16 އޮކްޓޯބަރ 2018 - 07:18

އުރަމަތީގެ ކެންސަރާ ދެކޮޅަށް މަސައްކަތްކުރަން، އިނގިރޭސިވިލާތުގެ މަޝްހޫރު ފެޝަން ޑިޒައިނަރު ސްޓެލާ މެކާޓްނީ "ސްޓެލާ މެކާޓްނީ ކެއާ ފައުންޑޭޝަން" ގެ ނަމުގައި ޗެރިޓީއެއް ލޯންޗްކޮށްފި އެވެ.
އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ބޭންޑް "ބީޓްލްސް" ގެ ކުރީގެ މެމްބަރު ޕޯލްް މެކާޓްނީގެ ދަރިފުޅަކީ 2014 އިން ފެށިގެން އުރަމަތީގެ ކެންސަރާ ދެކޮޅަށް ކެމްޕޭން ކުރަމުން އަންނަ މީހެކެވެ. ސްޓެލާ މި މަސައްކަތުގެ ތެރެއަށް ވަނީ އުރަމަތީގެ ކެންސަރުގައި އޭނާގެ މަންމަ ލިންޑާ މެކާޓްނީ 1998 ގައި މަރުވުމާ ގުޅިގެންނެވެ.
"އަހަރެންގެ މި ޗެރިޓީގެ އެންމެ ބޮޑު މަގުސަދަކީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކަން އުފައްދައި އެ ބައްޔާ ދެކޮޅަށް ކެމްޕޭން ކުރުން. އަދި އެ ބައްޔަށް ފަރުވާ ހޯދާ މީހުންނަށް ހިލޭ އެހީތެރިކަން ފޯރުކޮށް ދިނުން،" ސްޓެލާ ބުންޏެވެ. "އަހަރެން ވަރަށް ފަހުރުވެރިވަން އަންހެނެއްގެ ހައިސިއްޔަތުން މި ކަހަލަ މަސައްކަތެއް ކުރުމުގެ ފުރުސަތު ލިބޭތީ ވެސް."
"ސްޓެލާ މެކާޓްނީ ކެއާ ފައުންޑޭޝަން" އިން އެންމެ ފުރަތަމަ ކަމަކަށް ކުރަން ރާވާފައި އޮތް ކަމަކީ އުރަމަތީގެ ކެންސަރަށް ފަރުވާ ހޯދާ މީހުންނަށް އެ ބަލީގެ މީހުންނަށް ހާއްސަކޮށްގެން އުފައްދާފައިވާ ބްރޭންޑެޑް ބްރާތަކެއް ހަދިޔާ ކުރުމެވެ. އެގޮތުން 1،000 ބުރާ އުރަމަތީގެ ކެންސަރު ހުންނަ މީހުންނަށް ފޯރުކޮށް ދޭން ވަނީ ނިންމައިފަ އެވެ.
ސްޓެލާ، 47، ބުނި ގޮތުގައި އޭނާގެ ފެޝަން ބްރޭންޑްގެ ދަށުން ވެސް ކުރިއަށް އޮތް ތަނުގައި އުރަމަތީގެ ކެންސަރު ޖެހިފައިވާ މީހުންނަށް ހާއްސަ ބުރާ ކަލެކްޝަނެއް ނެރޭނެ އެވެ. "ސްޓެލާ މެކާޓްނީ ކެއާ ފައުންޑޭޝަން" ލޯންޗް ކުރުމާ ދިމާކޮށް އޭނާ ވަނީ އުރަމަތީގެ ކެންސަރަށް އަހުލުވެރިކޮށްދޭ ކުރު ފިލްމެއް ވެސް "އޯލް އިޒް ލަވް" ގެ ނަމުގައި ނެރެފަ އެވެ.
"ސްޓެލާ މެކާޓްނީ ކެއާ ފައުންޑޭޝަން" ކުރިއަށް ރާވައިފައި ހުރި އިތުރު ކަންކަން އަންނަ މަހުގެ ތެރޭގައި ހާމަ ކުރާނެ އެވެ.