ރައީސް ބަލި ގަބޫލުކުރެއްވީ އިހްތިރާމް ކުރެއްވުމަށް، ހައްގު ދޫކޮށްލެއްވީއެއް ނޫން: ވަކީލް
ރައީސް ބަލި ގަބޫލުކުރެއްވީ އިހްތިރާމް ކުރެއްވުމަށް، ހައްގު ދޫކޮށްލެއްވީއެއް ނޫން: ވަކީލް

ރިޔާސީ އިންތިޚާބުގެ ނަތީޖާ ރައީސް އަބްދުﷲ ޔާމީން ގަބޫލުފުޅު ކުރެއްވީ އިހްތިރާމް ކުރުމުގެ ގޮތުން ކަމަށާއި އެކަމަކީ އިންތިޚާބާ ގުޅޭ ޝަކުވާތައް ހުށަހެޅުމުގެ ހައްގު ރައީސް ދޫކޮށްލެއްވުން ނޫން ކަމަށް އެމަނިކުފާނުގެ ވަކީލް ސުޕްރީމް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހުުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުފުޅު ކުރެއްވުމަށް ފަހު ރައީސް ޔާމީންގެ ފަރާތުން ވަނީ އެ އިންތިޚާބު ބާތިލްކުރަން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި އެމަނިކުފާނުގެ ވަކީލް އެގޮތަށް ވިދާޅުވީ އިންތިޚާބުގައި ބަލި ގަބޫލު ކުރެއްވުމަށް ފަހު، ޝަކުވާ ކުރެއްވުމުގެ ހައްގު ރައީސް ޔާމީނަށް ނޯންނާނެ ކަމަށް އިދިކޮޅު ކޯލިޝަނުން އިއްޔެގެ އަޑުއެހުމުގައި ބުނެފައިވާތީ އެކަމަށް ރައްދު ދިނުމުގެ ގޮތުންނެވެ.

މިއަދު ހެނދުނު ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފް ވިދާޅުވީ އިންތިޚާބުގެ ނަތީޖާއަށް ފަހު ރައީސް ޔާމީން ބަލި ގަބޫލު ކުރެއްވީ ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުރެއްވުމަށް ކަމަށެވެ. އަދި ގާނޫނީ ގޮތުން އެމަނިކުފާނު މަސައްކަތް ފެއްޓެވީ އޭގެފަހުން ކަމަށާއި އެއީ ޝަކުވާ ކުރެއްވުމުގެ ހައްގު ދޫކޮށްލުން ކަމަކަށް ނުބެލެވޭނެ ކަމަށް އައްބާސް ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ޝަކުވާ ކުރެއްވުމުގެ ހައްގު ނެތް ކަމަށް ބުނެ އިދިކޮޅު ކޯލިޝަންގެ ފަރާތުން އިއްޔެގެ އަޑުއެހުމުގައިވަނީ އިސްލާމީ ޝަރީއަތުގެ ގާއިދާއެއް ފާހަގަކޮށްފަ އެވެ. އިދިކޮޅު ކޯލިޝަންގެ ވަކީލުން ފާހަގަކޮށްފައިވަނީ އަމިއްލައަށް ހައްގެއް ދޫކޮށްލުމަށް ފަހު އެކަމެއް އަނބުރާ އިއާދަ ނުކުރެވޭނެ ކަމަށް ބުނާ ގާއިދާ އެކެވެ.

ރައްދުގައި އައްބާސް ވަނީ އެހެން ގާއިދާއެއް މިއަދުގެ އަޑުއެހުމުގައި ފާހަގަ ކުރައްވައިފަ އެވެ. އޭނާ ފާހަގަކުރެއްވީ ކަމަކަށް އެއްބަސްވެފައި އޮތަސް، އެކަމެއް ބާތިލްވާ ފަދަ ހުއްޖަތުތަކެއް ފެނިއްޖެ ނަމަ، ކުރިން އެކަމަކަށް ވެފައިވާ އެއްބަސްވުން ބާތިލްވާނެ ކަމަށް ބުނާ ގާއިދާއެކެވެ.

