16 އޮކްޓޯބަރ 2018 - 07:22

ނެޓްފްލިކްސްގެ ލޯ އިންޑިއާ އަށް ވަރަށް ބޮޑަށް އަމާޒުވެފައިވާ އިރު، "ސެކްރެޑް ގޭމްސް" ގެ ބޮޑު ކާމިޔާބީއާ އެކު، އިންޑިއާގައި ވެބް ސީރީޒްތަކަށް މުޅި ދުނިޔެއިން ވެސް ދޭ ޝައުގުވެރިކަން ވަނީ ބޮޑުވެގެން ގޮސްފަ އެވެ. މީޑިއާތަކުން ބުނާ ގޮތުގައި މިހާރު ވެސް އިންޑިއާގެ ނުފޫޒު ގަދަ ޑައިރެކްޓަރުންތަކެއް ވަނީ ނެޓްފްލިކްސް އަށް ސީރީޒްތަކެއް ހަދައިދޭން އަތުކުރި އޮޅާލައިފަ އެވެ.
އޭގެ ތެރޭގައި ސުޖޯއި ގޯޝް، ވިޝާލް ބަރަދްވާޖް، ދީޕާ މެހެތާ، ނިކިލް އަދްވާނީ ފަދަ ޑައިރެކްޓަރުން ހިމެނެ އެވެ. އެކްޓަރު ޝާހްރުކް ހާން ވެސް ވަނީ އޭނާގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިންމަންޓާއި ނެޓްފްލިކްސް ގުޅިގެން ވެން ސީރީޒެއް ހަދާކަން 2016 ގައި އިއުލާންކޮށްފަ އެވެ.
ޝާހްރުކް އާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދޭ ވެބް ސީރީޒް "ބާޑް އޮފް ބްލަޑް" ގެ ޝޫޓިން މިހާރު ވަނީ ފަށައިފަ އެވެ. އެކަމާ ގުޅިގެން ޝާހްރުކް ކުރި ޓްވީޓެއްގައި ބުނީ އޭގެ މަސައްކަތް އެންމެ ފަހުން ފެށުމަކީ އެންމެ އުފާވި އެއް ކަންތައް ކަމަށެވެ.
"ބާޑް އޮފް ބްލަޑް" ގައި ލީޑް ރޯލް ކުޅެނީ އިމްރާން ހާޝިމީ އެވެ.
އަށް އެޕިސޯޑް އެކުލެވޭ ގޮތަށް ހަދާ "ބާޑް އޮފް ބްލަޑް" އަކީ އިންޑިއާގެ ޒުވާން ލިޔުންތެރިޔާ ބިލާލް ސިއްދީގީގެ ހަމަ އެ ނަމުގައި ލިޔުނު 2015 ގެ ވާހަކަ "ބާޑް އޮފް ބްލަޑް" އަށް ބިނާކޮށް ހަދާ އެއްޗެކެވެ.
ކަބީރް އާނަންދު ކިޔާ ޖާސޫސެއްގެ ވަށައިގެން ހިނގާ ސިޔާސީ ކަންތައްތަކެއްގެ ވާހަކަ ކިޔައިދޭ މި ވެބް ސީރިޒް ނެޓްފްލިކްސް އިން ގެނެސް ދޭނީ ހިންދީ، އުރުދޫ އާއި އިނގިރޭސި ބަހުރުވައިގެ އިތުރުން ވެސް އެހެން ބަހުރުވަތަކުންނެވެ.
ރާޖްކުމާރް ރާއޯ އާއި ކަންގަނާ ރަނާވަތު ލީޑް ރޯލް ކުޅެފައިވާ ފިލްމު "މެންޓަލް ހޭ ކިޔާ" ރިލީޒް ކުރަން އޮތް ތާރީހު ލަސްކޮށްފި އެވެ. ފެބްރުއަރީ، 22، 2019 ގައި ރިލީޒް ކުރަން އޮތް ފިލްމު މިހާރު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މާޗް މަހުގެ 29 ވަނަ ދުވަހު އެވެ.
