ބޭނުމީ އެކްސްޕެރިމަންޓް ކުރެވޭ ކަހަލަ ރޯލްތައް ކުޅެން: ސާނިއާ މަލްއުތުރާ
ބޭނުމީ އެކްސްޕެރިމަންޓް ކުރެވޭ ކަހަލަ ރޯލްތައް ކުޅެން: ސާނިއާ މަލްއުތުރާ

އެކްޓިން ކިޔަވާފައި ނުވާތީ ބޭނުން ވަނީ ކުޅޭ ކޮންމެ ރޯލަކުން ވެސް އާ ކަމެއް ދަސްވާ ކަހަލަ ކެރެކްޓާތައް ކުޅެ، އެކްސްޕެރިމަންޓް ކުރަން ކަމަށް ބޮލީވުޑްގައި މިހާރު އަރަމުން އަންނަ ބަތަލާ ސާނިއާ މަލްއުތުރާ ބުނެފި އެވެ.

އޭނާ ބޮލީވުޑަށް ނުކުތީ 2016 ގައި ރިލީޒް ކުރި އާމިރު ހާންގެ "ޑަންގަލް" އިންނެވެ. ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި އެ ފިލްމަށް ފަހު ދެން ސާނިއާ ފެނިގެން ދިޔައީ މިދިޔަ މަހު ރިލީޒް ކުރި ފްލޮޕް ފިލްމު "ޕަޓާކާ" އިންނެވެ.

އެ ދެ ފިލްމުގައި ވެސް އޭނާ ކުޅުނީ ވަރަށް ރަށްފުށުގެ އަންހެން ކުއްޖެއްގެ ރޯލެވެ. އެކަމަކު މި މަހުގެ 18 ވަނަ ދުވަހު ރިލީޒް ކުރާ "ބަދާއީ ހޯ" އިން އަޔޫޝްމަން ކުރާނާއާ އެކު، ސާނިއާ ފެނިގެން ދާނީ ވަރަށް "އަންހެން" ގްލެމަރަސް ރޯލަކުންނެވެ.

އޭނާ ބުނި ގޮތުގައި އަބަދު ވެސް އެއްކަހަލަ ރޯލްތަކެއް ކުޅެގެން، އެގޮތަށް ލޭބަލްވާކަށް ބޭނުމެއް ނޫނެވެ.

"އެހެންވެ އަހަރެން އެއްގޮތަށް ވެސް ބިރެއް ނުގަނޭ އެކްސްޕެރިމަންޓް ކުރާކަށް. އަހަންނަކީ ޓްރެއިންޑް އެކްޓަރަކަށް ނުވާތީ ބޭނުން ވަނީ ތަފާތު އެކި ކަހަލަ ރޯލްތަކެއް ކުޅެން އެކްޓިން ދަސްކުރަން،" ސާނިއާ ބުންޏެވެ. "މިހާތަނަށް އަހަރެން ކުޅުނު ކޮންމެ ފިލްމަކީ ވެސް އާ ހުނަރެއް ދަސްވި ފިލްމެއް."

އޭނާ ބުނީ ވިޝާލް ބަދަރްވާޖް ޑައިރެކްޓް ކުރި "ޕަޓާކާ" ބޮޑުތަނުން ފްލޮޕް ވިޔަސް، އޭނާ ދެއްކި އެކްޓިން ގިނަ ބަޔަކަށް ކަމުގޮސްފައިވާތީ ހިތްހަމަޖެހޭ ކަމަށެވެ.

"އަދި އަހަރެން އެންމެ އުފާވި ކަމަކީ ވިޝާލް ސާއާއެކު މަސައްކަތްކޮށްލަން ލިބުނީ. އެއީ އަބަދު ވެސް އަހަރެންގެ ވިޝް ލިސްޓްގައި ހިމެނޭ ޑައިރެކްޓަރެއް،" ސާނިޔާ ބުންޏެވެ.

ސާނިޔާ މުޅިން ތަފާތު ގޮތަކަށް ފެނިގެން ދާނެ "ބަދާއީ ހޯ" އަކީ ބެލުންތެރިން ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އަންނަ ފިލްމެކެވެ. ސަބަބަކީ ފިލްމުގެ ޕްލޮޓް ވަރަށް ޝައުގުވެރިވުމެވެ. މީގައި ކިޔައި ދޭނީ ކައިވެނި ކުރާ އުމުރަށް އަޅާފައިވާ ޒުވާން ފިރިނެއްގެ ދުވަސްވީ މަޔަކު އަލުން ބަލިވެ އިނުމުން ދިމާވާ ހެއްވާ މަޖާ ހާދިސާތަކެވެ. އަދި އެކަމާ ގުޅިގެން މުޖުތަމައު ދެކޭ ގޮތެވެ.

"އަހަރެން ބުނާނީ މިއީ އުމުރުން ދުވަސްވީ ބައިވެރިން ޖިންސީ އުފާ ހޯދުމާ ގުޅޭ ގޮތުން ދެކެވޭ އައިބު ވިސްނުމާ ދޭތެރޭ މީހުން ސީރިއަސްކޮށް ވިސްނާ ކަހަލަ ފިލްމަކަށް ވާނޭ. ދަރިން ބޮޑެތިވާ ފަހުން މައިންބައިންނަށް ދަރިންނަށް ލިބުމަކީ ލަދު ގަންނަން ޖެހޭ ވަރުގެ ކަމެއް ނޫން. ހަމަ ގައިމު ވެސް ފިލްމުން ލިބިދޭ މެސެޖް އިބުރަތްތެރި ވާނެ،" ސާނިޔާ ބުންޏެވެ. "އަހަރެން ވަރަށް އުފަލުން މި ހުރީ ފިލްމާ ދޭތެރޭ."

ސާނިޔާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަންނަ އަހަރު ރިލީޒް ކުރާ "ފޮޓޯގްރާފް" ހިމެނެ އެވެ.