16 އޮކްޓޯބަރ 2018 - 08:14

މިއަދުގެ އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ، ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ސިއްރު ހެކިބަސް ބަލައިގަންނަން ޖެހޭ ސަބަބެއް އޮތް ކަމަކަށް ފަސް ފަނޑިޔާރުންނަށް ފެނިވަޑައި ނުގަންނަވާ ކަމަށް. އަދި އެގޮތަށް ފަނޑިޔާރުން އިއްތިފާގު ވެފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މައްސަލަ ދިރާސާ ކުރުމުގެ ތެރޭގައި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުން. އެކަމަކު ހުކުމް އިއްވާނެ ދުވަހެއް ވިދާޅެއް ނުވޭ.

މިއަދުގެ އަޑުއެހުމުގައި ވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުންނާއި އިލެކްޝަންސް ކޮމިޝަން އަދި މައްސަލައަށް ތަދައްހުލް ވި، އިިދކޮޅު ކޯލިޝަންގެ ޕާޓީތަކުގެ ފަހު ބަސް ވެސް ނަގާފައި.

ރައީސް ޔާމީންގެ ފަރާތްޕުޅުން ސިއްރު ތިން ހެއްކަކު ހުށަހަޅާފައިވޭ. އެއީ ފާހަގަ ޖެހޭ އަނގޮޓިތަކެއް ރާއްޖެ ގެނައީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އަންގަވައިގެން ކަން ސާބިތު ކުރުމަށް. އެ ހެކިވެރިންގެ ނަންތައް ވަނީ ސިއްރު ކޮށްފައި. އެކަމަކު، އެ މީހުން ދީފައިވާ ބަޔާންތަކެއް އިއްޔެގެ އަޑުއެހުމުގައި ވަނީ ހުށަހަޅައި، މައްސަލައިގައި ހިމެނޭ ފަރާތްތަކާ ހިއްސާކޮށްފައި. އެ ބަޔާންތައް ދިނީ އެ މީހުންނަކީ ކޮން ބައެއް ކަން އެނގޭ ގޮތަށް ހުރި މައުލޫމާތުތައް އުނި ކުރުމަށް ފަހު. ނަމަވެސް ހެކިބަސް ނުނަގަން ފަނޑިޔާރުން ނިންމެވުމާ ގުޅިގެން އަދި މިއަދު ބޭއްވީ މި މައްސަލައިގެ ފަހު އަޑުއެހުން ކަމަށް ނިންމެވުމާ އެކު ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ޔަގީން ކުރެވޭ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ސިއްރު ހެކިންގެ ހެކިބަސް ނުނަގަން ނިންމައި، މި މައްސަލައިގެ އަޑުއެހުންތައް ދެންމެ ނިންމާލައިފި.

ރިޔާސީ އިންތިޚާބު ބާތިލް ކޮށްދިނުމަށް އެދިވަޑައިގެން ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ޝަރީއަތުގެ ފަހު އަޑުއެހުމަށް ދެ ގަޑިއިރަށް ވުރެ ގިނައިރު ވެފައިވާ އަދިވެސް ނުނިމޭ. މިއަދުގެ އަޑުއެހުމުގައި އޮތީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ސިއްރު ހެކިންގެ ހެކިބަސް ބަލައިގަތުމާ މެދު ގޮތެއް ނިންމުން. އަޑުއެހުން ދިގު ދެމިގެންދާ ނަމަ އާންމުކޮށް 2-3 ގަޑިއިރުގެ ތެރޭގައި އާންމުކޮށް ޝަރީއަތް މެދުކަނޑާލާ.

ސުޕްރީމް ކޯޓުގެ ކުރިމަތިން ހުންނަ ޔުނިވަސަލް އެންޓަޕްރައިޒަސް ގޯޅިތެރެއަށް މިއަދު އެއްވެ މީހުންގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުންގެ އިތުރުން، ޕީޕީއެމަށް ތާއީދުކުރާ މީހުން ވެސް އެބަތިބި. ޕީޕީއެމް މީހުން ބުނަމުން ދަނީ އިލެކްޝަންސް ކޮމިޝަނުން ވޯޓު އޮޅުވާލާފައިވާ ކަމަށް.

ބެލެވޭ ގޮތުގައި، ރިޔާސީ އިންތިޚާބު ބާތިލް ކޮށްދިނުމަށް އެދިވަޑައިގެން ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައިގެ ފަހު އަޑުއެހުން ސުޕްރީމް ކޯޓުގައި މިހާރު ވަނީ ފަށާފައި. ޝަރީއަތުގެ އަޑުއެހުމަށް މީހުން ވައްދާނީ، އާންމު އުސޫލުގެ މަތިން އެ މީހުންގެ ފޯނުތައް ސުޕްރީމް ކޯޓުގެ ސެކިއުރިޓީންނާ ހަވާލުކުރުމަށް ފަހު. އަޑުއެހުން ނިމެންދެން އެ މީހުންގެ ފޯނުތައް ބަހައްޓާފައި ހުންނާނީ ލޮކަރެއްގައި.

