ފަހު މެޗުން ބޮޑު މޮޅަކާ އެކު ބްރެޒިލް ކުއާޓާ އަށް
ފަހު މެޗުން ބޮޑު މޮޅަކާ އެކު ބްރެޒިލް ކުއާޓާ އަށް

ރިއޯ ޑި ޖަނޭރޯ (އޮގަސްޓް 11) - ގްރޫޕްގެ ފަހު މެޗުން ޑެންމާކް އަތުން 4-0 އިން ހޯދި ބޮޑު މޮޅާ އެކު ބްރެޒިލް އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ރޭގެ މެޗުގެ ކުރިން ބްރެޒިލް ކުޅުނު ދެ މެޗުން ވެސް ވަނީ އިރާގާއި ދެކުނު އެފްރިކާއާ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. އެހެން ވުމުން އެ ޓީމަށް ކުއާޓާ ފައިނަލުގެ ޖާގައެއް ޔަގީންވާން އޮތީ ރޭ ޑެންމާކް ބަލިކޮށްގެންނެވެ.

ބްރެޒިލް ކުއާޓާގެ ޖާގައެއް ހޯދީ ގްރޫޕް އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ތިން މެޗުން އެ ޓީމަށް ވަނީ ފަސް ޕޮއިންޓް ލިބިފަ އެވެ. ގްރޫޕްގެ ދެ ވަނަ ލިބުނީ ހަތަރު ޕޮއިންޓް ހޯދި ޑެންމާކް އަށެވެ. އިރާގް ތިން ޕޮއިންޓާ އެކު ތިން ވަނަ ދިޔައިރު، އެންމެ ފުލަށް ދިޔައީ ދެ ޕޮއިންޓް ހޯދި ދެކުނު އެފްރިކާ އެވެ.

ރޭގެ މެޗުގައި ޑެންމާކް ކޮޅަށް ބްރެޒިލްގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކުރީ ގަބްރިއެލް ބާބޯސާ އެވެ. އަނެއް ދެ ލަނޑު ޖެހީ ގަބްރިއެލް ޖީސަސް އަދި ލުއާން އެވެ. ރޭގެ މެޗުގައި ބްރެޒިލްގެ ފަރާތުން ފެނުނީ ކުރިން ދެ މެޗަށް ވުރެން ރަނގަޅު ކުޅުމެކެވެ. އެ ޓީމުގެ ކޯޗު ރޮޖެރިއޯ މައިކަލް ބުނީ ކުއާޓާ ފައިނަލުގައި ދައްކަން ބޭނުންވަނީ ޑެންމާކާ ދެކޮޅަށް ކުޅުނު މެޗަށް ވުރެ ރަނގަޅު ކުޅުމެއް ކަމަށެވެ.

ބްރެޒިލް - ކޮލަމްބިއާ

ދެކުނު ކޮރެއާ - ހޮންޑިއުރަސް

ނައިޖީރިއާ - ޑެންމާކް

ޖާމަނީ - ޕޯޗުގަލް