ކޮލަމް ކޯދު: އަލްފާތިޙާ ސޫރަތުގެ މާނަ އަށް ބަލައިލުމެއް
ކޮލަމް ކޯދު: އަލްފާތިޙާ ސޫރަތުގެ މާނަ އަށް ބަލައިލުމެއް

(4 އޮގަސްޓް ދުވަހުގެ ނޫހާ ގުޅޭ)

ކޮލަމް ކޯދު: އަލްފާތިޙާ ސޫރަތުގެ މާނަ އަށް ބަލައިލުމެއް
ކޮލަމް ކޯދު: އަލްފާތިޙާ ސޫރަތުގެ މާނަ އަށް ބަލައިލުމެއް

ދެން އޮތް ދެ އާޔަތުގައި މާތްﷲގެ ބައެއް ސިފަފުޅުތައް ބަޔާން ކުރެވިފައިވެ އެވެ. މިގޮތުން އެންމެ ފުރަތަމަ ނަންގަނެވިފައިވަނީ މާތް ﷲއީ 'ރައްބުލް ޢާލަމީން' ކަމެވެ. 'ރައްބު'ގެ ލަފުޒީ މާނައަކީ ވެރިޔާ އެވެ. އަރަބި ބަހުގައި ގޭގެ ވެރިމީހާ އަށް 'ރައްބުލް ބައިތި'އޭ ކިޔެ އެވެ. އޭނާއަކީ ގޭގެ ހުރިހާކަމެއް ބަލަހައްޓާ މީހާ ކަމަށް ވާތީ އެވެ. އާއިލާގެ މެމްބަރުންގެ ކެއުމާއި ބުއިމާއި އަންނައުނު ހޯދައި ދިނުމާއި ބޯހިޔާވެހި ކޮށްދިނުމާއި، ބަލިވީމާ ބެލުންފަދަ ހުރިހާކަމެކެވެ.

ކޮލަމް ކޯދު: އަލްފާތިޙާ ސޫރަތުގެ މާނަ އަށް ބަލައިލުމެއް
ކޮލަމް ކޯދު: އަލްފާތިޙާ ސޫރަތުގެ މާނަ އަށް ބަލައިލުމެއް

'އަލް ޢާލަމީން'، 'އާލަމްތައް'، އިޝާރަތް ކުރަނީ މާތްﷲ ފިޔަވައި ވުޖޫދުގައިވާ ހުރިހާ އެއްޗަކަށެވެ. އަޅުނޑުމެންނަށް ފެންނަ އަދި އަޅުގަނޑުމެންގެ ހިއްސުތަކުގެ ޒަރިއްޔާ އިން އެނގިގަނެވޭ ތަބީއީ ދުނިޔޭގައި ވާހައި އެއްޗިއްސެކެވެ. އިންސާނުންނާއި ޖަނަވާރުންނެވެ. ދޫނިސޫފާސޫތްޕާއި ފަނިފަކުސަ އެވެ. ގަސްގަހާ ގެއްސާއި މާމެލާމެއްޔެވެ. އަދި މީގެ އިތުރުން، އަޅުނޑުމެންގެ ހިއްސުތަކުގެ ޒަރިއްޔާ އިން ދެނިނުގަނެވޭ، ތަބީއީ ދުނިޔެ އިން ބޭރުގެ، މާވަރާއީ ދުނިޔޭގައިވާ ހުރިހާ ތަކެއްޗެއް ވެސް މެ އެވެ. މަލާއިކަތުންނާއި ޖިންނީފަދަ މަޚްލޫގު ތަކުންނެވެ. މިނަންގަތް ކޮންމެ ގިންތީއަކީ އާލަމެކެވެ.

ކޮލަމް ކޯދު: އަލްފާތިޙާ ސޫރަތުގެ މާނަ އަށް ބަލައިލުމެއް
ކޮލަމް ކޯދު: އަލްފާތިޙާ ސޫރަތުގެ މާނަ އަށް ބަލައިލުމެއް

މާތް ﷲއީ މިހުރިހާ އާލަމްތަކެއްގެ، އާދެ، މަޚުލޫގު ތަކުންގެ، ވެރި ރަސްކަލާނގެއެވެ. އެކަލާނގެއީ އެމަޚްލޫގުތަކުން ނެތުމުގެ ތެރެއިން ހައްދަވައި ނެރުއްވައި އެ އެއްޗިއްސަށް ދިރުން ދެއްވި ރަސްކަލާނގެ އެވެ. އަދި އެކަލާނގެއީ އެމަޚްލޫގުތަކުންނަށް ރިޒުގާއި ނިއުމަތްތައް ދެއްވައި އެހުރިހާ އެއްޗިއްސެއްގެ ކަންތައްތައް ބައްލަވާވޮޑިގެންވާ ރަސްކަލާނގެ އެވެ. 'ރައްބުލްޢާލަމީން'ގެ އިބާރަތުން މިމާނަ ދޭހަވެ އެވެ.