ނަމަވެސް އެކްތާ ކަޕޫރްގެ ބަލާޖީން ގެނެސްދޭ "މެންޓަލް ހޭ ކިޔާ" ލަސްކުރި ސަބަބެއް ހާމައެއް ނުކުރެ އެވެ. ޕްރަކާޝް ކޮވެލަމުޑީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ސައިކޮލޮޖިކަލް ތުރިލާއެވެ. އަންނަ އަހަރު އެންމެ އުމްމީދީ އެއް ފިލްމަށް "މެންޓަލް ހޭ ކިޔާ" ވެގެންދާ މައިގަނޑު އެއް ސަބަބަކީ ނެޝަނަލް އެވޯޑް ހޯދާފައިވާ ހުނަރުވެރި ދެ ތަރިން އެކީގައި ފިލްމުން ފެނިގެން ދާނެތީ އެވެ.
ރާޖް އާއި ކަންގަނާ ވަނީ އެކުގައި "ކްއީން" ގައި ވެސް މަސައްކަތްކޮށްފަ އެވެ.
ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފް އިޓަލީގައި ތިބޭތާ މިހާރު ދުވަސްކޮޅެއްވެއްޖެ އެވެ. އެ ދެ ތަރިންނާ އެކު ބަތަލާ ވާނީ ކާޕޫރާއި ދިޕާނިތާ ޝަރްމާ ވެސް މި ވަގުތު ތިބީ އިޓަލީގަ އެވެ.
އެ ގައުމުގައި މި ތަރިން އަންނަނީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ހަދާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އަދި ނަން އިއުލާންކޮށްފައި ނުވާ މި އެކްޝަން ތުރިލާގެ ޑައިރެކްޓަރަކީ "ބޭންގް ބޭންގް" އާއި "ސަލާމް ނަމަސްތޭ" ފަދަ ފިލްމުތައް ގެނެސް ދިން ސިތާދު އާނަންދު އެވެ.
އޭނާ ބުނި ގޮތުގައި ވައިއާރްއެފްގެ މި ފިލްމުވެގެން ދާނީ އެ ސްޓޫޑިއޯ އިން ހަދާ އެންމެ އަގު ބޮޑު އަދި އަދި އެންމެ ވަރުގަދަ އެއް ފިލްމުގެ ތެރެއިން އެކައްޗަށެވެ. އެގޮތުން ފިލްމުގެ މަންޒަރުތައް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ އަގުބޮޑު ލޮކޭޝަންތަކުގައި ނަގާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ފިލްމު ސިނަމާތަކަށް އަންނާނީ އޮކްޓޯބަރު، 2، 2019 ގަ އެވެ.
"އޯމް ޝާންތީ އޯމް" ފަދަ ފިލްމުތަކުގައި ސަޕޯޓިން ރޯލްތައް ކުޅެފައިވާ ބަތަލާ ޔޫވިކާ ޗައުދަރީ އާއި ޕްރިންސް ނަރޫލާ ކައިވެނިކޮށްފި އެވެ.
ޕްރިންސްއަކީ އެމްޓީވީގެ ރޯޑީޒް އާއި ސްޕްލިޓްވިލާ އަދި ކަލާޒްގެ "ބިގް ބޮސް" ފަދަ ރިއަލިޓީ ޝޯތައް ކާމިޔާބުކޮށްފައިވާ މޮޑެލްއެއް އަދި އެކްޓަރެކެވެ. ޔޫވިކާ އާއި ޕްރިންސް ރައްޓެހިވީ 2015 ގެ "ބިގް ބޮސް" ޝޯގެ ތެރެއިންނެވެ.
އެ ދެ ތަރިން ކަިއވެނި ކުރީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކުލަ ގަދަ ހަފުލާއެއްގަ އެވެ.