ކަލާޒްގެ "ސިލްސިލާ ބަދަލްތޭ ރިޝްތޯން ކާ" ވެސް ހުއްޓާލަނީ
ކަލާޒްގެ "ސިލްސިލާ ބަދަލްތޭ ރިޝްތޯން ކާ" ވެސް ހުއްޓާލަނީ

ކަލާޒް ޗެނެލުން މިހާރު ގެނެސްދޭ ސިލްސިލާތަކުގެ ތެރެއިން "ސިލްސިލާ ބަދަލްތޭ ރިޝްތޯން ކާ" އަކީ ފެށިތާ ކުރީކޮޅު ބެލުންތެރިން ވަރަށް ގަޔާވި މަގުބޫލު ޝޯއެކެވެ. އެކަމަކު މި ޝޯގެ ޝައުގުވެރިކަން ގެއްލި ކަލާޒްގެ ޓީއާރްޕީ އަށް ވެސް މާ ބޮޑު ކުރިއެރުމެއް ނުލިބުނެވެ. އެހެންވެ މިހާރު އިވެނީ މި ސިލްސިލާ ހުއްޓާލަން އުޅޭ ވާހަކަ އެވެ.

ފިލްމީ ހަބަރުތައް ގެނެސްދޭ އިންޑިއާގެ ގިނަ ނޫސްތަކުން ބުނި ގޮތުގައި މި ސިލްސިލާ އަށް ނިމުމެއް ގެންނާނީ އަންނަ މަހުގެ ފަހުކޮޅު ނުވަތަ ޑިސެމްބަރު މަހުގެ ކުރީކޮޅު އެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި ދައްކަން ފެށި "ސިލްސިލާ ބަދަލްތޭ ރިޝްތޯން ކާ" ގައި ލީޑް ރޯލް ކުޅެނީ އިންޑިއާގެ އެންމެ މަގުބޫލު ޓީވީ ތަރިންގެ ތެރޭގައި ހިމެނޭ ދުރަޝްތީ ދާމީ އާއި ޝަކްތީ އަރޯރާގެ އިތުރުން އަދިތީ ޝަރްމާ އާއި ބޮލީވުޑްގެ ބައެއް ފިލްމުތަކުން ވެސް މިހާރު ފެންނަ އަބީނާވް ޝުކްލާ އެވެ.

ޖޫން މަހުގެ 4 ގައި ދައްކަން ފެށި "ސިލްސިލާ ބަދަލްތޭ ރިޝްތޯން ކާ" ގެ 100 އެއްހާ އެޕިސޯޑް ކަލާޒުން މިހާރު ވަނީ ގެނެސް ދީފަ އެވެ.

މީގައި ކިޔައި ދެނީ ކައިވެނިން ބޭރުން ހިންގާ ގުޅުންތަކާއި ގެވެށި އަނިޔާތައް ފަދަ ކަންކަމުން އާއިލާތަކަށް ދިމާވާ ހިތްދަތި ހާދިސާތަކެވެ.