15 އޮކްޓޯބަރ 2018 - 13:33

މެޑްރިޑް (އޮކްޓޯބަރު 15) – އާ ކޯޗު ލުއިސް އެންރީކޭއާ އެކު ސްޕެއިން އަންނަނީ އަނެއްކާ ވެސް ވިދަމުން ކަމަށް ކެޕްޓަން ސާޖިއޯ ރާމޯސް ބުނެފި އެވެ.
ހުލެން ލޮޕެޓީގާ އެކު ސްޕެއިން ރަނގަޅު ފައްތަރެއްގައި އޮއްވާ، ވޯލްޑް ކަޕުގެ ކުރިން އޭނާ މަގާމުން ވަކިކުރުމާ އެކު އެ ޓީމު އެ މުބާރާތުގައި އަޑިއަޅާލި އެވެ. ލޮޕެޓީގް ވަކިކުރީ ރެއާލް މެޑްރިޑާ ހަވާލުވާން އެއްބަސްވުމުންނެވެ.
އެ މުބާރާތުގައި ފެނާންޑޯ ހިއޭރޯ ވަގުތީ ކޯޗަކަށް މަސައްކަތްކުރިއިރު، އޭގެ ފަހުން ހަވާލުވި އެންރީކޭއާ އެކު އެ ޓީމުން ވަނީ ކުޅުނު ތިން މެޗުން ވެސް މޮޅުވެފަ އެވެ.
"ވޯލްޑް ކަޕަށް ފަހު ކުޅުންތެރިންގެ ރޫހަށް އަސަރުކުރި. ކުޅުންތެރިންގެ ޖީލެއް ބަދަލުވުމާއި މެނޭޖްމަންޓުގެ ބަދަލުތަކާ އެކު އަދި ޓީމުގެ އޯގަނައިޒޭޝަނާއި ޑިސިޕްލިން މި ވަނީ އަނބުރާ ލިބިފައި،" ރާމޯސް ބުންޏެވެ. "ގައުމީ ޓީމު އަންނަނީ ޓީމުގެ ހާއްސަ އަދި ބަލާހިތްވާ މޮޅު ކުޅުމާ އެކު ވިދަމުން. އަހަރެމެން މިއޮތީ ރަނގަޅު ޓްރެކުގައި."
ސްޕެއިން އޮތީ ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް ހަތަރެއްގެ އެއް ވަނައިގައި ހަ ޕޮއިންޓާ އެކު އެވެ. އެ ޓީމު މިރޭ ނުކުންނާނީ ދެ ވަނައިގައި އެއް ޕޮއިންޓާ އެކު އޮތް އިންގްލެންޑާ ދެކޮޅަށެވެ. މިރޭ އެއްވަރުކޮށްލައިގެން ވެސް އެ ޓީމަށް އަންނަ އަހަރު އޮންނަ ފައިނަލް ބުރަށް ދެވޭނެ އެވެ.
މިރޭގެ މެޗު އޮންނާނީ ރާމޯސްގެ ކުރީގެ ކްލަބް ކަމަށްވާ ސެވިއްޔާ ނިސްބަތްވާ ސިޓީގައި ހުންނަ ރެއާލް ބެޓިސްގެ ދަނޑުގަ އެވެ. ރާމޯސް ބުނީ މިއީ ގައުމީ ޓީމާ އެކު މިތަނުގައި ކުޅޭ ފުރަތަމަ މެޗު ކަމަށާއި ވަރަށް އުފާވެފައިވާ ކަމަށެވެ.