މިއަދުގެ ޝަރީއަތުގެ އަޑުއެހުމަށް ވަނީ 43 މީހަކު ވައްދާފައި. އޭގެ ތެރޭގައި އާންމުންނާއި މީޑިއާގެ އިތުރުން ސަރުކާރާއި އިދިކޮޅު ކޯލިޝަންގެ ބައެއް އިސްވެރިން ހިމެނޭ.

އިންތިޚާބު ބާތިލް ކޮށްދިނުމަށް އެދިވަޑައިގެން ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ފަހު އަޑުއެހުން މިއަދު ބާއްވަން ނިންމާފައިވީ ނަމަވެސް އެ މައްސަލާގައި ހުކުމް އިއްވާނެ އިރެއް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އިއްޔެގެ ޝަރީއަތުގެ އަޑުއެހުމުގައި އިއުލާނެއް ނުކުރައްވާ. އެކަމަކު، ބެލެވޭ ގޮތުގައި މިއަދުގެ އަޑުއެހުމަށް ފަހު، ހުކުމް އިއްވާނެ ދުވަހެއް އުއްތަމަ ފަނޑިޔާރު އިއުލާން ކުރައްވާނެ.

ސުޕްރީމް ކޯޓު ކައިރީގައި، އިދިކޮޅު ކޯލިޝަންގެ އިތުރުން ޕީޕީއެމްގެ ސަޕޯޓަރުން ވެސް މިއަދު ހަރަކާތްތެރިވަމުންދޭ. އެކަމަކު، އިއްޔެގެ އަޑުއެހުން ކުރިއަށް ގެންދިޔައިރު، ސުޕްރީމް ކޯޓުގެ ބޭރުގައި މުޅިން ވެސް ތިބީ އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން.

އިންތިޚާބާ ގުޅޭ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމަށް މިދިޔަ ދެ ދުވަހު ވެސް ވަދެވަޑައިގެންނެވި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަދުގެ އަޑުއެހުމަށް ވަދެވަޑައިގެންނެވުމަށްޓަކައި އޭނާގެ ބަދަލުގައި އެހެން މީހަކު ރެއިން ފެށިގެން ކިއޫގައި ބެހެއްޓި ނަމަވެސް ޕީޕީއެމްގެ ބަޔަކު މަހްލޫފުގެ ގަޔަށް އަރައިގަނެ ކިއޫ ނަމްބަރު އިރާލާފައިވާ ކަމަށް. އެ ހާދިސާ ހިނގީ މަހްލޫފުގެ ޓުވީޓުގައިވާ ގޮތުން މިއަދު ހެނދުނު އޭނާ ކިއޫއަށް ވަޑައިގަތުމުން.

ހެނދުނު 10:00 ގައި ބާއްވާ ޝަރީއަތުގެ މިއަދުގެ އަޑުއެހުމަށް ސުޕްރީމް ކޯޓަށް މިހާރު ވަނީ މީހުން ވައްދާފައި. އިއްޔެ ހަވީރުން ފެށިގެން، ޕީޕީއެމްގެ ގިނަ ބަޔަކު ކޯޓަށް ވަނުމަށް ކިއޫ ޖައްސާފައިވާއިރު، ބެލެވޭ ގޮތުގައި މިއަދުގެ އަޑުއެހުމަށް އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ ވަދެފައި.

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ބަލި ގަބޫލު ނުކުރައްވައި، އެ އިންތިޚާބުގެ ނަތީޖާ ބާތިލް ކޮށްދިނުމަށް އެދިވަޑައިގެން ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި މިއަދަކީ ވެސް ޚާއްސަ ދުވަހެކެވެ.

މި ރިޔާސީ އިންތިޚާބުގައި ބޮޑު ތަފާތަކުން ބަލިވި، ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ފަހު އަޑުއެހުން މިއަދު ހެނދުނު 10:00 އަަށް ތާވަލް ކޮށްފައިވާއިރު، މިއަދު އޮންނާނީ އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުއްވި ސިއްރު ހެކިވެރިން ބަލައިގަތުމާ މެދު ގޮތެއް ނިންމުމެވެ. އެކަމާ މެދު ގޮތެއް އިއްޔެގެ އަޑުއެހުމުގައި ގޮތެއް ނިންމަވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ކުރިން ވިދާޅުވި ނަމަވެސް، އިއްޔެގެ ޝަރީއަތުގެ ފަހު ބައިގައި އެމަނިކުފާނު ނިންމެވީ އެކަން މިއަދު ކުރިއަށް ގެންދަވާ ގޮތަށެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ސިއްރު ތިން ހެކިވެރިއަކު ހުށަހެޅީ ފާހަގަ ޖެހޭ އަނގޮޓިތަކެއް ރާއްޖެ ގެނައީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އަންގަވައިގެން ކަން ސާބިތު ކުރުމަށެވެ.

