ދަރިންގެ މެދުގައި އުފެދޭ ރުޅިވެރިކަން ހައްލުކުރާނީ ކިހިނެއް؟
ދަރިންގެ މެދުގައި އުފެދޭ ރުޅިވެރިކަން ހައްލުކުރާނީ ކިހިނެއް؟

ދަރިންނާ އެކު ވަގުތު ހޭދަކުރުމަކީ އުފާވެރި ކަމެކެވެ. އެކަމަކު ދަރިންގެ މެދުގައި އެއް ކުއްޖަކު އަނެއް ކުއްޖަކާ ދެމެދު ނަފުރަތާއި ހަސަދަވެރިކަން އުފެދި ގުޅިގެން އުޅެން އުނދަގޫވާ ނަމަ އެއީ މައިންބަފައިންނަށް ހިތްދަތި ތަޖުރިބާއަކަށް ވެ އެވެ. އަދި އާއިލާ އަށް އަލަށް އިތުރުވާ ދަރިފުޅު ދެކެ ދެން ތިބޭ ދަރިން ހިތްހަމަ ނުޖެހޭ ނަމަ، ބަލިވެ އިނުމާއި ވިހެއުމުގެ އުފާވެރިކަން ގެއްލިގެން ހިނގައިދާނެ އެވެ.

ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދޭ، ޑައިރެކްޝަން-ކޯޗިން ވެބްސައިޓުގެ ބާނީ މެލާނީ ހޮލްކޯމް ބުނަނީ ދަރިންގެ ތެރޭގައި އުޅޭ، އެހެން ކުދިންނާ މެދު ނަފުރަތުކުރާ ކުދިންގެ ވިސްނުން ބަދަލުކުރުމަށް އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އެ ކުދިންނަށް އެހެން ކުދިންގެ އިހްސާސްތައް ދެނެގަންނަން ދަސްކޮށްދިނުން ކަމަށެވެ.

އޭނާ ބުނެފައިވާ ގޮތުގައި، ކުޑަކުދިންގެ މެދުގައި މައްސަލަތައް އާންމުކޮށް އުފެދެނީ އެއް ކުއްޖަކު އަނެއް ކުއްޖެއްގެ މައްޗަށް ކޮންމެވެސް ކަމެއްގައި ނުވަތަ ކަންތަައްތަކެއްގައި ގަދަވެގަތުމުންނެވެ. މިސާލަކަށް، އެއް ކުއްޖަކީ ހަލަނި ކުއްޖަކަށް ވުމުން އެ ކުއްޖާގެ ފަރާތުން ދެން ތިބި ކުދިންނަށް އުނދަގޫވާ ނަމަ އެ ކުއްޖަކާ މެދު ނުރުހިދާނެ އެވެ.

"އެފަދަ ހާލަތެއްގައި، ދެ ކުދިންނަށް ވެސް އިވޭ ގޮތަށް ބުނެވިދާނެ ކޮއްކޮ މި އުޅޭނީ މާ ހަލަނިކޮށޭ. އެކަމަކު އަހަރެމެން އެންމެން ވެސް ކޮއްކޮ ދެކެ ލޯބިވެޔޭ. ވަރަށް ރަނގަޅު ކުއްޖަކަށް ވާނެޔޭ. ތިހެން ތިޔަ އުޅެނީ ކީއްވެހޭ،" ހޮލްކޯމް ބުނެފައިވެ އެވެ.

އޭނާ ބުނެފައި ވަނީ މިގޮތަށް ވާހަކަ ދެއްކުމުން ކުއްޖާ އަމިއްލަ އަށް އެ ދައްކާ ވާހަކައާ އެއްގޮތަށް ވިސްނުމާއި ފިކުރު ބަދަލުކުރާ ކަމަށެވެ. އަދި އެ ކުއްޖަކަށް އުޅެވޭ ގޮތާއި އެ އުޅުމުގެ ސަބަބުން އެހެން ކުދިންނަށް ވާ އުނދަގޫ ވެސް ވިސްނި، އުޅުމަށް ބަދަލު ގެންނަން ދެވޭ ހިތްވަރަކަށް ވެގެންދާ ކަމަށް ބުނެފައިވެ އެވެ.

ތަޖުރިބާކާރުން ވިދާޅުވަނީ ތިއީ ބޯހަރު ކުއްޖެކޭ، ބަސް ނާހާ ކުއްޖެކޭ ބުނެގެން ނުވާނެ ކަމަށެވެ. އެހެން ބުނުމުން ކުއްޖާ ބައްޓަން ވާނީ އެގޮތަށް ކަމަށާއި އިސްލާހު ވުމުގެ ފިކުރެއް ނާންނާނެ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ. އަދި ކުއްޖަކާ މެދު ދެބަސްވެގެން އުޅޭ ކުއްޖާއާ ދިމާލަށް ވެސް، އެ ކުއްޖަކީ އަބަދު އެހެން ކުދިންނާ ޖައްސާލައިގެން އުޅޭ ކުއްޖެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކުމުން މައްސަލަ ހައްލު ނުވާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.