16 އޮކްޓޯބަރ 2018 - 11:44

އިސްތަންބޫލް (އޮކްޓޯބަރު 16) - ގެއްލިފައިވާ ނޫސްވެރިޔާ ޖަމާލް ޚާޝޮގްޖީގެ ޚަބަރެއް ވޭތޯ ބެލުމަށް ތުރުކީ ފުލުހުން އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަދެއްޖެ އެވެ.

ސައުދީ ރައްޔިތެއް ކަމަށްވާ ޚާޝޮގްޖީ ސައުދީ ކޮންސިއުލޭޓަށް ދިޔައީ މި މަހު 2 ވަނަ ދުވަހު އެވެ. އޭގެ ފަހުން އޭނާގެ ޚަބަރެއް ނުވެ އެވެ. ތުރުކީން ތުހުމަތު ކުރަނީ ކޮންސިއުލޭޓް ތެރޭ ޚާޝޮގްޖީ މަރާލީ ކަމަށެވެ. ނަމަވެސް ސައުދީ ސަރުކާރުން އެ ތުހުމަތު ދޮގު ކުރެ އެވެ.

ކޮންސިއުލޭޓް ބަލައި ފާސްކުރަން ތުރުކީ ފުލުހުން ބޭނުންވި ނަމަވެސް އިއްޔެއާ ހަމައަށް އެ ހުއްދަ ސައުދީން ދީފައެއް ނުވެ އެވެ. ނަމަވެސް ތުރުކީ ފުލުހުން އިއްޔެ ވަނީ ކޮންސިއުލޭޓުގެ ބޭރުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ފަހު ކޮންސިއުލޭޓަށް ވަދެފަ އެވެ. މަންޒަރު ދުށް ނޫސްވެރިން ބުނި ގޮތުގައި ފުލުހުން ވަނީ ކޮންސިއުލޭޓުން ބައެއް ތަކެތި ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ޕްރިންޓަރާއި ފައިލްތައް ހިމެނޭ ކަމަށް ބުނެފައިވެ އެވެ.
ކޮންސިއުލޭޓް ބޭރުގައި ކޭމްޕް ޖަހައިގެން ތިބި ނޫސްވެރިން ބުނީ ތުރުކީ ފުލުހުން ކޮންސިއުލޭޓަށް ވަނުމުގެ ގަޑިއެއްހާ އިރު ކުރިން ސައުދީ ވަފުދެއް ވެސް ކޮންސިއުލޭޓަށް ވަދެފައިވާ ކަމަށެވެ.
ނޫސްވެރިޔާ ގެއްލުނު މައްސަލާގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އާއި ސައުދީ ރަސްގެފާން ސަލްމާން އިއްޔެ ވަނީ ފޯނުން މަޝްވަރާ ކުރައްވައިފަ އެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ސަލްމާން ރަސްގެފާނަށް ފޯނުން ގުޅުއްވައި ނޫސްވެރިޔާ ގެއްލުނު މައްސަލާގައި ވާހަކަ ދައްކައިފަ އެވެ.