16 އޮކްޓޯބަރ 2018 - 12:41

ޖިއްދާ، ސައޫދީ އެރެބިއާ (އޮކްޓޫބަރު 16) - ލިއޮނަލް މެސީ އަކީ ހުނަރަށް ބަލާއިރު ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި އޭނާގެ އެހީތެރިކަން އާޖެންޓީނާ ޓީމަށް އަދިވެސް މުހިއްމު ކަމަށް އެ ޓީމުގެ ގޯލްކީޕަރު ސާޖިއޯ ރޮމޭރޯ ބުނެފި އެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާގެ ނަތީޖާތަށް ދަށްވުމުގެ ސަބަބުން މެސީ އަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވި އެވެ. ވޯލްޑް ކަޕްގެ ފަހުން އާޖެންޓީނާ އިން އެ ޓީމުގެ ކޯޗުގެ މަގާމަށް ކުރީގެ ކުޅުންތެރިން ލިއޮނަލް ސްކަލޯނީ ގެނައިރު، އޭނާގެ ބެލުމުގެ ދަށުން މިހާތަނަށް އާޖެންޓީނާ ކުޅުނު މެޗުތަކަށް ނެގި ސްކޮޑުގައި މެސީ ނުހިމެނެ އެވެ.
ސްކަލޯނީ ވަނީ އަލުން މެސީ ގައުމީ ޓީމުން ފެންނާނެ ކަމަށް ބުނެފަ އެވެ. އެކަމަކު މީޑިއާ ރިޕޯޓްތައް ބުނާގޮތުން ގައުމީ ޓީމަށް އެނބުރި އައުމާ ބެހޭގޮތުން މެސީ އަދި ވަކިގޮތެއް ނުނިންމަ އެވެ.
އެކުވެރިކަމުގެ މެޗެއްގައި މިރޭ ބްރެޒިލާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އާޖެންޓީނާގެ ކީޕަރު ރޮމޭރޯ ބުނީ މެސީ އަށް އަމާޒުުވާ ފާޑުކިޔުންތައް އިންސާފުވެރިއެއް ނޫން ކަމަށެވެ.
"މެސީ އަށް އަމާޒުވަނީ އިންސާފުވެރި ފާޑުކިޔުންތަކެއް ނޫން. ޓީމެއް ބަލިވަނީ އެއް ކުޅުންތެރިއެއްގެ ސަބަބުންނެއް ނޫން. މެސީ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ. އެންމެ މޮޅު ކުޅުންތެރިޔާ ގެނެސްގެން އެއްވެސް ޓީމެއް ދަށެއް ނުވާނެ. އެ ޓީމެއްގެ ފެންވަރު ރަނގަޅުވާނީ. ފުޓްބޯޅައިގައި އޮންނަނީ މޮޅުވުމާއި ބަލިވުން. އެ ހަގީގަތް ގަބޫލުކުރަން ޖެހޭ،" އަނިޔާގެ ސަބަބުން މި ފަހަރުގެ ވޯލްޑް ކަޕްގައި ނުކުޅެވުނު ރޮމޭރޯ ބުންޏެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ދެ ވަނަ ގޯލްކީޕަރުގެ މަގާމު ފުރަމުން އަންނަ ރޮމޭރޯ ބުނީ މެސީ ނެތަސް ބްރެޒިލްގެ މައްޗަށް ކުރި ހޯދޭނެ ކަމަށެވެ.
"އާޖެންޓީނާ ކޮންމެ މެޗަކަށް ވެސް ނުކުންނާނީ މޮޅުވާން. އެކުވެރިކަމުގެ މެޗެއްގައި އޮންނާނީ އެ ވިސްނުން. އަދި ހާއްސަކޮށް ބްރެޒިލާ ދެކޮޅަށް ކުޅޭ މެޗުތަކުން މޮޅުވުމަކީ ސަޕޯޓަރުން ވެސް އެންމެ ބޭނުންވާނެ ގޮތް. މެސީ ނުލައި ވެސް އަހަރެމެންނަށް ބްރެޒިލް ބަލިކުރެވޭނެ،" ރޮމޭރޯ ބުންޏެވެ.
މިރޭގެ މެޗަކީ އާޖެންޓީނާ އާއި ބްރެޒިލް ބައްދަލުކުރާ 105 ވަނަ މެޗެވެ. ބްރެޒިލް 40 މެޗުން މޮޅުވެފައިވާއިރު، އާޖެންޓީނާ ވަނީ 38 މެޗު ކާމިޔާބު ކޮށްފަ އެވެ. އަނެއް 26 މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ސައުދީ އަރަބިއާގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 22:45 ގަ އެވެ.