17 އޮކްޓޯބަރ 2018 - 08:57

ޖިއްދާ، ސައުދީ އަރަބިއާ (އޮކްޓޫބަރު 17) - އެކުވެރިކަމުގެ މެޗެއްގައި ރޭ ބްރެޒިލުން ފަހު ވަގުތު ޖެހި ލަނޑުން 1-0 އިން ވާދަވެރި އާޖެންޓީނާގެ މައްޗަށް ކުރި ހޯދައިފި އެވެ.
މިއީ ބްރެޒިލާއި އާޖެންޓީނާގެ ދެމެދުގައި ކުޅުނު 105 ވަނަ މެޗެވެ. ބްރެޒިލުން 41 މޮޅު ހޯދިއިރު، އާޖެންޓީނާ ވަނީ 38 މެޗުން މޮޅުވެފަ އެވެ. އަދި 26 މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލަށް ލަނޑު ޖަހައިދޭން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޔާއޯ މިރަންޑާ އަށެވެ. ނޭމާ ނަގައިދިން ހުރަހަކުން އޭރިއާ ތެރެއިން މިރަންޑާ ފޮނުވާލި ބޯޅަ ގޯލު ރޮނގުމަތިން ސަލާމަތްކުރީ އާޖެންޓީނާގެ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ އެވެ.
ލިއޮނަލް މެސީ ނެތި ކުޅެމުންދިޔަ އާޖެންޓީނާގެ ދެ ފޯވާޑުން ކަމަށްވާ ޕައޮލޯ ޑިބާލާ އާއި މައުރޯ އިކާޑީ އަށް މި މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ. އެ ޓީމުގެ އެޓޭކް ހުއްޓުވުމުގައި ބްރެޒިލުން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ދެ ވަނަ ހާފުގައި ބްރެޒިލަށް ކުޅޭ ބާސެލޯނާގެ މިޑްފީލްޑަރު އާތޫރް މެލޯ ޖެހި ބާރު ބޯޅަ އާޖެންޓީނާގެ ކީޕަރު ސާޖިއޯ ރޮމޭރޯ ވަނީ މަތަކޮށްފަ އެވެ. އަދި ކަސެމީރޯ ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. ބްރެޒިލް މޮޅު ކޮށްދިން ލަނޑު އިތުރުވަގުތުގެ ތިން ވަނަ މިނިޓްގައި މިރަންޑާ ޖެހީ ނޭމާ ނަގައިދިން ކޯނަރަކުން ބޮލުންނެވެ.
މެޗުން ބަލިވިޔަސް އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނީ މިއީ އެ ޓީމުގެ ފެންވަރު ވަޒަންކޮށްލެވުނު މެޗެއް ކަމަށެވެ.
"އަހަރެމެންނަށް ގޯސްވީ ހަމައެކަނި ނަތީޖާ. މިއަދު މި ދެއްކި ކުޅުން ދުނިޔޭގެ އެހެން ޓީމުތަކާ ދެކޮޅަށް ދައްކައިގެން އަހަރެމެންނަށް ވަރަށް ކުރިއަށް ދެވިދާނެ. އެއީ މި ޓީމު ވެސް އަންނާނީ މެޗަކަށް ފަހު މެޗެއް ކުރިއަރަމުން. އަދި އަހަރެމެން މި ވަގުތު މި ކުޅެނީ މި ޓީމުގެ ބައެއް މުހިއްމު ކުޅުންތެރިން ނުލައި،" މެސީ ނުލައި ކުޅުމަށް އިޝާރާތްކޮށް ސްކަލޯނީ ބުންޏެވެ.
ބްރެޒިލްގެ ކޯޗު ޓީޓޭ ބުނީ ހުރިހާ ގޮތަކުން ބެލިޔަސް މިއީ އާޖެންޓީނާގެ މައްޗަށް ބްރެޒިލް އިން ހޯދި ބޮޑު މޮޅެއް ކަމަށާއި މެޗުގެ ނަތީޖާގައި އެއް ލަނޑުގެ ފަރަގެއް އޮތަސް ދެ ޓީމުގެ ފެންވަރު މެޗުގެ ކުޅުމުން ވަރަށް ރަނގަޅަށް އެނގިއްޖެ ކަމަށެވެ.