އެ ގާއިދާ ފާހަގަ ކުރައްވައި، އައްބާސް ވިދާޅުވީ އިންތިޚާބުގައި ރައީސް ޔާމީން ބަލި ގަބޫލު ކުރެއްވިޔަސް، އިންތިޚާބާ ގުޅިގެން އެކި ޝަކުވާތައް މިހާރު ފެންމަތިވަމުންދާ ކަމަށާއި އެހެންވެ، ކުރިން ވެފައިވާ އެއްބަސްވުން ބާތިލްވެފައިވާ ކަމަށެވެ.

އައްބާސް ވިދާޅުވި ގޮތުގައި ނުހައްގުން މަގާމުގައި ހުންނަވާކަށް ރައީސް ބޭނުންފުޅެއް ނުވެ އެވެ. އޭގެ އެންމެ މުހިންމު ހެއްކަކީ ވެރިކަން ބަދަލުވުމުގެ މަރުހަލާ މިހާރު ވެސް ކުރިއަށް ދިއުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެމަނިކުފާނު މިހާރު ކުރައްވާ މަސައްކަތްޕުޅަކީ ރައްޔިތުންނާ ގުޅުންހުރިި އެންމެ މުހިންމު އެއް ހައްގު ކަމަށްވާ ވޯޓުލުމުގެ ހައްގު ކަށަވަރު ކުރުމާ ގުޅުންހުރި ކަންތައްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އައްބާސްގެ އެ ވާހަކަތަކަށް އިދިކޮޅު ކޯލިޝަނުން ރައްދު ދިނެވެ. އިދިކޮޅު ކޯލިޝަންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ބަލި ގަބޫލު ކުރެއްވުމަށް ފަހު، ރައްޔިތުންނަށް ދަތިވާ އެއްވެސް ކަމެއް ނުކުރައްވާނެ ދައުލަތުގެ މީޑިއާ މެދުވެރިކޮށް ރައީސް އަމިއްލަފުޅަށް ވިދާޅުވެފައިވާ ކަމަށާއި އެ އިގްރާރު އެމަނިކުފާނު އަނބުރާ ގެންދެވިކަން އެނގެން ނެތް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ބަލި ގަބޫލު ކުރެއްވި ކަމަށް ވިދާޅުވެ، ރައީސް ވެވަޑައިގަތް އެ އިގްރާރަކީ ގަޟައީ އިއުތިރާފަކަށް ވުރެ ވެސް ވަރުގަދަ އިއުތިރާފެކެވެ. އެންމެންނަށް ފެންނަ ގޮތަށް ރައީސް އަމިއްލަފުޅަށް ބަލި ގަބޫލު ކުރައްވާފައިވުމަކީ ރައީސްގެ އެ އިގްރާރު ވަރުގަދަވާ ސަބަބު ކަމަށް ނޫރު ވިދާޅުވި އެވެ. އަދި އެ އިގްރާރް ބާތިލްވެފައިވާ ނަމަ، އެކަމުގެ ދަލީލު ދެއްކުމަކީ ރައީސް ޔާމީންގެ ފަރާތްޕުޅުން ކުރަންޖެހޭ ކަމެއް ކަމަށް ވެސް ވަކީލް ނޫރު ވިދާޅުވި އެވެ.

އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.

އެ މައްސަލާގައި މާދަމާ ބާއްވާ އަޑުއެހުމަކީ އެ މައްސަލާގައި ހުށަހަޅާފައިވާ ސިއްރު ހެކިވެރިން ބަލައިގަތުމާ މެދު ގޮތެއް ނިންމުމާ އެކު އެ މައްސަލާގައި ބާއްވާ އެންމެ ފަހު އަޑުއެހުމެވެ.