16 އޮކްޓޯބަރ 2018 - 10:51

އަނގޮޓި އެތެރެކޮށްގެން، ރިޔާސީ އިންތިޚާބު އޮޅުވާލައި ޖަރީމާ ހިންގަވަން އުޅުއްވީ ރައީސް އަބްދުﷲ ޔާމީން ކަމަށް ތުހުމަތުކޮށްފައިވާ ޓުވީޓެއް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް މިއަދު ރިޓުވީޓް ކުރައްވައިފި އެވެ.
ރައީސް އަބްދުﷲ ޔާމީނަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެވަޑައިގެންނެވި އިންތިޚާބުގެ ބަލި ގަބޫލުކުރެއްވުމަށް ފަހު، މައްސަލަތަކެއް ފާހަގަކޮށް އިންތިޚާބު ބާތިލްކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. އިންތިޚާބު އޮޅުވާލީ، އަނގޮޓި ގެނެސް ކަމަށް ބުނާއިރު، ތުހުމަތު ކުރަނީ އެ އަނގޮޓި ގެނައީ ޝަރީފް ކަމަށެވެ.
ސިޔާސީ ކަންކަމުގައި އެކުގައި އުޅުއްވި ޒަމާންވީ އެކުވެރިޔާ، ޝަރީފް ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް، އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން އިންތިޚާބު އޮޅުވާލީ ކަމުގެ ތުހުމަތު ރައީސް ޔާމީން ވެސް ވަނީ ކުރައްވައިފަ އެވެ. އެކަމަކު މިހާތަނަށް އެއްޗެއް ވިދާޅުނުވެ ހުންނެވުމަށް ފަހު ޝަރީފް މިއަދު ވަނީ، އިންތިޚާބު އޮޅުވާލުމާ ގުޅޭ ގޮތުން ރައީސް ޔާމީނަށް ފާޑުވިދާޅުވެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ކުރެއްވި ޓުވީޓެއް، ރިޓުވީޓް ކުރައްވައިފަ އެވެ.
ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އަމީތު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަނގޮޓި، އަމިއްލަ އަށް އެތެރެކޮށްފައި ހެއްކެއްގެ ގޮތުގައި ކޯޓަށް ހުށަހެޅީ، އޭގެ ފޮޓޯ ނަގައިގެން ކަމަށެވެ. އިންތިޚާބު ބާތިލްކުރަން ހެކީގެ ގޮތުގައި މުޅިން ވެސް ހުށަހަޅާފައި ވަނީ، އިންތިޚާބު އޮޅުވާލަން ރައީސް ޔާމީން އަމިއްލަފުޅަށް ރާއްވަވާފައި ހުރި ކަންކަން ކަމަށް ވެސް އަމީތު ތުހުމަތު ކުރެއްވި އެވެ.
އެއާއެކު ވިދާޅުވީ، ހެކި އުފައްދައިގެން އިންތިޚާބު ބާތިލްކުރަން އުޅުމަކީ ވެސް ޖަރީމާއެއް ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީނަށް ދެ ވަނަ ދައުރެއް ކާމިޔާބު ކޮށްދެއްވަން ކެމްޕޭން ކުރެއްވި ޝަރީފް އިލެކްޝަންސް ކޮމިޝަނުގެ ރައީސަކަށް ހަމަޖައްސަވައި އެ ކޮމިޝަނުން ކަންކަން ކުރަމުން ދިޔަ ގޮތުން އިލެކްޝަންސް ކޮމިޝަނުގެ މިނިވަންކަމާ ދޭތެރޭ އިދިކޮޅު ޕާޓީތަކުން ސުވާލު އުފެއްދި އެވެ. ރައީސް ޔާމީނަށް ފަހިވާގޮތަށް، ކަންކަން ތަރުތީބު ކުރަމުން ދިޔަ ކަމުގެ ތުހުމަތުު ވެސް ކުރި އެވެ.
އެކަމަކު އޭރު، އެ ތުހުމަތުތައް ދޮގުކުރަމުން ޕީޕީއެމުން ބުނަމުން ދިޔައީ އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ނުފޫޒެއް ނެތް ކަމަށެވެ. އަދި މިއީ، ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ މިނިވަން، އިންސާފުވެރި އިންތިޚާބު ކަމަށް ވެސް ޕީޕީއެމުން ވަނީ ބުނެފަ އެވެ.