ޖާދޫގެ އަނގޮޓިން ވޯޓު އޮޅުވާލުން ބޮޑު ޖޯކަކަށް!
ޖާދޫގެ އަނގޮޓިން ވޯޓު އޮޅުވާލުން ބޮޑު ޖޯކަކަށް!

އެންމެންގެ ކުރިމަތީގައި ހެދީ ޖާދޫއެއް ހެއްޔެވެ؟ ރިޔާސީ އިންތިޚާބު އޮޅުވާލި ގޮތް ކަމަށް ބުނެ ޕީޕީއެމުން މި ދައްކަނީ، ވޯޓު ލުމާއި ގުނުމުގައި ޖާދޫ ހެދި ކަމަށް ސިފަވާ ފަދަ ތުހުމަތުތަކެކެވެ. ވޯޓު ކަރުދާހުގައި ރައީސް އަބްދުﷲ ޔާމީނަށް ރަނގަޅު ފާހަގަ ޖެހުމުން، އެ ފާހަގަ ފޮހެވި، ވާދަވެރި ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ގޮޅިން ފެނުމެވެ. މި ޖާދޫއިން ވޯޓުގެ ފަރަގު 38،000 އަށް ވުރެ ބޮޑުވެ ރައީސް ޔާމީނަށް ނާކާމިޔާބުވި ވާހަކަ އެވެ!

ޖާދޫގެ އަނގޮޓިން ވޯޓު އޮޅުވާލުން ބޮޑު ޖޯކަކަށް!
ޖާދޫގެ އަނގޮޓިން ވޯޓު އޮޅުވާލުން ބޮޑު ޖޯކަކަށް!

އެކަމަކު އިންތިޚާބެއްގައި މަކަރު ހެދުމަކީ ޖޯކެއް ނޫނެވެ. އެތައް ބައެއްގެ ހައްގު ހިމެނޭ އިންތިޚާބާ ގުޅިގެން ކުރާ ތުހުމަތުތަކުގައި ބުރަދަނެއް އަދި ސާބިތު ހިފޭ ހެއްކާއި ގަރީނާ ހުންނަން ޖެހޭނެ އެވެ. އެއީ، ބަލި ގަބޫލު ނުކުރެވުމުގެ މާޔޫސްކަމުގައި، ކުރެވޭ ހީތަކާއި ވަސްވާސްތަކުން އުފައްދާ ޖަޒުބާތުތަކަކަށް ވެގެން ނުވާނެ އެވެ.

ޖާދޫގެ އަނގޮޓިން ވޯޓު އޮޅުވާލުން ބޮޑު ޖޯކަކަށް!
ޖާދޫގެ އަނގޮޓިން ވޯޓު އޮޅުވާލުން ބޮޑު ޖޯކަކަށް!

ރައީސް ޔާމީންގެ މައްޗަށް ބޮޑު ތަފާތަކުން އިބޫ ކުރި ހޯއްދެވި އިންތިޚާބު ބާތިލްކުރަން ޕީޕީއެމުން މިވަނީ ދޭތިން އެކައްޗަށް ހިފައިފަ އެވެ. އެކަމަކު، ސަބަބުތަކުގެ ގޮތުގައި ދައްކަނީ، ގާނޫނީ ބައެއް ބޭފުޅުން ވެސް ވިދާޅުވާ ގޮތުގައި، އަސްލެއް ނެތް، ޚިޔާލީ ވާހަކަތަކެކެވެ. އެ ވާހަކަތަކުން، އިންތިޚާބު ބާތިލް ކުރެވޭނެ ގާނޫނީ ހަމައެއް އޮތް ކަމަކަށް ވެސް އެ ބޭފުޅުން ގަބޫލެއް ނުކުރައްވަ އެވެ.

ޖާދޫގެ އަނގޮޓިން ވޯޓު އޮޅުވާލުން ބޮޑު ޖޯކަކަށް!
ޖާދޫގެ އަނގޮޓިން ވޯޓު އޮޅުވާލުން ބޮޑު ޖޯކަކަށް!

މުޅި މައްސަލައިގެ އަސާސްތައް ބިނާކޮށްފައި އޮތީ، ދެލި ފޮހެވޭ ގަލަމަކާއި ލިޔެވޭ އަނގޮޓިއެއްގެ އިތުރުން ފާހަގަ ފޮހެވޭ ވޯޓު ކަރުދާސްތަކެއްގެ މައްޗަށެވެ. ދެން އޮތީ، ވޯޓު ކަރުދާސް ޗާޕް ކުރުމުގެ މަސައްކަތް އިދިކޮޅު ކޯލިޝަންގެ ލީޑަރެއްގެ ވިޔަފާރީގެ މަސްލަހަތު ހިމެނޭ އެމް7 ކުންފުންޏަށް ދިނުމާއި ވޯޓު ކަރުދާސް ބެހެއްޓި ތަނުގެ ސަލާމަތީ ކަންކަން ވަރުގަދަ ނުވުމުގެ އިތުރުން ކޮމްޕްލެއިންޓްސް ބިއުރޯއަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ގެއްލުނު ކަމުގެ ޝަކުވާ އެވެ.

ޖާދޫގެ އަނގޮޓިން ވޯޓު އޮޅުވާލުން ބޮޑު ޖޯކަކަށް!
ޖާދޫގެ އަނގޮޓިން ވޯޓު އޮޅުވާލުން ބޮޑު ޖޯކަކަށް!

"އެ މައްސަލައިގައި ނުވަތަ ކޮންސްޕިރަސީ ތިއަރީގައި ހަމައެކަނި މަދީ އުދުހޭ މުސައްލައެއްގެ ވާހަކަ،" އިންތިޚާބު އޮޅުވާލި ކަމުގެ ސާބިތު ހެއްކެއް ނެތް ކަން ފާހަގަކުރައްވައި، އިދިކޮޅު ޕާޓީތަކުގެ ވަކީލް ހިސާން ހުސެއިން ވިދާޅުވި އެވެ.

ޖާދޫގެ އަނގޮޓިން ވޯޓު އޮޅުވާލުން ބޮޑު ޖޯކަކަށް!
ޖާދޫގެ އަނގޮޓިން ވޯޓު އޮޅުވާލުން ބޮޑު ޖޯކަކަށް!

އެއް ތުހުމަތަކީ، ވޯޓު ކަރުދާހުގައި ރައީސް ޔާމީނުގެ ނަންފުޅާ ދިމާލުގައި ޖަހާ ފާހަގަ ފޮހެވުމެވެ. ނުވަތަ އެ ފާހަގަ އިބޫގެ ގޮޅިއަށް "ވެއްޓުން" ނުވަތަ އެ ގޮޅިން ފެނުމެވެ. މިއީ، ހިނގި ކަމެއް ނަމަ ރައީސް ޔާމީނަށް ލީ ފާހަގަ އިބޫގެ ގޮޅިން ފެނުނީ ކޮން މަރުކަޒެއްގައި، ކާކުލީ ވޯޓަކުން ހެއްޔެވެ؟ މިހާތަނަށް އެކަން ސާފެއް ނޫނެވެ. މި އިންތިޚާބުގައި 233،877 މީހުން ވޯޓުލާފައިވެ އެވެ. މިއީ، ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 89.2 ޕަސެންޓެވެ. އެކަމަކު މިއިން އެއްވެސް މީހަކު މި އަޖައިބުުގެ ވާހަކަ ދައްކާތީ އަޑެއް ނީވެ އެވެ.

ޖާދޫގެ އަނގޮޓިން ވޯޓު އޮޅުވާލުން ބޮޑު ޖޯކަކަށް!
ޖާދޫގެ އަނގޮޓިން ވޯޓު އޮޅުވާލުން ބޮޑު ޖޯކަކަށް!

ވޯޓުލާން ދަމާލި ކިޔޫތައް ބޮޑުވެ، މި އިންތިޚާބުގައި ހެނދުނު 8:00 އިން އިރުއޮއްސި 6:30 އާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދިޔަ އެވެ. ވޯޓު ކަރުދާހުގައި ލީ ފާހަގަ، އެއް ގޮޅިން އަނެއް ގޮޅިއަށް "ފުންމާ" ކަމުގެ އެއްވެސް ޝަކުވާއެއް އެއްވެސް މަރުކަޒަކުން ހުށަހަޅައިފައެއް ނުވެ އެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރުމާ ހަމައަށް، މި "ޖާދޫ"ތަކާ ގުޅޭ އެއްވެސް ޝަކުވާއެއް އިލެކްޝަންސް ކޮމިޝަނުގެ ކޮމްޕްލެއިންސް ބިއުރޯ އަށް ވެސް ހުށަހަޅާފައެއް ނުވެ އެވެ. އެކަން، އެ ކޮމިޝަނުން ކަށަވަރު ކޮށްދެ އެވެ.

ކޮންމެ މަރުކަޒެއްގައި ވޯޓުލުމާއި ގުނުން ހިނގައި ދިޔަ ގޮތުގެ ރިޕޯޓެއް އެކުލަވާލަ އެވެ. އެއްވެސް މައްސަލައެއް، ޝައްކެއް، ވަހުމެއް އުޅޭ ނަމަ ވެސް އެ ރިޕޯޓުން އެނގޭނެ އެވެ. އެންމެންގެ ކުރިމަތީގައި އެކުލަވާލާފައިވާ އެ ރިޕޯޓުތަކުގައި، ވޯޓުގައި މައްސަލައެއް ނެތް ކަމަށް ދެ ކެންޑިޑޭޓުންގެ މަންދޫބުން ވަނީ ސޮއިކޮށްފަ އެވެ. އޭރަކު ވެސް މި އުފައްދާ ތުހުމަތުތަކާ ގުޅޭ އެއްވެސް ކަމެއް ފެންމަތިވެފައެއް ނުވެ އެވެ.

"ވޯޓު ކަރުދާސް ކޮޅުގައި ޖަހާ ފާހަގަ ފޮހެވޭ ކަމުގެ ތުހުމަތުތަކެއް ކޮށްފައިވާތީ، އަޅުގަނޑުގެ އަތަށް ކަރުދާސްކޮޅު ލިބުމާ އެކީ ފުރަތަމަ ވެސް ބެލީ ކަރުދާހުގައި އެއްވެސް މައްސަލައެއް ހުރިތޯ. އަޅުގަނޑު ފާހަގަލީ ތަންކޮޅެއް ބާރަށް. ދެން އަނެއް ފުށުން އަޅުގަނޑު ބަލާލިއިރު އަނެއް ފަރާތުން އެނގެން ހުރި. އެއީ ކޮންމެ ކަރުދާހެއްގައި ޖެހިއަސް ވާނެ ގޮތް. އެ ކަރުދާހުގެ ނެތް އެއްވެސް ގޯހެއް،" އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެމްބަރަކު ވިދާޅުވި އެވެ.

"އަނެއްކޮޅުން އިންތިޚާބާ ގުޅިގެން ޝައްކާއި ވަހުމް އުފެދިފައި ހުރީމަ ކިތައް މީހުންތޯ ބަލާނީ ވެސް ވޯޓު ކަރުދާސްކޮޅު ރަނގަޅުތޯ؟ ދެ ޕާޓީން ވެސް، ކޮންމެ މީހަކު ވެސް ބަލާނެ ގަލަން ރަނގަޅުތޯ؟ ކަރުދާސް ވެސް ބަލާނެ. މޮނިޓަރުން އެވަރަށް ބެލި މައްސަލައެއް ފާހަގަވޭތޯ. އެއްވެސް މީހަކަށް އެއްވެސް ކަމެއް ނުފެނުނު ވޯޓުލުން ބަންދުވުމާ ހަމައަށް،"

އިންތިޚާބު އޮޅުވާލަން އަނގޮޓިތަކެއް ގެނައި ވާހަކަ ދައްކާއިރު އެކަން އެންމެ ފުރަތަމަ ތިލަކުރީ ވެސް ޕީޕީއެމުންނެވެ. އެ ޕާޓީގެ އޮފީސް ތެރޭގައި، އިސް ބޭފުޅުން ތިއްބަވައި މަގުމަތީގައި މީސްކޮޅަކާ އެކު ބޭއްވި އަޑު އުފުލުމުގައި، މި ތުހުމަތު އަމާޒުކުރީ، އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފަށެވެ. ރައީސް ޔާމީންގެ ޒަމާންވީ އެކުވެރިޔާ، އަދި ޕީޕީއެމުން ބޭނުންވާ ގޮތަކަށް އިންތިޚާބުގެ ހުރިހާ ކަމެއް ވެސް ތަރުތީބު ކުރި ކަމަށް ތުހުމަތުކުރާ ޝަރީފް ވިދާޅުވާ ގޮތުގައި އަނގޮޓީގެ ވާހަކަ އޭނާ އަށް ވެސް އަޑު އިވިވަޑައިގަތީ އިންތިޚާބަށް ފަހު އެވެ.

ހެއްކެއްގެ ގޮތުގައި، ކަމާބެހޭ ފަރާތްތަކަށް އަނގޮޓީގެ މައްސަލަ ހުށަހަޅާފައިވާއިރު، އަނގޮޓި ބޭނުންކުރީ ކޮން ތާކު، ކާކު ކަމެއް އަދި ޖެހީ ކިތައް ފާހަގަ ކަމެއް، ވެސް ސާފެއް ނޫނެވެ.

ޝަރީފަށް ކުރާ ތުހުމަތުުގައި، އޭނާއާ ބައިވެރިވި ކަމުގެ ތުހުމަތު ވެސް ގޮސް ނިމެނީ ޕީޕީއެމްގެ ބައެއް އެކްޓިވިސްޓުންނާ ހިސާބަށެވެ. އިދިކޮޅު ޕާޓީތަކާ ގުޅިގެން ޝަރީފް ވޯޓު އޮޅުވާލި ނަމަ މިހެން ވަނީ ކީއްވެތޯ ވެސް ސުވާލު އުފެދެ އެވެ.

ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް ހަމަޖެހިފައިވާ ގޮތުން އަނގޮޓިއަކުން ވޯޓު ކަރުދާހުގައި، އާއްމުންނަށް ނޭނގި ފާހަގަ ޖެހުމަކީ ވަރަށް އާދަޔާ ޚިލާފު، ނާދިރު ކަމަކަށް ނޫނީ ނުވާނެ އެވެ. ވޯޓު ނެގުން ބަންދުކޮށް، ވޯޓު ކަރުދާސްތައް މޭޒުމައްޗަށް އޮއްސާލާއިރު ވެސް ކުރިމަތީގައި ކެންޑިޑޭޓުންގެ މަންދޫބުންނާއި މޮނިޓަރުންނާއި އޮބްޒާވަރުންނާއި މީޑިއާތައް އަދި ޕާޓީތައް ތަމްސީލްކުރާ މީހުން ތިބެނީ ހުށިޔާރުވެގެންނެވެ. އެންމެ ވޯޓެއްގައި ވެސް މަކަރެއް ހެދިޔަ ނުދިނުމަށެވެ.

ރާއްޖޭގައި މިހާތަނަށް ބޭއްވި އިންތިޚާބުތަކުގެ ތެރެއިން މި އިންތިޚާބަކީ އެންމެ ގިނަ އަދަދެއްގެ އާއްމުން، ވޯޓު ގުނާ މަންޒަރު ބަލަން ތިބި އިންތިޚާބު ކަމަށް ވެސް އިލެކްޝަންސުން ވަނީ ބުނެފަ އެވެ.

މާލެ އާއި އަތޮޅުތަކުގެ އިތުރުން ރާއްޖެ އިން ބޭރުގައި ބެހެއްޓި ވޯޓު ފޮށިތައް ގުނަމުން ދިޔައިރު، އަނގޮޓިން ފާހަގަ ޖެހި ކަމަށް ބުނާއިރު އެފަދަ ކަމެއް ކުރި ކަމުގެ ހިލަމެއް ނުވުމަކީ ވެސް އަޖައިބެއް ފަދަ ކަމެކެވެ. ބާތިލް ކަރުދާސްތައް ވަކިކޮށް، ކަރުދާހުގެ ސަލާމަތީ ކަންކަން ޗެކްކުކޮށް، ދެ ކެންޑިޑޭޓުންގެ ވޯޓު ވަކިކޮށް، ކޮންމެ ކަރުދާހެއް ވަކިން އާއްމުންނަށް ދައްކައި ގުނަމުން ދިޔައިރު، އާއްމުންނަށް ނޭނގި ފާހަގަ ޖެހޭނެ އެއްގޮތެއް ވެސް ނޯންނާނެ އެވެ.

އަނގޮޓިއެއް އަޅައިގެން ހުރެ ވޯޓު ކަރުދާސްމަތީގައި އަތް ބޭއްވުމުން ފާހަގަ ޖެހުން އެއީ، ބުއްދި ގަބޫލު ކުރެވޭ ވާހަކައެއް ނޫނެވެ.

އިންތިޚާބުގައި މަކަރު ހަދަން، އަނގޮޓިތަކެއް ގެނައި ނަމަ، އެ ބަޔަކު ހޯދައި ގާނޫނީ އިމުގެ ތެރެއިން އަދަބު ދޭންވީ އެވެ. އަނގޮޓިތަކެއް ގެނައުމަކީ ނުވަތަ ތަނެއްގައި އެއްޗެއް ހުރުމަކީ ނަތީޖާ އަށް ބަދަލު އަންނާނެ ކަމެއް ނޫނެވެ.

ދެން އޮތީ ދެލި ފޮހެވޭ ގަލަންތަކެއްގެ ވާހަކަ އެވެ. މި ޝަކުވާ އިންތިޚާބުގެ ކުރިން ކުރި އެވެ. އެއާއެކު އިލެކްޝަންސް ކޮމިޝަނުން ވަނީ އެ މީހަކު އަމިއްލަ އަށް ގަލަން ގެންގޮސްގެން ފާހަގަ ޖެހުމުގެ ހުއްދަ ދީފަ އެވެ. އެހެންކަމުން އެ މައްސަލައިގައި ވެސް އިންތިޚާބުގެ ބަލި ގަބޫލުކުރުމަށް ފަހު މާ ފަހުން ސުވާލު އުފެއްދުމުގެ ޖާގައެއް ނެތެވެ.

ދުނިޔޭގެ މިންގަނޑުތަކުން މިނެކިރާއިރު އެ ގައުމެއްގެ ވޯޓުލުމުގެ އާބާދީގެ 65 ޕަސެންޓަށް ވުރެން ގިނައިން މީހުން ވޯޓުލާފައިވާ ނަމަ، ބަލަނީ އެއީ ވަރަށް ރަނގަޅު އަދަދެއްގެ ގޮތުގަ އެވެ. ހައްގު ލިބިގެންވާ މީހުންގެ 80 ޕަސެންޓު ނުކުމެއްޖެ ނަމަ ބަލަނީ، ވަރަށް މަތީ މިންވަރަކަށް އިންތިޚާބުގައި ވޯޓުލާފައިވާ ކަމެވެ. ރާއްޖޭގައި މި އިންތިޚާބުގައި، 89 ޕަސެންޓް މީހުން ވޯޓުލީއިރު ނުފެނުނު މައްސަލަތަކެއް މާ ފަހުން ފެނި، ނަތީޖާ އަށް ބަދަލު އަތުވެދާނެ ކަމަށް ހީކުރުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ.

އިންތިޚާބުގައި ރައްޔިތުން، ނިންމީ ރައީސް ޔާމީނަށް އިތުރު ދައުރެއް ނުދޭށެވެ. ނަތީޖާ އިން ފެންނަ ގޮތުގައި، އެމަނިކުފާނު ވެރިކަން ކުރެއްވި ގޮތާ މެދު ހިތްހަމަނުޖެހޭ މީހުން މާ ގިނަ އެވެ.

ސިޔާސީ ހަލަބޮލިކަން ވެސް ނިމި، ވޯޓަށް ފަހު މުޅި ގައުމު އޮތީ އަމާންވެ، ހަމަޖެހިފަ އެވެ. އެކަމަކު، ސުޕްރީމް ކޯޓަށް މި ހުށަހެޅި މައްސަލައާ ހެދި އަނެއްކާވެސް ގައުމުގެ ހަމަޖެހުން މިދަނީ ނަގާލެވުމުންނެވެ. ރައްޔިތުން ތިބީ ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ. އަލުން ވޯޓު ޖެހިދާނެތޯ ސުވާލު އުފެދިފަ އެވެ.

"އަޅުގަނޑަކީ ސިޔާސީ މީހެއް ނޫން، އެކަމަކު ސުޕްރީމް ކޯޓަށް މައްސަލަ ވެއްދި ފަހުން ނުވެސް ނުނިދޭ. ކިރިޔާ ވެސް ގައުމުގައި ހިނގާ ކަންކަމާ މެދު ކަންބޮޑުވާ މީހެއް، ވިސްނައި ފިކުރުކުރާ މީހެއް ނަމަ އެ ހާލަތު އަންނާނެ. އެއީ މީގައި އިގްތިސާދީ ގޮތުން ދައްކަން ޖެހޭ އަގު. ގައުމުގެ އެންމެން ހުއްޓުމަކަށް އައީމަ ކިހާ ބޮޑު ގެއްލުމެއްތޯ ގައުމަށް މި އަދާކުރަން ޖެހެނީ. އެއީ، ސުޕްރީމް ކޯޓަށް، ފިނޭންސް މިނިސްޓަރަކަށް އަގު ކުރެވޭނެ އެއްޗެއް ނޫން،" ގާނޫނީ ދާއިރާގެ ބޭފުޅަކު ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބަކީ ރައްޔިތުންގެ އަޑެވެ. ދެން އޮތް ފަސް އަހަރަށް ރައްޔިތުންގެ ނިންމުމެވެ. ވަސްވާތަކާއި ޝައްކުތަކަކަށް ބުރަވެ، އެ ނިންމުމުގެ މައްޗަށް ބާރުފޯރުވަކީ އެއްވެސް މުއައްސަސާއަކުން ކުރަން، ގާނޫނު ތަންދޭ ކަމެއް ނޫނެވެ.