16 އޮކްޓޯބަރ 2018 - 07:21

ހަށިގަނޑު ރީތި ބައްޓަމަކަށް ގެނެސް ފިޓްކޮށް ހުންނަން ރިތިކް ރޯޝަން، ސޮނާކްޝީ އަށް ދިން ހިތްވަރަށް އޭނާ ޝުކުރު އަދާކޮށްފި އެވެ.
ފިލްމު ކުޅެން ފެށި އިރު ތަންކޮޅެއް ފަލަކޮށް ހުރެގެން ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވި ބަތަލާ ކުރި ޓްވީޓެއްގައި ބުނީ މީގެ އަހަރުތަކެއް ކުރިން ރިކްތިއާ ބައްދަލުވެ، ދެކެވުނު ފިޓްނެސް ވާހަކަތަކަކީ އިންސްޕިރޭޝަނެއް ކަމަށެވެ. އަދި އަބަދު ވެސް ހިތްވަރު ދޭ މީހެއްގެ ގޮތުގައި ދެމިހުންނާނީ އެކަމަށް ޝުކުރު އަދާކުރާ ކަމަށް ބުންޏެވެ.
"މިއީ އަދި ފެށުމެއް،" ސަލްމާން ހާނާ އެކު 2010 ގައި "ދަބަންގް" އިން ބޮލީވުޑަށް ނުކުތް ބަތަލާ ބުންޏެވެ.
ސޮނާކްޝީ ހަށިޑަނޑަށް ގެނެސްފައި ހުރި ބަދަލު ދައްކުވައިދޭ ފޮޓޯއަކާ އެކު ރިތިކް ބުނީ އޭނާއަކީ މިހާރު އެތައް ބަޔަކު ނަމޫނާއަކަށް ވާނެ ކަމަށެވެ.
"ތި ކުރި ހިތްވަރަށް ހަމަ ސާބަސް. އަދިވެސް ހިތްވަރުކޮށްލާ. ތިއީ ޔަގީނުން ވެސް މިހާރު އެތައް ބަޔަކަށް އިންސްޕިރޭޝަނަށް ވާނެ،" ވަރުގަދަ ހަށިގަނޑެއް ދަމަހައްޓަމުން އަންނަ ރިތިކް ބުންޏެވެ.
ސޮނާކްޝީ މި ފަހަކަށް އައިސް ފިޓްނެސް އަށް ވަރަށް ބޮޑު ސަމާލު ކަމެއް ދީފައިވާ އިރު، އޭނާގެ ހަށިގަނޑަށް ގެނެސްފައި ހުރި ބަދަލު އިންސްޓަގްރާމުން ވަރަށް ރީތިކޮށް ފެނިގެން ދާނެ އެވެ.
މީގެ ކުރިން އޭނާ ވަނީ ކެޓްރީނާ ކެއިފާ އެކު ވެސް ޖިމް ހަދައި، ކެޓްރީނާ ފިޓްނެސް އަށް ބަހައްޓާ ލޯތްބަށް ތައުރީފުކޮށްފަ އެވެ.
ދާދި ފަހުން ރާއްޖޭގައި ޗުއްޓީ ވެސް ހޭދަ ކުރި ސޮނާކްޝީ މިހާރު އަންނަނީ ކަރަން ޖޯހަރް ޕްރޮޑިއުސް ކުރާ "ކަލަންކް" ގެ މަސައްކަތް ކުރަމުންނެވެ.