17 އޮކްޓޯބަރ 2018 - 06:58

އެމެރިކާގެ ނިއު ޖާޒީގައި މުގޮށި މީދަލެއްގެ ސަބަބުން ދެ ސަރަހައްދަކުން ކަރަންޓު ކެނޑި އެތައް ހާސް ބަޔަކު ހުއްޓުމަކަށް ގެނެސްފި އެވެ.
އެމެރިކާގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި އާދީއްތަ ދުވަހުގެ ހެނދުނު 9 ޖަހަން އުޅެނިކޮށް ކަރަންޓު ކެނޑުނީ މުގޮށި މީދަލެއް ކަރަންޓު ކޭބަލްތަކެއްގެ ތެރެއަށް ވަނުމުގެ ސަބަބުންނެވެ. ޔުނިޓިލީގެ ހިދުމަތް ދޭ ކުންފުންޏާ ހަވާލާދީ ނޫސްތަކުން ބުނެފައިވާ ގޮތުން، 2،296 ކަސްޓަމަރަކަށް ކަރަންޓުގެ ހިދުމަތް މެދު ކެނޑުނެވެ.
ކަރަންޓު ކެނޑުނު ދެ ސަރަހައްދަށް އަލުން ކަރަންޓު ދޭން 3،000 ކަސްޓަމަރަކަށް ކަރަންޓު ކަނޑާލަން ޖެހުނު ކަމަށްވެ އެވެ.
ނިއު ޖާޒީ ސެންޓްރަލް ޕަވަ އެންޑް ލައިޓް ކުންފުނިން ބުނި ގޮތުގައި 9 ޖަހަން އުޅެނިކޮށް ކަރަންޓު ކެނޑުމަށް ފަހު މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދެވުނީ 12:20 ގަ އެވެ.
ކަރަންޓު ނުލިބި ގިނައިރު ވެގެން ރުޅިގަދަވެފައި ތިބި މީހުންނަށް ވެސް، މިއީ ކުޑަކުޑަ މުގޮށި މީދަލަކާ ހެދި ކުރިމަތިވި އުނދަގުލެއްކަން އެނގުމުން އެކަން ވީ މަޖާ ކަމަކަށެވެ. އެކަމާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި މީހުން ޖޯކު ކިޔައި މަޖާ ނެގި އެވެ.
މިކަން މިހެން ހިނގާފައި ވަނިކޮށް އެމެރިކާގެ އޮހާޔޯގައި ވެސް، ޖެހިގެން އައި ދުވަހު ވަނީ ހަމަ މުގޮށި މީދަލެއްގެ ސަބަބުން ކަރަންޓު ކެނޑިފައި ކަމަށް ނޫސްތަކުން ބުންޏެވެ. މިކަން ހިނގީ ހޯމަ ދުވަހު ހެނދުނު، ޓްރާންސްފޯމަރެއްގެ ތެރެއަށް މުގޮށި މީދަލެއް ވަނުމުންނެވެ.