18 އޮކްޓޯބަރ 2018 - 06:47

ތާރީހީ ލޯބީގެ ފިލްމު "ތަހުތު" ގައި ކިޔައިދޭނީ ހަގީގީ ހާދިސާތަކެއް ކަމަށާއި ފިލްމުގައި ހިޔާލީ އެއްވެސް ކަމެއް ހިމަނާފައި ނުހުންނާނެ ކަމަށް ޑައިރެކްޓަރު ކަރަން ޖޯހަރު ބުނެފި އެވެ.
މިއީ އޭނާ ތާރީހީ ފިލްމެއް ހަދާ ފުރަތަމަ ފަހަރު ވެސް މެ އެވެ. "ތަހުތު" ބިނާކޮށްފައި ވަނީ އިންޑިއާގައި މުގާލްގެ ރަސްކަން އޮތް ޒަމާނަށެވެ. ވަރަށް ބޮޑެތި ދިރާސާތަކެއް ހަދައިގެން ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ސުމިތު ރޯއި އެވެ.
"ތަހުތު" ގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު، ކަރަން ބުނި ގޮތުގައި އޭނާ ބޭނުން ވަނީ ލިޔުންތެރިޔާ ގެނެސް ދީފައި އޮތް ގޮތަށް ފިލްމު ގެނެސް ދޭށެވެ. އެހެންވެ ހިޔާލީ އެއްވެސް ކަމެއް ފިލްމުގައި ނުހުންނާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް، 2016 ގައި "އޭ ދިލް ހޭ މުޝްކިލް" ގެނެސް ދިން ޑައިރެކްޓަރު ބުންޏެވެ.
"މިއީ ސީދާ ތާރީހުގައި ކަން ހިނގާފައި އޮތް ގޮތަށް ގެނެސްދޭނެ ފިލްމެއް. އަދި އެކަންކަމަކީ ގިނަ މީހުންނަށް އެކަންކަން އެނގޭނެ ކަންކަން،" ކަރަން ބުންޏެވެ. "ހިޔާލީ އެއްވެސް ކަމެއް މިއަކު ނުހުންނާނެ. އެ ގެރެންޓީ ދެވޭނެ."
މީގެ ކުރިން ބޮލީވުޑްގައި ހަދާފައިވާ ތާރީހީ ބައެއް ފިލްމުތަކަށް ޑައިރެކްޓަރުން އަމިއްލަ އަށް ހިޔާލީ ކަންތައްތައް ލައިގެން ތާރީހުގެ ސޮފުހާތައް އޮޅުންބޮޅުން ކުރަން މަސައްކަތްކޮށްފައިވާ ކަމުގެ ތުހުމަތު ވެސްކޮށް، އެފަދަ ފިލްމުތަކާ ދެކޮޅަށް ބޮޑެތި ހަރަކާތްތައް ވެސް ހިންގާފައިވެ އެވެ.
އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މި އަހަރުގެ ކުރީކޮޅު ރިލީޒް ކުރި ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތު" އެވެ. އެ ފިލްމަކީ ވަރަށް ގިނަ މައްސަލަތައް ކުރިމަތިވި ފިލްމެކެވެ.
ކަރަން ބުނީ "ތަހުތު" ގެނެސް ދޭން ބޭނުންވީ މުގާލްގެ ރަސްކަމުގައި ހިނގާފައި ހުރި ހާދިސާތަކެއް ބެލުންތެރިންނަށް ކިޔައިދިނުން މުހިއްމުވާތީ ކަމަށެވެ.
"އަހަރެން އެންމެ ހިތްހަމަޖެހޭ ކަމަކީ މީގެ ސްކްރިޕްޓަށްކޮށްފައި އޮތް މަސައްކަތް. ވަރަށް ފުރިހަމަ ސްކްރިޕްޓް. އެއަށް އިންސާފުކޮށް ދޭން އަހަރެންގެ މެކްސިމަމް ދޭނަން،" އޭނާ ބުންޏެވެ. "އިންޑިއާގައި ގިނަ ފަހަރަށް ލިޔުންތެރިން ކުރާ މަސައްކަތްތަކަށް ދެވޭ ސަމާލުކަން. އެކަމަކު ފިލްމެއް ރީތި، ފުރިހަމަ އަދި މޮޅު ފިލްމަކަށް ވާނީ ލިޔުންތެރިޔާކޮށްފައި އޮންނަ އަގުހުރި މަސައްކަތުން. އެކަން ހަނދާނުގައި ބަހައްޓާނެ މީހެއް އަހަންނަކީ. އަހަރެން ގަބޫލު ކުރާ ގޮތުގައި ފިލްމެއްގެ ހިތަކީ ސްކްރީންޕްލޭ."
ދެހާސް ވިހި ވަނަ އަހަރު ރިލީޒް ކުރަން ނިންމާފައިވާ "ތަހުތު" ގެ ކާސްޓުންނަކީ ރަންވީރު ސިންގް، ކަރީނާ ކަޕޫރް، ވިކީ ކޯޝަލް، އާލިއާ ބަޓް، އަނިލް ކަޕޫރް، ޖާންވީ ކަޕޫރް އަދި ބޫމީ ޕެޑްނޭކަރް އެވެ.