ސާފް ސުޒުކީ ކަޕުގެ އެންމެ މޮޅު ކުޅުންތެރިޔާ ވޮލީ ކޯޓުގައި
ސާފް ސުޒުކީ ކަޕުގެ އެންމެ މޮޅު ކުޅުންތެރިޔާ ވޮލީ ކޯޓުގައި

ނިމިގެން ދިޔަ ސާފް ސުޒުކީ ކަޕުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދި ރާއްޖޭގެ ކުޅަދާނަ ގޯލްކީޕަރު މުހައްމަދު ފައިސަލް، މިހާރު ކުރިއަށްދާ އެސޯސިއޭޝަން ކަޕް ވޮލީބޯޅަ މުބާރާތުގައި އާއި ސްޕޯޓްސް ކްލަބަށް ކުޅެފި އެވެ.

ސާފް ސުޒުކީ ކަޕުގެ އެންމެ މޮޅު ކުޅުންތެރިޔާ ވޮލީ ކޯޓުގައި
ސާފް ސުޒުކީ ކަޕުގެ އެންމެ މޮޅު ކުޅުންތެރިޔާ ވޮލީ ކޯޓުގައި

ފައިސަލްގެ އެހީއާ އެކު އެސޯސިއޭޝަން ކަޕުގައި ރޭ ހޯކްސް ސްޕޯޓްސް އަތުން އާއި ސްޕޯޓްސް ކްލަބް މޮޅުވީ 3-1 ސެޓުންނެވެ.

ނިއު ރޭޑިއަންޓުން މުސާރަ ނުދޭތީ ފައިސަލް މިދިޔަ ދުވަސްތަކުގައި ޕްރެކްޓިހަށް ހާޒިރުނުވެ އެވެ. އޭނާ ބުނީ އަބަދުވެސް އެންމެ ޝައުގުވެރިވާ ކުޅިވަރުގައި ފުރަތަމަ ޑިވިޝަނުގައި ކުޅެލަން ފުރުސަތު ލިބުމުން ބޭނުން ހިފީ ވެސް ޕްރެކްޓިސް ނުކުރާތީ ފިޓްނަސް ހިފެހެއްޓުމުގެ ގޮތުން ކަމަށެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މި ހަފުތާގައި ފ. ނިލަންދޫ އަތުން 1-0 އިން ނިއު މޮޅުވި މެޗުގައި ފައިސަލް ނުކުޅެ އެވެ.

ފައިސަލްގެ އިތުރުން މި އަހަރު ޔުނައިޓެޑް ވިކްޓަރީ އަށް ކުޅުނު ތަޖުރިބާކާރު ޑިފެންޑަރު ފަރުހާދު އިސްމާއިލް ވެސް އާއި ސްޕޯޓްސް ކްލަބުގައި ހިމެނެ އެވެ. ފަރޭ ވަނީ ކުރިން ވެސް ވޮލީ ކުޅެފަ އެވެ.

ފައިސަލް ބުނީ ފުޓްބޯޅަ އަށް ވުރެ ބަލާ ހިތްވަނީ ވެސް ވޮލީ ކަމަށާއި އަބަދުވެސް ޗުއްޓީގައި ރަށަށް ގޮސް ވެސް ވޮލީ ޓީމު ހަދައި ރިޒޯޓްތަކަށް ގޮސް ކުޅޭ ކަމަށެވެ.

"އެހެންވެ ފުރަތަމަ ޑިވިޝަނުގެ ޓީމަކުން ފުރުސަތު ލިބުނީމާ ހިތަށް އެރީ ކުޅޭނީއޭ. އަނެއްކާ ތަންކޮޅެއް ދަށް ޓީމެއްގައި ވީމާ ފެންވަރު ދައްކާލަން ވެސް ފުރުސަތު އެބަ ލިބޭ. އެހެންވެ މީގެ ބޭނުން ހިފީ،" ފައިސަލް ބުންޏެވެ.

ފުޓްބޯޅަ ކެރިއަރަށް ފަހު ވޮލީބޯޅައިން ފެނިދާނެތޯ އެހުމުން ފައިސަލް ބުނީ އެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި މިހާރު ފުޓްބޯޅައަށް ދިމާވެފައިވާ މާލީ މައްސަލަތަކާ އެކު، ފަހަރުގައި ފުޓްބޯޅަ ކުޅެމުން ވެސް ވޮލީން ފެނިދާނެ ކަމަށް އޭނާ ބުންޏެވެ.

ގައުމީ ޓީމުން ވެސް މިދިޔަ ތިން މަސް ދުވަހުގެ މުސާރަ ނުލިބޭ ކަމަށާއި އަދި ދޭން ބުނި ބޯނަސްތައް ވެސް ނުލިބި ކުޅުންތެރިން ނުލިބޭތީ ގައުމީ ޓީމުގެ ކުޅުންތެރިން މިދިޔަ ހަފުތާގައި ވަނީ ޝަކުވާކޮށްފަ އެވެ.

ނިއު ރޭޑިއަންޓުގައި އިމްރާން މުހައްމަދު ހުރުމުން ފައިސަލަށް ކްލަބް ލެވެލްގައި މިދިޔަ ދޮޅު އަހަރެއްހާ ދުވަހު ފުރުސަތު މަދުވި ނަމަވެސް ފައިސަލް ވަނީ ރާއްޖޭން ސާފް ސުޒުކީ ކަޕް ކާމިޔާބުކުރިއިރު ތަފާތު ދައްކައިފަ އެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ކީޕަރަކަށް ލިބޭތީ ވަރަށް ތަފާތު ކުޅުމެއް ދައްކައިގެންނެވެ.

އޭވައިއެލް އިން 2007 ވަނަ އަހަރު ފުޓްބޯޅަ ކެރިއަރު ފެށި ފައިސަލް ވަނީ ވިކްޓަރީ އާއި ވެލެންސިއާ އަށް ވެސް ކުޅެފަ އެވެ. އޭނާ މިދިޔަ ސީޒަނުގެ މެދުތެރެއިން ނިއުއާ ގުޅި އެ ޓީމާ އެކު މިދިޔަ އަހަރުގެ ދިވެހި ލީގާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް އަދި މި އަހަރުގެ އެސްޓީއޯ މާލޭ ލީގު ކާމިޔާބުކުރި އެވެ.

ރާއްޖޭގައި ނުވަދިހައިގެ އަހަރުތަކާ ހަމަޔަށް ފުޓްބޯޅަ ކުޅުންތެރިން ވޮލީބޯޅަ އާއި ކްރިކެޓް މަތީ ފަންތީގައި ކުޅުމަކީ އާއްމު ކަމެކެވެ. އެންމެ ފަހުން އެގޮތަށް ފާހަގަވި ތިން ކުޅުންތެރިންނަކީ ބާސްކެޓްބޯޅަ ކުޅެމުން ފުޓްބޯޅަ ކުޅުނު އިލްޔާސް އިބްރާހިމް (އިއްލި) އާއި މުހައްމަދު ޝިނާން (ނާނި) އަދި މުހައްމަދު މުހުސިން (މުންޗުޅި) އެވެ. މީގެ ތެރެއިން އިއްލި އާއި ނާނި ވަނީ ގައުމީ ފުޓްބޯޅަ ޓީމަށް ވެސް ކުޅެފަ އެވެ.