15 އޮކްޓޯބަރ 2018 - 23:19

ރިޔާސީ އިންތިހާބު ބާތިލް ކުރުމަށް ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލާގައި މާދަމާ އޮންނަ އަޑުއެހުމަށް ވަންނަން މިއަދު ހަވީރު މީހުން ކިއުގައި ޖެހިއްޖެ އެވެ.

މާދަމާ 10:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މައްސަލައިގެ ޝަރީއަތް އަޑުއެހުމަށް ސުޕްރީމް ކޯޓު ކުރިމަތީގައި ކިއު ހަދާފައި ވަނީ ވެރިކަން ހިންގާ ޕީޕީއެމްގެ ސަޕޯޓަރުންނެވެ.
އާދީއްތަ ދުވަހު ސުޕްރީމް ކޯޓުގައި ފެށި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމަށް ސަރުކާރަށް ތާއީދުކުރާ މީހުންނާއި އިދިކޮޅު މީހުން ވެސް ވަނީ ވަދެފަ އެވެ. އެކަމަކު މިއަދު ހެނދުނު ބޭއްވި ޝަރީއަތަށް ގިނައިން ވަނީ އިދިކޮޅު ސަޕޯޓަރުންނަށެވެ. މިއަދު ބޭއްވި ޝަރީއަތަށް ވަނުމަށް، ކިއު ނަންބަރު އަމިއްލައަށް ހަދައިގެން އިދިކޮޅު ސަޕޯޓަރުން ވަނީ މިއަދު ފަތިހު ކިއުގައި ޖެހިފަ އެވެ.
ޕީޕީއެމްގެ ސަޕޯޓަރުން މިއަދު ހަވީރު ކިއުގައި ޖެހުނު އިރު އެމީހުން ވެސް ތިބީ އަމިއްލަ އަށް ކިއު ނަންބަރު ހަދައިގެން ގޮހެވެ.
މިއަދު ކިއުގައި ޖެހުނު ނަމަވެސް މައްސަލައަށް ވަނުމަށް ނަން ނޯޓު ކުރަން ފަށާނީ ހެނދުނު 8:30 އިން ފެށިގެން 9:45 އަށެވެ.
އިންތިހާބު ބާތިލް ކުރުމަށް ހުށަހަޅާފައިވާ މައްސަލައިގައި މާދަމާ، ސިއްރު ތިން ހެކިވެރިއެއްގެ ހެކިބަސް ނެގުމާމެދު ފަނޑިޔާރުން ގޮތެއް ނިންމަވާނެ އެވެ.
މީގެ އިތުރުން މައްސަލައިގައި އިތުރަށް ބަހުސް ކުރަންޖެހޭ ކަންކަމުގައި ބަހުސް ކުރުމަށްފަހު މައްސަލައިގެ އަޑުއެހުންތައް މުޅިން ނިންމައިލާނެ އެވެ.
އޭގެ ފަހުން ދެން އެ މައްސަލައިގައި ބާއްވާނީ ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތުގެ މަޖިލިހެވެ.