17 އޮކްޓޯބަރ 2018 - 06:57

އަލަށް ކޮމްޕިއުޓަރު ބޭނުންކުރަން ފެށި އިރު، 90ގެ ތެރޭގައި އެންމެ މަގުބޫލު އެއް މީޑިއާ ޕްލޭޔަރަކީ "ވިންއެމްޕް" އެވެ. އެކި ފާޑުގެ "ސްކިން" ގައި ވަރަށް ނަލަކޮށް ސްކްރީނުން ފެންނަ މި ޕްލޭޔަރުގެ އަޑެއް ބަޑެއް ނީވި އެތައް އަހަރެއް ވުމަށް ފަހު މިހާރު ތައްޔާރުވަމުން އަންނަނީ މޮބައިލް ފޯނު އެޕެއްގެ ގޮތުގައި އެނބުރި އައުމަށެވެ.
"ވިންއެމްޕް" ރިލީޒްކުރީ 1997 ވަނަ އަހަރު އެވެ. އެއީ މުޅިން ހިލޭ ބޭނުންކުރެވޭ ސޮފްޓްވެއާއެކެވެ. އެކަމަކު އޭއޯއެލް އިން 2002 ވަނަ އަހަރު މި ސޮފްޓްވެއާ ގަނެ އަދި އޭގެ ފަހުން އެ ކުންފުނިން "ރޭޑިއޮނޮމީ" ކުންފުންޏަށް 2014 ވަނަ އަހަރު މި ވިއްކާލީ އެވެ. މި ވިޔަފާރީގެ ތެރޭގައި ވިންއެމްޕްގެ އަޑު އޮތީ ކެނޑިފަ އެވެ.
"ވިންއެމްޕް"ގެ އަޕްޑޭޓެއް އެންމެ ފަހުން އައީ 2013 ވަނަ އަހަރު އެވެ. އޭގެ ފަހުން އޮތް ގޮތަށް އޮވެފައި އެޕްލިކޭޝަނެއްގެ ގޮތުގައި އެނބުރި އަންނަން މިހާރު ތައްޔާރުވަނީ އެވެ.
"މީގެ މުޅިން އާ ވާޝަނެއް، އޭގެ އަސްލު ނުގެއްލޭ ގޮތަށް، އަންނަ އަހަރު ނެރޭނަން. އެކަމަކު ކުރެވޭ ތަޖުރިބާ މުޅިން ތަފާތުވާނެ،" ރޭޑިއޮނޮމީގެ ސީއީއޯ އެލެގްޒެންދްރާ ސަބޫންޖާންއާ ހަވާލާދީ ޓެކްކްރަންޗުން ބުނެފައިވެ އެވެ.
އޭނާ ބުނި ގޮތުގައި އެމްޕީ3 ފައިލް އާއި ޕޮޑްކާސްޓާއި ކްލައުޑުން ވެސް އަޑު އެހޭނެ އެވެ. އަދި ސްޓްރީމިން ސާވިސްތަކަށް ވެސް ބޭނުންކުރެވޭނެ އެވެ. މިއިން ކޮންމެ ގޮތަކަށް ބޭނުންކުރިޔަސް އެ މީހެއްގެ އަމިއްލަ ޕްލޭލިސްޓެއް ހަދާލެވޭނެ އެވެ.
މައިގަނޑު ބޭނުމަކީ މޮބައިލް ޑިވައިސްތަކާއި ޑެސްކްޓޮޕްގައި ވެސް ބޭނުންކުރެވޭ ގޮތަށް، އާ ފީޗާތަކާ އެކު "ވިންއެމްޕް" ތަރައްގީކުރުމެވެ. އެކަމަކު އަލަށް ނެރޭ ވާޝަނާ ބެހޭ ގޮތުން އިތުރު މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.