ގޯއްޗަށް އެދި ފޯމް ހުށަހަޅަން ހުޅުވާލާނެ ދުވަހެއް އަދި ނުނިންމަން: އެޗްޑީސީ
ގޯއްޗަށް އެދި ފޯމް ހުށަހަޅަން ހުޅުވާލާނެ ދުވަހެއް އަދި ނުނިންމަން: އެޗްޑީސީ

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ގޯއްޗަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނެ ދުވަހެއް އަދި ނުނިންމާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ހުރިހާ ކަމެއް ހައުސިން މިނިސްޓްރީން ކުރަމުން އައިސް، ފޯމު ހުށަހަޅަން ގިނަ ބަޔަކު ކިޔޫގައި ތިއްބައި، ގޯތި ދޫކުރުމުގެ ހުރިހާ ކަމެއް މިދިޔަ ބުރާސްފަތި ދުވަހު ކުއްލި ގޮތަކަށް ވަނީ އެޗްޑީސީއާ ހަވާލުކޮށްފަ އެވެ.

ފޯމު ދޫކުރުމާއި ބަލައިގަތުން އެޗްޑީސީއާ ހަވާލުކުރުމާ އެކު އެ އޮފީސް ދޮށުގައި މީހުން ކިއޫ ހެދި އެވެ. އެ ދުވަހު އެޗްޑީސީން ބުނީ ފޯމު ބަލައިގަތުމުގެ އިންތިޒާމްތައް ހަމަޖައްސަމުން އަންނަ ކަމަށާއި ފޯމު ހުށަހަޅަން މިހާރު ދީފައިވާ މުއްދަތު އިތުރުކުރާނެ ކަމަށެވެ.

ފޯމު ދޫކުރަން ފަށާ ދުވަހެއް ނިންމައިފިތޯ ސުވާލުކުރުމުން އެޗްޑީސީގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އިތުރު އަޕްޑޭޓެއް މި ވަގުތު ނެތް ކަމަށެވެ.

އެޗްޑީސީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ބުނީ ފޯމު ދޫކުރުމާއި ބަލައިގަތުން މިހާރު ކުރިއަށް ގޮސްފައިވާ ހިސާބާއި އެކަން ކުރިއަށް ގެންދާނެ ގޮތާ ގުޅޭގޮތުން ހައުސިން މިނިސްޓްރީއާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އަދި ފޯމު ބަލައިގަންނަން ހަމަޖައްސާފައިވާ މުއްދަތު އިތުރުކޮށް އެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ މައުލޫމާތު ވީ އެންމެ އަވަހަކަށް ފޯރުކޮށްދޭނެ ކަމަށް ބުންޏެވެ.

ހައުސިން މިނިސްޓްރީން ވަނީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން، 400،000ރ ގެ ރޭޓުން 400 ގޯތި ވިއްކަން ނިންމައިފަ އެވެ.

ގޯއްޗަށް އެދި ފޯމު ހުށަހެޅުމަށް އެތައް ސަތޭކަ ބަޔަކު ހައުސިން މިނިސްޓްރީ ދޮށުގައި ރެޔާއި ދުވާލު ކިޔޫ ހަދައިގެން ތިބެ މި ހަފުތާ ތެރޭގައި 5،000 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފަ އެވެ. ފޯމު ބަލައިގަތުމުގެ މަސައްކަތް އެޗްޑީސީ އަށް ބަދަލުކުރީ ނަންބަރު ނަގައިގެން އެތައް ސަތޭކަ ބަޔަކު ކިއޫގައި ތިއްބަ އެވެ.