އަޖޭ ދޭވްގަންގެ "ތާނަޖީ" އަށް ސައިފް އަލީ ހާން ސޮއިކޮށްފި
އަޖޭ ދޭވްގަންގެ "ތާނަޖީ" އަށް ސައިފް އަލީ ހާން ސޮއިކޮށްފި

އަޖޭ ދޭވްގަން ޕްރޮޑިއުސްކޮށް ލީޑް ރޯލް ކުޅޭ ތާރީހީ ފިލްމު "ތާނަޖީ: ދި އަންސަންގް ވޮރިއާ" އަަށް ސައިފް އަލީ ހާން ސޮއިކޮށްފި އެވެ.

އޭނާ ފިލްމަށް ސޮއިކޮށްފައި ވަނީ "ތާނަޖީ" ގެ ރޯލަކުން ސައިފް ފެންނާނެ ކަމަށް މީޑިއާތަކުން ރިޕޯޓް ކުރަމުން އަންނަނިކޮށެވެ. އެކަން ކަށަވަރުކޮށް ދެމުން ސައިފް ބުނީ އޭނާ މިހާރު ފިލްމުގެ ޝޫޓިން ވެސް ފަށާފައިވާ ކަމަށެވެ.

"އެކަމަކު އަހަރެން ކުޅޭ ކެރެކްޓާއާ ބެހޭ އެއްވެސް ތަފުސީލެއް އަދި ނެތް ދެވޭކަށް. ވަރަށް މުހިއްމު އަދި ވަރަށް ވަރުގަދަ ރޯލަކުން ފެނިގެން ދާނީ،" މީގެ ކުރިން އަޖޭއާ އެކު އޯމްކާރާ (2006) އާއި ކައްޗޭ ދާގޭ (1999) ގައި މަސައްކަތްކޮށްފައިވާ ސައިފް ބުންޏެވެ. "މި ފިލްމުވެގެން ދާނީ ބޮޑެތި މީހުންނާއި ކުޑަކުދިން ވެސް ވަރަށް ގަޔާވާނެ ފިލްމަކަށް. އަހަރެން ތާނަޖީ ސިފަކުރާނީ ބާހްބަލީ ކަހަލަ ގްރޭންޑް ފިލްމެއްގެ ގޮތުގައި."

ރިޕޯޓްތައް ބުނާ ގޮތުން އޭނާ ފެނިގެން ދާނީ "ތާނަޖީ" ގެ އެންޓި-ހީރޯ ރޯލަކުންނެވެ.

އޯމް ރައުތު ޑައިރެކްޓް ކުރާ "ތާނަޖީ" އަކީ އިންޑިއާގައި ތާރީހުގައި ވަރަށް ފާހަގަކޮށްލެވުނު ހަނގުރާމަވެރިއެއް ކަމަށްވާ ސުބޭދާރު ތާނަޖީ މަލަސޫރޭގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ފިލްމުގައި އަޖޭ ކުޅެނީ ޓައިޓްލް ރޯލެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު ރަސްމީކޮށް ޝޫޓިން ފެށި "ތާނަޖީ" ސިނަމާތަކަށް އަންނާނީ ނޮވެމްބަރު، 22، 2019 ގަ އެވެ. މީޑިއާތަކުން ބުނެފައިވާ ގޮތުގައި މި ފިލްމުގައި އަޖޭއާ އެކު ބަތަލާގެ ރޯލުން އޭނާގެ އަންހެނުން ކާޖޮލް ވެސް ފެނިގެން ދާނެ އެވެ. އެކަމަކު އެކަން އަދި ކަށަވަރެއް ނުވެ އެވެ.

ސައިފްގެ އެންމެ ފަހުގެ ފިލްމު "ބާޒާރު" މި މަހުގެ 26 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ އިރު، އޭނާ އަންނަނީ "ހަންޓާ" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.