18 އޮކްޓޯބަރ 2018 - 06:47

ޑާކް ރެއިން އެންޓަޓައިމަންޓްގެ "މާމުއި" ވެގެން ދާނީ ބެލުންތެރިން ހެއްވައިލާނެ ފިލްމަކަށެވެ. އެކަމަކު ބޮޑު ކާސްޓަކާ އެކު އުފައްދާ މި ފިލްމު ރިލީޒްކުރާނީ އެޕްރީލް، 1، 2019 ގަ އެވެ.
"މާމުއި" ގެ މަސައްކަތް ވަރަށް ފޯރީގައި ކުރިއަށްދާ އިރު، ފިލްމުގެ ރަސްމީ ފޭސްބުކް ޕޭޖުން އެންމެ ފަހުގެ
އަޕްޑޭޓްތައް ވެސް ލިބެމުން ދާނެ އެވެ. މީގެ ތެރެއިން މިދުވަސްކޮޅު އެންމެ ފާހަގަކޮށްލެވެނީ ފިލްމުގެ ލަވައަކަށް ކުރަމުން އަންނަ މަސައްކަތެވެ.
މީގެ ކުރިން އޯޑިއޯ އިއްވާލައިފައިވާ "އަރައިގެން އައި އިރާއޭ" ފިލްމުން ފެނިގެންދާ އިރު، ލަވަ ވަރަށް ވެސް ހާއްސަ ވާނެ އެވެ. މި ލަވައިގެ ތަފާތު ކަމެއް ހުންނާނެ އެވެ. ފަހަރުގައި މިއީ ޑާކް ރެއިނުން ދޭ ޓްރިބިއުޓަކަށް ވެސް ވެދާނެ އެވެ. ލަވަ އެ ސްޓޫޓޯ އިން ސިފަކުރަނީ "އައިކޮނިކް ލަވަ ސެޓެއް" ގެ ގޮތުގަ އެވެ.
"އަރައިގެން އައި އިރާއޭ" ތައްޔާރު ކުރަނީ މީގެ ކުރިން ދިވެހިންގެ ތެރޭގައި މަޝްހޫރުވެފައި ހުރި ބައެއް ވީޑިއޯ ލަވަތަކުން ފެންނަ ސްޓެޕްތައް އަމުނާލައިގެންނެވެ.
އެ ލަވަތަކުގެ ތެރެއިން މުހައްމަދު (ދަރާ) ރަޝީދުގެ ސިގްނޭޗަ ސްޓެޕްތަކެއް ފެނިގެންދާ "އަންގައިދޭށޭ" ލަވައިގެ ސްޓެޕްތަކާއި އައިޝަތު ޝިރާނީ އަހުމަދު ގިޔާސްގެ އަބަދަށް ފެހި ލަވަ "މަހޭ ނެތި ދާނޭ" އާއި ނިއުމާ މުހައްމަދާއި އަލީ ސީޒަންގެ ހިޓް ލަވަ "ފުރަތަމަ ވެެސް ފެނުމީމާ" ގެ އިތުރުން މަރިޔަމް ނިޝާ އާއި ރީކޯ މޫސާ މަނިކުގެ "ފަރިވެ ފޮނިވެފަ" ފަދަ ލަވަތަކުގެ ހަނދާންތައް ބެލުންތެރިންނަށް އާކޮށް ދޭނެ އެވެ.
"މާމުއި" ގެ "އަރައިގެން އައި އިރާއިން" ފެނިގެން ދާނީ ނުޒުހަތު (ނުޒޫ) ޝުއައިބް އާއި އަބްދުﷲ (ފުބޫ) ޝާފިއު އެވެ. ދެ ތަރިން މި ލަވަ އަށް ކޮށްފައި ހުރި މަސައްކަތްތައް ޑާކް ރެއިނުން ވަނީ "މާމުއި" ގެ ޕޭޖްގައި ހިއްސާކޮށްފަ އެވެ.
އަލީ (ޗިއްޕެ) ޝިފާއު ޑައިރެކްޓް ކުރާ މި ފިލްމަކީ މި އަހަރު ރިލީޒް ކުރި "ވަކިން ލޯބިން" އަށް ފަހު އޭނާ ގެނެސްދޭ ފުރަތަމަ ފިލްމެވެ.
މި ފަހަކަށް އައިސް ފިލްމުތަކުގައި މުޅިން ވެސް އަމިއްލަ ރާގުގެ ލަވަތައް ހިމަނާ ޑާކް ރެއިންގެ "މާމުއި" މި ފަހަރު އަދި ކުރީގެ މަޝްހޫރު ލަވައެއްގެ އާ ވާޝަނެއް ވެސް ހިމެނޭނެ އެވެ. އެއީ މަހުމޫދާ ޝަކީބު ކިޔާފައިވާ "ސެންޝުއަސް" ލަވަ "ރޭ ރޭ" އެވެ. މި ފަހަރު ލަވަ އަޑުވިގެން އަޝްރާގެ އަޑުންނެވެ.