11 އޯގަސްޓް 2016 - 10:37

ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ދަ ބައުސް ސްޕޯޓްސް ކްލަބް ހޯދައިފި އެވެ.
އެ ޓީމު ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި ސްޓިންގާސް ބާސްކެޓްބޯލް ކްލަބާ ވާދަކޮށް 53-73 ޕޮއިންޓުން މޮޅުވެގެންނެވެ. ބައުސް އަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ 21 ޕޮއިންޓާ އެކު އަބްދުﷲ އަމްޒަރެވެ. ސްޓިންގާސް އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 12 ޕޮއިންޓް އެއްކޮށްދިން މުހައްމަދު ސަބީހް ތައުގީގެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ބައުސްގެ އިބްރާހިމް ނަސީމެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ބައުސްގެ އަމްޒަރު ހޯދިއިރު އިރު މުބާރާތުގައި އެންމެ ގިނަ ޕޮއިންޓް އެއްކުރި ކުޅުންތެރިޔަކަށް ހޮވުނީ ސްޓިންގާސްގެ އަހުމަދު އަދުހަމް އެވެ. އޭނާ ވަނީ ޖުމްލަ 170 ޕޮއިންޓް އެއްކޮށްފަ އެވެ.
މުބާރާތުގެ އެންމެ މޮޅު ޑިފެންސިވް ކުޅުންތެރިޔަކަށް ހޮވުނީ ބައުސްގެ ނަސީމެވެ. އެންމެ މޮޅު އޮފެންސިވް ކުޅުންތެރިޔަކަށް ސްޓިންގާސްގެ އަދުހަމް ހޮވުނުއިރު ޕޮއިންޓް ގާޑަކަށް ހޮވުނީ އެލްޓީ ސްޕޯޓްސް ކްލަބުގެ އަބްދުﷲ ފިރުނާޝް މުހައްމަދެވެ. އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ ބައުސްގެ ކޯޗު އަދި މަޝްހޫރު ބާސްކެޓްބޯޅަ ކުޅުންތެރިޔާ އަލީ ފަޒްލީ އެވެ.