އެ ހެކިވެރިންގެ ނަންތައް ވަނީ ސިއްރު ކޮށްފަ އެވެ. އެކަމަކު، އެ މީހުން ދީފައިވާ ބަޔާންތަކެއް އިއްޔެގެ އަޑުއެހުމުގައި ވަނީ ހުށަހަޅައި، މައްސަލައިގައި ހިމެނޭ ފަރާތްތަކާ ހިއްސާކޮށްފަ އެވެ. އެ ބަޔާންތައް ދިނީ އެ މީހުންނަކީ ކޮން ބައެއް ކަން އެނގޭ ގޮތަށް ހުރި މައުލޫމާތުތައް އުނި ކުރުމަށް ފަހު އެވެ.

ސިއްރު ހެކިވެރިންގެ ހެކި ބަސް ބަލައިގަތުމާ މެދު، އިލެކްޝަންސް ކޮމިޝަންގެ ވަކީލުން އަދި އެ މައްސަލަ އަށް ތަދައްޚުލް ވެފައިވާ އިދިކޮޅު ކޯލިޝަނުން ވެސް ވަނީ އިއްޔެގެ ޝަރީއަތުގައި ވާހަކަ ދައްކައިފަ އެވެ. އެހެންވެ، ދެން އޮންނާނީ މިއަދުގެ ޝަރީއަތުގައި ހެކިވެރިންގެ ހެކިބަސް ބަލައިގަތުމާ މެދު ގޮތެއް ނިންމުމެވެ.

ސިއްރު ހެކިވެރިންގެ ހެކިބަސް ސިއްރުން ނަގަން އެދެނީ ކީއްވެގެންތޯ އިއްޔެގެ އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ސުވާލު ކުރެއްވުމުން ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް އައްބާސް ޝަރީފް ވިދާޅުވެފައި ވަނީ އެގޮތަށް އެދިވަޑައިގަތީ ގައުމުގެ މަސްރަހު މިހާރު އޮތްގޮތުން ކަމަށެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި، ހެކިވެރިންނަކީ ކޮން ބައެއްކަން ހާމަވެއްޖެ ނަމަ، އެ މީހުންގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އެބައޮތެވެ. އެހެންވެ، އެ މީހުން ފުރާނައިގެ ރައްކަލަކަށްޓަކައި އެ މީހުންގެ މައުލޫމާތު ސިއްރު ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް އައްބާސް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނާއި އިދިކޮޅު ކޯލިޝަނުން ވެސް ވަނީ ސިއްރުން ހެކިބަސް ނެގުމަށް އެކަމަށް ދެކޮޅު ހަދައިފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ވަކީލް ހުސައިން ޝަމީމް އިއްޔެގެ އަޑުއެހުމުގައި ވިދާޅުވެފައި ވަނީ ސިއްރުން ހެކިބަސް ނެގުމަކީ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ވެސް ވަރަށް ޚާއްސަ ހާލަތްތަކުގައި ނޫނީ ނުކުރެވޭ ކަމެއް ކަމަށެވެ. އަދި ވޯޓަކީ ދެ ލައްކަ އަށް ވުރެ ގިނަ ރައްޔިތުންގެ ހައްގު އެކުލެވޭ ކަމެއް ކަމަށް ވާއިރު، އެފަދަ ބޮޑު ކަމެއްގައި ސިއްރުން ހެކިބަސް ނެގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އަދި ސިއްރު ހެކިވެރިން ދިން ކަމަށް ބުނާ ބަޔާންތަކުގައި އޮތީ އެ މީހުން އަމިއްލައަށް ޖިނާއީ ކުށްތަކެއް ހިންގި ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތަށް ވަނުމަށްޓަކައި، ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ސަޕޯޓަރުންތަކެއް ވަނީ އިއްޔެ ހަވީރުން ފެށިގެން ސުޕްރީމް ކޯޓުގައި ކިއޫ ޖެހިފަ އެވެ. އިއްޔެގެ ޝަރީއަތަށް ވަނުމަށް ފުރަތަމަ ކިއޫ ޖެއްސީ އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުންނެވެ. އެކަމަކު، މިއަދު ހެނދުނު ވަނީ އަޑުއެހުމަށް ވަނުމަށްޓަކައި އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ވެސް ސުޕްރީމް ކޯޓު ކައިރިއަށް ޖަމާވެފަ އެވެ. މިއަދުގެ ޝަރީއަތުގެ އަޑުއެހުމަށް ވެސް ނަން ނޯޓުކުރުން އޮންނާނީ ހެނދުނު 8:30 އިން ފެށިގެންނެވެ.