ސައުދީ އިވެންޓް ބޮޑެތި ކުންފުނިތަކުގެ ވެރިން ބޮއިކޮޓް
ސައުދީ އިވެންޓް ބޮޑެތި ކުންފުނިތަކުގެ ވެރިން ބޮއިކޮޓް

ވޮޝިންޓަން (އޮކްޓޯބަރު 16) - ނޫސްވެރިޔާ ޖަމާލް ޚާޝޮގްޖީ ގެއްލުނު މައްސަލާގައި އިހްތިޖާޖް ކުރުމުގެ ގޮތުން، އަންނަ ހަފުތާގައި ސައުދީގައި ބާއްވާ ވިޔަފާރި އިވެންޓް ބޮޑެތި ކުންފުނިތަކުގެ ވެރިން ބޮއިކޮޓްކޮށްފި އެވެ.

އޮކްޓޯބަރު 23 އިން 25 އަށް ބާއްވާ ވިޔަފާރި ފޯރަމް ބޮއިކޮޓް ކުރި ފަރާތްތަކުގެ ތެރޭގައި އެޗްއެސްބީސީގެ ޗީފް އެގްޒެކެޓިވް ޖޯން ފްލިންޓް އާއި ގޫގްލްގެ ސީއީއޯ ޑައިން ގްރީން ހިމެނެ އެވެ. "ދާވޯސް އިން ދަ ޑިޒާޓް" ގެ ނަމުން މަޝްހޫރު ކޮންފަރެންސަށް ނުދާން ވަނީ ޖޭޕީ މޯގަންގެ ޗީފް އެގްޒެކެޓިވް ޖެމީ ޑިމޮން އާއި ފޯޑްގެ ޗެއާމަން ބިލް ފޯޑް އަދި އޫބާގެ ޗީފް އެގްޒެކެޓިވް ޑާރާ ޚޯސްރޮވްޝާހީ ވެސް ނިންމަވައިފަ އެވެ.

ކޮންފަރެންސްގައި ތަގްރީރު ކުރާނެ ކަމަށް ކޮންފަރެންސްގެ ވެބްސައިޓުގައި ކުރިން ބުނެފައިވާ ބައެއް ފަރާތްތައް މިހާރު ވަނީ އުނިކޮށްފަ އެވެ.

އެމެރިކާ އާއި އިނގިރޭސި ވިލާތުން ވެސް ވަނީ ކޮންފަރެންސް ކޮއިކޮޓް ކުރަން ޖެހިދާނެ ކަމަށް ބުނެފަ އެވެ. ސައުދީގައި އިންވެސްޓް ކުރުމާ ގުޅޭ ގޮތުން މަޝްހޫރު ބިލިއަނަރު ރިޗަޑް ބްރެންސަން ކުރަމުން ދިޔަ މަޝްވަރާތައް ވެސް މިހާރު ވަނީ ހުއްޓާލައިފަ އެވެ.

ސައުދީ ރައްޔިތެއް ކަމަށްވާ ޚާޝޮގްޖީ ސައުދީ ކޮންސިއުލޭޓަށް ދިޔައީ މި މަހު 2 ވަނަ ދުވަހު އެވެ. އޭގެ ފަހުން އޭނާގެ ޚަބަރެއް ނުވެ އެވެ. ތުރުކީން ތުހުމަތު ކުރަނީ ކޮންސިއުލޭޓް ތެރޭ ޚާޝޮގްޖީ މަރާލީ ކަމަށެވެ. ނަމަވެސް ސައުދީ ސަރުކާރުން އެ ތުހުމަތު ދޮގު ކުރެ އެވެ.