މެޑްރިޑުގައި މިހިރީ ކެތްތެރިވެގެން: ވިނީޝަސް
މެޑްރިޑުގައި މިހިރީ ކެތްތެރިވެގެން: ވިނީޝަސް

މެޑްރިޑް (އޮކްޓޯބަރު 16) – ފުރަތަމަ އެގާރައިން ޖާގައެއް ޔަގީންކުރުމުގެ ފުރުސަތަކަށް ބަލަމުން އަންނައިރު ކެތްތެރިވާނެ ކަމަށް ރެއާލް މެޑްރިޑުގެ ބްރެޒިލް ފޯވާޑް ވިނީޝަސް ޖޫނިއާ ބުނެފި އެވެ.

ބްރެޒިލްގެ ފްލެމިންގޯގެ ކުރީގެ ކުޅުންތެރިއާގެ ސޮއި މެޑްރިޑުން ހޯދީ 45 މިލިއަން ޔޫރޯ އަށެވެ. މިއީ 19 އަހަރުން ދަށުގެ ކުޅުންތެރިއަކަށް ކްލަބަކުން މިހާތަނަށް ހޭދަކުރި އެންމެ ބޮޑު އަދަދެވެ. އޭނާ މެޑްރިޑާ ގުޅުނީ މި ސީޒަނުގަ އެވެ.

ޕްރީ ސީޒަނުގައި އެކުވެރިކަމުގެ މެޗުތަކުގައި މޮޅު ކުޅުމެއް ދެއްކި ވިނީޝަސް އަށް ސްޕެނިޝް ލީގު މެޗުތަކުގައި މިހާތަނަށް ކުޅެން ލިބުނީ 12 މިނެޓެވެ.

"ކޮންމެ ކަމެއް ވެސް އެކަމެއްގެ ވަގުތު ޖެހުމުން ވާނެ. އަހަރެން ޖެހޭ ކެތްތެރިވެ މަސައްކަތް ކުރިއަށް ގެންދަން. މި ޓީމުގައި ހިމެނި އަމާޒަށް ވާސިލްވާން އެހީތެރިވުމުގެ ފުރުސަތު ލިބުމަކީ ވެސް އަހަންނަށް ޝަރަފެއް،" ވިނީޝަސް ބުންޏެވެ.

ރެއާލް މެޑްރިޑުގެ ދަނޑުގައި ވިނީޝަސް ފުރަތަމަ ފަހަރަށް ކުޅުނީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ. އޭނާ ބުނީ މެޑްރިޑް ޑާބީގައި ފުރަތަމަ މެޗު ކުޅެން ލިބުމަކީ އާދަޔާހިލާފު އުފަލެއް ކަމަށެވެ.

"މި ކްލަބުގައި އަހަރެން މި ކުޅެނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންނާ އެކު. މިއީ ކޮންމެ ކުޅުންތެރިޔަކަށް ވެސް ހުވަފެނެއް،" ވިނީޝަސް ބުންޏެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ޕީއެސްޖީގެ ނޭމާއާ އެއް ސްޓައިލަކަށް ކުޅޭ ވިނީޝަސް ކުރިން ބުނީ ސީދާ ނޭމާ އަށް ވުމުގެ ޝައުގެއް ނެތް ކަމަށާއި ބޭނުންވަނީ އަމިއްލަ ކެރިއަރެއް ބިނާކުރަން ކަމަށެވެ. އަދި ބައިވަރު ކާމިޔާބީތަކެއް ހޯދައި، ބްރެޒިލްގެ އެތައް ބަޔަކަށް އުފާވެރިކަން ގެނެސްދޭން ކަމަށް ވެސް ބުނެފައިވެ އެވެ.

ވިނީޝަސް ވަނީ މިދިޔަ އަހަރުގެ 17 އަހަރުން ދަށުގެ ސައުތު އެމެރިކަން ޗެމްޕިއަންޝިޕް ބްރެޒިލަށް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. މުބާރާތުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދިއިރު ހަތް ގޯލް ޖަހާފައިވެ އެވެ.