އައިފޯން ބަލިކަށި ނުކުރަން އެޕަލް އިން ގޮވާލައިފި
އައިފޯން ބަލިކަށި ނުކުރަން އެޕަލް އިން ގޮވާލައިފި

އޮސްޓްރޭލިއާގެ މުވާސަލާތީ ގާނޫނަށް ބަދަލުތަކެއް ގެންނަން މަސައްކަތްތަކެއް އެބަ ކުރެ އެވެ. އެ ގޮތުން ގެންނަ ބަދަލުތަކުގެ ތެރޭގައި، އެޕަލް ކަހަލަ، މުއާސަލާތީ ޑިވައިސްތައް އުފައްދާ ކުންފުނިތަކުން އަމަލުކުރަންޖެހޭ ނުކުތާއެއް ވެސް އޮވެ އެވެ. އޭގައި ބުނަނީ، ތަންފީޒީ އިދާރާއަކުން އެދެފި ނަމަ، "ތަންކޮޅެއް ބޮޑަށް" އެއްބާރުލުން ދޭން ޖެހޭނެ ކަމަށެވެ. އެޕަލް އަށް އެންމެ ކަމުނުދާ ނުކުތާ އަކީ މިއީ އެވެ.

އެޕަލް ދެކޭ ގޮތުގައި، އަމަލުކުރުން ލާޒިމުކޮށް ގާނޫނުގައި ހިމަނަންވާނީ އެކަމެއް ވަރަށް ރަނގަޅަށް ސާފުކޮށްދީފަ އެވެ. އެ ނުކުތާ މިހާރު އޮތް ގޮތުން، އެއްބާރުލުން ދޭންޖެހޭ މިންގަނޑެއް ސާފުނުވާ ކަމަށް އެޕަލް އިން ބުނެ އެވެ.

ތަންފީޒީ އިދާރާތަކަށް އެޕަލް އިން މިހާރު ވެސް އެއްބާރުލުން ދޭ ކަމަށް އެ ކުންފުނިން ބުނެ އެވެ. މިހާރު ދޭ އެއްބާލުމަށް ވުރެ އިތުރަށް ބޭނުންވުމަކީ، ބޭނުންޖެހިއްޖެ ހިނދެއްގައި، ބޭނުން ބަޔަކަށް، އައިފޯނަށް ވަދެވުން ކަމަށް ވާ ނަމަ، އެކަން އެ ގޮތަށް ވާން ނެތް ކަމަށް އެޕަލް އިން ބުނެ އެވެ.

އައިފޯނުގެ "އެންކްރީޕްޝަން" ވަރުގަދަކޮށް، ހެކަރުންނަށް ނުވަދެވޭ ގޮތް ހަދަން ޖެހެނީ، ފަރުދުންނަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމަށް ކަމަށް އެޕަލް ބުނެ އެވެ. ބާރުގަދަ ޑިވައިސްތައް ހަލާކުކޮށް، ފަރުދީ އަދި ފިކުރީ މުދަލުން ވައްކަންކުރަން ހެކަރުން ބޭނުންކުރާ ހަތިޔާރުތައް، ދުވަހަކަށް ވުރެ ދުވަހެއް ބާރުގަދަކުރަމުން އަންނައިރު، އޮސްޓްރޭލިއާ އިން ބޭނުންވި ނަމަވެސް، އައިފޯނުގެ ސަލާމަތީ މިންގަޑު ދޯހަޅިކޮށްލުމަކީ ނުކުރާނެ ކަމެއް ކަމަށް އެޕަލް އިން ބުނެ އެވެ.

ގަވާއިދުތައް އެކުލަވާލައި ގާނޫނަށް ބަދަލުކުރުމުގެ ކުރިން، ރަނގަޅަށް ވާހަކަދެކެވި އަދި މާއްދާތައް ސަރީހަ ބަހުން އެނގެން ހުރުން މުހިންމު ކަމަށް ވެސް އެޕަލް ބުނެ އެވެ. އެއީ ސުލްހަވެރި ގޮތުގައި އެއްބާރުލުން ދިނުމަށް ކަމަށް ވެސް އެޕަލް ބުނެ އެވެ.