16 އޮކްޓޯބަރ 2018 - 07:22

ބޮލީވުޑުން ހޯދި މަގުބޫލު ކަމާއި އޭ ލިސްޓް ފަންނާނުންނާ އެކު މަސައްކަތްކޮށްގެން މަޝްހޫރުވި ޖެކްލިން ފެނަންޑޭޒަކީ މުޅި ސްރީ ލަންކާ ވެސް ފަހުރުވެރިވާ ބަތަލާއެކެވެ. އެކަމަކު އޭގެ ކުރިން އޭނާ މަޝްހޫރުވީ މިސް ޔުނިވާސް ސްރީ ލަންކާގެ ތާޖު ހާސިލްކޮށްގެންނެވެ.
ޖެކްލިން މިހާރު ވަނީ ލަންކާގެ ފިލްމެއް ވެސް ކުޅެފަ އެވެ. އެކަމަކު މިއީ އިނގިރޭސި ބަހުން ހަދާފައިވާ ފިލްމެކެވެ. ފިލްމުގެ ނަމަކީ "އެކޯޑިން ޓު މެތިއު" އެވެ.
މިހާރު ޓްރެއިލާ ވެސް ދައްކާލައިފައިވާ މި ފިލްމަކީ ކްރިސްޓިއަން ފާދިރީއަކު އަނބިމީހާ މަރާލައި، އޭނާގެ މިސްޓްރެސްއާ ބާއްވާ ސިއްރު ގުޅުމެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ޖެކްލިންއާ އެކު ފިލްމުން ފެނިގެންދާ ތަރިންގެ ތެރޭގައި އެލްސޮން ކޮޗް، ކިއާން އޮ ގްރެޑީ އަދި ބިމްސާރާ ޕްރެމަރަޓްނާ ހިމެނެ އެވެ.
ޗަންދުރަން ރުތުނަމް ޑައިރެކްޓްކޮށްފައިވާ "އެކޯޑިން ޓް މެތިއު" ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ޖެކްލިން ވަނީ މީގެ ހޮލީވުޑްގެ ފިލްމެއް ވެސް ކުޅެފަ އެވެ. އެއީ ބިރުވެރި ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ޑިފިނިޝަން އޮފް ފިއާ (2015) އެވެ. އޭނާގެ އެންމެ ފަހުގެ ހިންދީ ފިލްމަކީ ޖޫން މަހު ރިލީޒް ކުރި "ރޭސް 3" އެވެ.
ޖެކްލިން، 33، ގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ސުޝާންތު ސިންގް ރާޖުޕޫތާ އެކު ކުޅޭ "ޑްރައިވް" އާއި ކާތިކު އާރިޔަންއާ އެކު ކުޅޭ ކަންނާޑާ ފިލްމު "ކިރިކް ޕާޓީ" ގެ ހިންދީ ރިމެކިން ހިމެނެ އެވެ.