އިނގިރޭސި ޕީއެޗްޑީ ދަރިވަރަށް ކުރަނީ ޖާސޫސް ކުރުމުގެ ދައުވާ
އިނގިރޭސި ޕީއެޗްޑީ ދަރިވަރަށް ކުރަނީ ޖާސޫސް ކުރުމުގެ ދައުވާ

ދުބާއީ (އޮކްޓޯބަރު 16) - ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި ފަސް މަސް ވަންދެން ހިފަހައްޓައިފައިވާ އިނގިރޭސި ވިލާތުގެ ޕީއެޗްޑީ ދަރިވަރު މެތިއު ހެޖަސް އަށް ކުރަނީ އިނގިރޭސި ސަރުކާރަށް ޖާސޫސް ކުރުމުގެ ދައުވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

އުމުރުން 31 އަހަރުގެ ދަރިވަރު މެއި 5 ވަނަ ދުވަހު ދުބާއީ އެއާޕޯޓުން ހައްޔަރު ކުރީ ރިސާޗް ދަތުރެއް ނިންމާލުމަށް ފަހު ފުރަން ގޮސްހުއްޓަ އެވެ. އޭނާ ރިސާޗް ކުރަމުން ދިޔައީ އަރަބި ސްޕްރިންގެ ސަބަބުން ޔޫއޭއީގެ ޚާރިޖީ ސިޔާސަތަށާއި ސަލާމަތަށް ކުރި އަސަރާ ގުޅޭ ގޮތުންނެވެ.

ހެޖަސްގެ އާއިލާގެ މެންބަރަކު ބުނީ ތަފާތު މީހުންނާ އިންޓަވިއު ކޮށްފައިވުމުން ޔޫއޭއީ އިން ތުހުމަތު ކުރަނީ އޭނާ އިނގިރޭސި ސަރުކާރަށް ޖާސޫސްކޮށްދެނީ ކަމަށެވެ.

ޔޫއޭއީގެ އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހެޖަސްގެ މައްޗަށް ދައުވާ ކުރަނީ ބޭރު ގައުމަކަށް ޖާސާސް ކޮށްދިނުމުގެ ކުށުގައި ކަމަށެވެ.

ހެޖާސްގެ އަންހެނުން ބުނެފައި ވަނީ އަންނަ ހަފުތާގައި ހެޖާސް ކޯޓަށް ހާޒިރުކުރާނެ ކަމަށެވެ. އޭނާ ވަނީ އިނގިރޭސި ރައްޔިތަކަށް ނުހައްގުން ލިބެމުންދާ އަނިޔާ އިން ސަލާމަތްކޮށްދިނުމަށް އިނގިރޭސި ފޮރިން އޮފީހަށް ގޮވާލައިފަ އެވެ.