16 އޮކްޓޯބަރ 2018 - 09:56

ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ ބިލް ގޭޓްސްއާ ގުޅިގެން މައިކްރޮސޮފްޓް ވުޖޫދަށް ގެނައި އެއް ބާނީ ޕޯލް އެލެން ހޯމަ ދުވަހު މަރުވެއްޖެ އެވެ.
އުމުރުން 65 އަހަރުގައި އޭނާ މަރުވީ ލޭގެ ކެންސަރަށް ފަރުވާ ހޯދަނިކޮށެވެ. ޕޯލް އަށް އެންމެ ފުރަތަމަ ކެންސަރު ބައްޔަށް ފަރުވާ ހޯދަން ފެށީ 1983 ގަ އެވެ. އޭނާ ކުންފުނި ދޫކޮށްލީ ވެސް އެ ބައްޔަށް ފަރުވާ ހޯދަން ފެށުމާ ގުޅިގެންނެވެ.
އޭނާގެ މަރާ ގުޅިގެން މައިކްރޮސޮފްގެ ސީއީއޯ ސަތިޔާ ނެޑެއްލާ ޓްވިޓާގައި މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ ޕޯލްގެ ވަކިވުމަކީ މުޅި ކުންފުންޏަށް ވެސް ލިބުނު ގެއްލުމެއް އަދި ހިތާމައެއް ކަމަށެވެ. އަދި އޭނާއަކީ މައިކްރޮސޮފްޓަށް ޖާދޫއެއް ފަދަ ހުނަރުވެރި އެތައް މަސައްކަތްތަކެއް ކޮށްދީފައިވާ މީހެއް ކަމަށާއި އޭނާގެ ހިދުމަތުގެ އަގު އަބަދު ވެސް ވަޒަން ކުރާނެ ކަމަށް ބުންޏެވެ.
ޕޯލްގެ މަރާ ގުޅިގެން މައިކްރޮސޮފްޓްގެ އެހާރާއި މިހާރުގެ ވަރަށް ގިނަ މުވައްޒަފުން ހިތާމަ ފާޅުކޮށް އާއިލާ އަށް ތައުޒިޔާ ކިޔާފައިވެ އެވެ. ވަކިން ހާއްސަ ބިލް ގޭޓްސް ވަނީ ޕޯލްއާ ގުޅިގެން މައިކްރޮސޮފްޓް ވުޖޫދަށް ގެންނަން ކުރެއްވި މަސައްކަތާއި އެކުގައި ކިޔަވާ ވިދާޅުވން އުޅުއްވި އުފާވެރި ދުވަސްތަކުގެ މަތިން ހަނދާން އާ ކުރައްވައިފަ އެވެ.
"އޭނާއަކީ އެކުގައި މަސައްކަތް ކުރަން ވަރަށް ފަސޭހަ އެހާމެ ގާތް ރައްޓެއްސެއް. އަހަރެން ގަބޫލު ކުރާ ގޮތުގައި ޕޯލްއާ ނުލައި ޕާސަނަލް ކޮމްޕިއުޓިން ވުޖޫދަކަށް ވެސް ނާންނާނެ،" ބިލް ގޭސްޓް ވިދާޅުވި އެވެ. "އޭނަގެ ވަކިވުމަކީ ކޮމްޕިއުޓިން ދާއިރާ އަށް ލިބޭނެ އުނި ކަމެއް."
މައިކްރޮސޮފްޓް ވުޖޫދަށް އައީ އެޕްރީލް، 4، 1973 ގަ އެވެ. މިހާރު 131،300 މުވައްޒަފުން ވަޒީފާ އަދާ ކުރަމުން އަންނަ އެ ކުންފުންޏަކީ މިހާރު 110.360 ބިލިއަން ޑޮލަރުގެ ރައުސުލްމާލެއް އޮތް ކުންފުންޏެކެވެ.