އޮސްޓްރޭލިއާ އެމްބަސީ ވެސް ގުދުސް އަށް ބަދަލު ކުރަނީ
އޮސްޓްރޭލިއާ އެމްބަސީ ވެސް ގުދުސް އަށް ބަދަލު ކުރަނީ

ސިޑްނީ (އޮކްޓޯބަރު 16) - އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އޮސްޓްރޭލިއާ އިން ބަލައިގަނެ ތެލް އަވީވުގައި ހުރި އެ ގައުމުގެ އެމްބަސީ ގުދުސް އަށް ބަދަލު ކުރަން ވިސްނަމުންދާ ކަމަށް ބޮޑު ވަޒީރު ސްކޮޓް މޮރިސަން ވިދާޅުވެއްޖެ އެވެ.

އެމެރިކާ އިން ވަނީ އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް ބަލައިގަނެ އެ ގައުމުގެ އެމްބަސީ ގުދުސް އަށް ބަދަލުކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން ބައިނަލްއަގުވާމީ ގޮތުން ވަނީ އެމެރިކާ އަށް ބޮޑު ނުރުހުންތެރިކަން އަމާޒުކޮށްފަ އެވެ. އަދި ފަލަސްތީނުގައި ވަނީ ބޮޑު ހަމަނުޖެހުމެއް އުފެދިފަ އެވެ.

މޮރިސަން ވިދާޅުވީ އިޒްރޭލް-ފަލަސްތީން މައްސަލަ ހައްލު ކުރުމުގައި އޮސްޓްރޭލިއާ އިން ބުރަވަނީ ދެ ދައުލަތް އުފެއްދުމަށް ކަމަށެވެ. އިޒްރޭލާއި ފަލަސްތީނުގެ މައްސަލަ އަށް ހޯދާ ކޮންމެ ހައްލެއް ގުޅިފައި ވަނީ ގުދުސްގެ ކުރިމަގާ އެވެ.

އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ބަލައިގަންނަކަން ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރެއްވީ މިދިޔަ ޑިސެމްބަރު މަހު އެވެ. އެމްބަސީ ގުދުސް އަށް ބަދަލުކޮށްފައި ވަނީ މެއި މަހު އެވެ.

މޮރިސަން ވިދާޅުވީ އޮސްޓްރޭލިއާ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމާ ގުޅޭ ގޮތުން ކެބިނެޓާ މަޝްވަރާ ކުރާނެ ކަމަށެވެ. އަދި އެ ކަމުގައި ގައުމުތަކުގެ ޚިޔާލު ހޯދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގުދުސް އަކީ އިޒްރޭލުގެ ވެރިރަށުގައި ގޮތުގައި ބަލައިގަންނަން އޮސްޓްރޭލިއާ އިން ވިސްނަމުންދާކަން މޮރިސަން އަންގަވާފައިވާ ކަމަށެވެ.

އޮސްޓްރޭލިއާގެ ކުރީގެ ބޮޑު ވަޒީރު މެލްކޮމް ޓާންބުލް ވަނީ އޮސްޓްރޭލިއާ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމަށް ދެކޮޅު ހައްދަވައިފަ އެވެ.