަށަވަރުވާތީ އެ ރޯމަރު ދޮގުގެ މައްޗަށް ލެނބިގެން އިންތިހާބީ ޝަކުވާގެ މައްސަލައެއް ތިޔަ ކޯޓަށް ހުށަހެޅުނީތީ ހިތާމަ ކުރާ ހާލު، ޝަކުވާ ހުށަހެޅި ފޯމް ވަގުތުން ވަގުތަށް ބާތިލު ކޮށްދެއްވުން އެދެން،" ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނަށް އެޑްރެސް ކޮށްފައިވާ ސިޓީގައިވެ އެވެ.

އެ މައްސަލަ ނެގި އިރު، އިންތިޚާބު ބާތިލުކުރަން ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެެހުންތައް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ނިންމާލައިފަ އެވެ. ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުމެވެ.