12 އޯގަސްޓް 2016 - 07:25

ދިޔާ އެއްޗެއްގައި ޖެހުމުން ނުވަތަ ހޫނު ވުމުން އަމިއްލަ އަށް ނެތިގެންދާ ބެޓެރީއެއް ސައިންސްވެރިން އުފައްދައިފި އެވެ.
އަމިއްލަ އަށް ހަލާކުވާ ގޮތަށް ބެޓެރި އީޖާދުކުރި އިރު އަދި އުފައްދާފައި ވަނީ 2.5 ވޯލްޓްގެ ބެޓެރީއެކެވެ. މިއީ އާދައިގެ ކަލްކިއުލޭޓަރެއް 15 މިނެޓަށް ބޭނުންކުރެވޭހާ ހަކަތަ އެވެ.
މި އާ އީޖާދަކީ އަސްކަރީ ސިއްރުތައް ރައްކާކުރުމަށާއި ތިމާވެއްޓާ ރަހުމަތްތެރި އާލާތްތައް އުފެއްދުމަށް އެހީއަކަށް ވާނެ ކަމަށް ސައިންސްވެރިން ވަނީ ބުނެފަ އެވެ. އަޔޯވާ ސްޓޭޓް ޔުނިވަސިޓީގެ މެޑިކަލް އިންޖިނިއަރިން ޕްރޮފެސަރު ރިޒާ މުންތަޒާމީ ވިދާޅުވީ މިއީ "ވަގުތީ ބެޓެރީ"އެއް އުފެއްދި ފުރަތަމަ ފަހަރު ކަމަށެވެ.
ސައިންސްވެރިން ދަނީ އިންސާނުންގެ ހަށިގަނޑުގެ ތެރޭގައި ވެސް ބެޓެރީ ގެންގުޅެވޭނެ އަދި ހަށިގަނޑުގައި ބޭނުންކުރާ ބެޓެރީ ރައްކާތެރިކަމާ އެކު ނެގޭނެ ގޮތެއް ހޯދަމުންނެވެ. ނަމަވެސް އަލަށް މި އުފެއްދި ބެޓެރީގައި ވެސް ލިދިއަމް ހުންނާތީ އިންސާނުންގެ ހަށިގަނޑުގައި ބޭނުމެއް ނުކުރެވޭނެ އެވެ.
ޕްރޮފެސަ މުންތަޒާމީ އާއި އޭނާގެ ޓީމުން އަލަށް އީޖާދުކުރި ބެޓެރީގެ ދިގުމިނުގައި ހުންނަނީ 5 މިލިމީޓަރެވެ. ބޯމިނަކީ 1 މިލިމީޓަރެވެ. މީގައި ބޭނުންކޮށްފައި ހުރި ބައިތަކަށް ބަލާއިރު ހުރީ މިހާރުވެސް އާންމުކޮށް ބޭނުންކުރާ އެއްޗިއްސެވެ.
މި ބެޓެރި ފެނަށް ލައިފި ނަމަ އޭގައިވާ ޕޮލިމާ ކޭސިން ފުފި، ފަޅައިގެން ދާނެ އެވެ. އަދި އިލެކްޓްރޯޑްސްތައް ނެއްޓޭނެ އެވެ. ބެޓެރި ހަލާކުވެގެން ދާން ބައި ގަޑިއެއްހާއިރު ހޭދަވާނެ އެވެ.