ސްޓާލިން އަށް ރެއާލުން ފާރަލަނީ
ސްޓާލިން އަށް ރެއާލުން ފާރަލަނީ

މެޑްރިޑް (އޮކްޓޫބަރު 17) - މެންޗެސްޓާ ސިޓީގެ ވިންގް ރަހީމް ސްޓާލިން އަށް ރެއާލް މެޑްރިޑުން ފާރަލަމުން އަންނަ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ރެއާލުން ވަނީ އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އިޓަލީގެ ޔުވެންޓަސް އަށް ވިއްކާލައިފަ އެވެ. ރެއާލުން އެންމެ ބޮޑަށް ބޭނުންވި ކުޅުންތެރިއާ ޗެލްސީގެ އެޑެން ހަޒާޑް އެ ޓީމަށް ނުލިބުނެވެ. ރެއާލަށް ބަދަލުވާން ހަޒާޑް ބޭނުންވި ނަމަވެސް ޗެލްސީން އޭނާ ދޫކޮށްލަން ބޭނުންނުވާތީ އެ ޓްރާންސްފާގެ ކަމެއް ކުރިއަށްނުދިޔަ އެވެ.

އުމުރުން 23 އަހަރުގެ ސްޓާލިން ސިޓީއާ އެކު ހަދާފައިވާ އެއްބަސްވުން އާ ކުރަން އެ ޓީމުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެކަމަކު މިހާތަނަށް އަލިމަގެއް ފެނިފައިނުވާއިރު ސްޓާލިން އަށް ރެއާލުން އަންނަނީ ފާރަލަމުންނެވެ.

ޔުއެފާ ނޭޝަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ސްޕެއިން އަތުން އިންގްލެންޑް 3-2 އިން މޮޅުވި މެޗުގައި ސްޓާލިން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އެ މެޗު ބަލަން ރެއާލުގެ ގިނަ އޮފިޝަލުންތަކެއް ވެސް ދަނޑަށް ދިޔަ ކަމަށާއި ސްޓާލިންގެ އޭޖެންޓް އެއިޑީ ވާޑްއާ ބައްދަލުކުރަން މަސައްކަތްކުރި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ރެއާލުގެ ރައީސް ފްލޮރެންޓީނޯ ޕެރޭސް މި ސީޒަން ފެށުމުގެ ކުރިން ވަނީ މުސްތަގުބަލުގައި އިންގްލެންޑްގެ ކުޅުންތެރިން ރެއާލުން ފެންނަ އަދަދު އިތުރުވެދާނެ ކަމަށް ބުނެފަ އެވެ. ރެއާލުން ވަނީ މި ސީޒަން ފެށުމުގެ ކުރިން އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ގެންނަން މަސައްކަތްކޮށްފަ އެވެ. ކޭން ވަނީ ޓޮޓެންހަމާ އެކު ހަދާފައިވާ އެއްބަސްވުން ދިގު މުއްދަތަކަށް އާ ކޮށްފަ އެވެ.

ސްޓާލިން މި ވަގުތު ސިޓީގެ ކޮންޓްރެކްޓްގައި ހުރީ 2020 އާ ހަމައަށެވެ. ރިޕޯޓްތައް ބުނާގޮތުގައި ސްޓާލިން ސިޓީގެ ކޮންޓްރެކްޓް އާ ނުކޮށް ހުރި އެއް ސަބަބަކީ އެހެން ގައުމެއްގެ ކްލަބަކަށް ކުޅެން ބޭނުންވާތީ އެވެ. މި ސީޒަން ނިމޭއިރަށް ސްޓާލިން ސިޓީގެ ކޮންޓްރެކްޓް އާ ނުކޮށްފިނަމަ ރެއާލުން ބިޑްކުރާނެ ކަމަށް އެ ޓީމުގެ އޮފިޝަލަކާ ހަވާލާދީ ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.