17 އޮކްޓޯބަރ 2018 - 11:55

ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވެވަޑައިގެންނެވި ރިޔާސީ އިންތިޚާބު އިލެކްޝަންސް ކޮމިޝަނުން އޮޅުވާލާފައިވާ ކަމަށް ތުހުމަތުކޮށް، މެމްބަރުންނަށް އިންޒާރު ދޭން ފެށުމުން، ސްރީ ލަންކާ އަށް ވަޑައިގަތް ހަތަރު މެމްބަރުންގެ ތެރެއިން ތިން މެމްބަރަކު ރޭ ރާއްޖެ ވަޑައިގެންފި އެވެ.
އިންޒާރުތަކުގެ ސަބަބުން ފުރާނަ އަށް ނުރައްކާވުމުގެ ބިރު އޮތް ކަމަށް ވިދާޅުވެ، ލަންކާ އަށް ވަޑައިގަތީ، ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ އާއި އަހްމަދު އަކްރަމާއި އަލީ ނަޝާތުގެ އިތުރުން އިސްމާއިލް ހަބީބެވެ. މީގެ ތެރެއިން މިހާރު ލަންކާގައި ހުންނެވީ ހަބީބު އެކަންޏެވެ.
"ހަބީބު ވެސް ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ،" މެމްބަރު އަކްރަމް ވިދާޅުވި އެވެ.
އެ މެމްބަރުން ބޭރަށް ވަޑައިގަތް އިރު ވެސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ހުންނެވީ މާލޭގަ އެވެ. ވޭތުވެދިޔަ ދެ ހަފުތާއެއްހާ ދުވަހު ކޮމިޝަންގެ ނިންމުންތަކުގައި މަޝްވަރާ ކުރައްވައި ގޮތް ނިންމީ ފޯނު ކޮންފަރެންސުންނެވެ.
ރިޔާސީ އިންތިޚާބުގެ ކުރިން އިދިކޮޅު ޕާޓީތަކުން ބޮޑެތި ތުހުމަތުތަކެއް ކުރި އިލެކްޝަންސް ކޮމިޝަނުން ވޯޓު އޮޅުވައިލީ ކަމަށް އިންތިޚާބަށް ފަހު ޕީޕީއެމުން ތުހުމަތުކޮށް، އިންތިޚާބު ބާތިލު ކުރަން ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ. އީސީގެ މެމްބަރުން ވޯޓު އޮޅުވައިލީ، އަނގޮޓިތަކަކާއި ދެލި ފޮހެވޭ ގަލަމުގެ އިތުރުން ފާހަގަ ބަދަލުވާ ގޮތަށް ތައްޔާރު ކޮށްފައި ހުރި ވޯޓު ކަރުދާސް ބޭނުންކޮށްގެން ކަމަށް ރައީސް ޔާމީންގެ ވަކީލުން ތުހުމަތު ކުރެއްވި ނަމަވެސް އެ ކޮމިޝަނުން އެކަން ދޮގުކުރެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި، ނިމިގެން ދިޔަ ރިޔާސީ އިންތިޚާބަކީ މިނިވަން، އިންސާފުވެރި އަދި މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ހާމަކަން ބޮޑު އިންތިޚާބެވެ. އެ އިންތިޚާބުގައި ވޯޓު އޮޅުވާލާފައިވާ ކަމަށް ދައްކާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް އެކުލެވިގެން ނުވާ ކަމަށް އީސީން ބުނެ އެވެ.