މާތްﷲގެ ސިފަފުޅުތަކާ ބެހޭ ގޮތުން ދެންއޮތީ އެކަލާނގެއީ ރަޙްމާނުވަންތަ އަދި ރަހީމުވަންތަ ކަލާނގެކަން ބަޔާން ކުރެވިފަ އެވެ. ބިސްމީގައި ވެސް ސިފަކޮށް ބަޔާން ކުރެވިފައިވާ ފަދައިންނެވެ. އައްރަޙްމާނު އާއި އައްރަޙީމު އުފެދިފައިވަނީ 'ރަޙްމަތް' މި މަސްދަރުންނެވެ. ރަޙުމަތުގެ މާނައަކީ އޯގާތެރިކަމެވެ. ހެޔޮކަމާއި އިހުސާންތެރިކަމެވެ.

އައްރަޙްމާނު ސިފަކޮށްދެނީ މާތްﷲގެ ޒާތުފުޅެވެ. އޯގާތެރިކަމަކީ އެކަލާގެ ޒާތުފުޅާގުޅޭ ސިފަފުޅެއް ކަމެވެ. މިސިފަފުޅުން އެނގެނީ އެކަލާނގެއީ ވޮޑިގެންވުމުގައި 'ރަހުމަތްވަންތަ' ކަލާނގެކަމެވެ. އައްރަޙީމު ގުޅެނީ މާތްﷲގެ އަމަލުފުޅުތަކާ އެވެ. އެކަލާނގެ މިންވަރު ކުރައްވާ ކަންތައްތަކާ އެވެ. މިސިފަފުޅުން އެނގެނީ އެކަލާގެއީ ނިއުމަތްތަކާއި ހެޔޮ ގޮތްތައް ހުރިހާ އަޅުތަކުންނަށް މިންވަރު ކުރައްވައި، 'ރަހުމަތްލައްވާ' ރަސްކަލާނގެ ކަމެވެ. އާދެ، މާތްﷲއީ އެކަލާނގެ ވޮޑިގެންވުމުގައި ރަހުމަތްވަންތަ އަދި، ކަންތައްތައް މިންވަރު ކުރެއްވުމުގައި، އެންމެހައި އަޅުތަކުންނަށް ރަހުމަތްލައްވައި، ހެޔޮ ގޮތްތައް މެދުވެރިކުރައްވާ، ރަސްކަލާނގެ އެވެ.

ކީރިތި ޤުރުއާނުގައި މާތް ﷲގެ ޒާތުފުޅުގެ ހަގީގަތާ ބެހޭ ގޮތުން އެތައް ސިފަފުޅުތަކެއް ނަންގަނެވިފައި ވާއިރު، ރަހުމަތުގެ ސިފަފުޅު އެންމެ ފުރަތަމަ ސޫރަތުގައި ދެ ފަހަރަށް ތަކުރާރުކުރެވި އޮތްކަން ފާހަގަކޮށް އެކަމާ މެދު ވިސްނައި ފިކުރު ކޮށްލަން ޖެހެ އެވެ. ރަހުމަތުގެ ސިފަފުޅަކީ މާތް ﷲގެ އެންމެ މުހިއްމު ސިފަފުޅުކަން، މިއާޔަތުންނާއި (އަދި މިނޫންވެސް އެހެން ބައެއް އާޔަތްތަކުން) ދޭހަވެ އެވެ.

ކުރިން ވެސް ނަންގެނެވުނު ފަދައިން އައްރަޙުމާނު ސިފަކޮށްދެނީ މާތްﷲގެ ޒާތުފުޅެވެ. އެކަލާނގެއީ އެންމެ ފުރަތަމަ ވެސް ރަހުމަތުގެ ރަސްކަލާނގެކަމެވެ. ރަހުމަތުގެ ސިފަޔަކީ މާތްﷲ އެކަލާނގެ ރަސްކަންފުޅުގެ މައްޗަށް އަމިއްލަފުޅަށް ވާޖިބު ކުރައްވައިފައިވާ ސިފަފުޅެކެވެ. "...ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ، އެކަލާނގެ ރަސްކަންފުޅުގެ މައްޗަށް ރަހުމަތް ލާޒިމުކުރައްވައި ލިޔުއްވައިފައި ވެ އެވެ..." (އަލްއަންޢާމް 54) މި އާޔަތުގައި އައިސްފައިވާ ފަދައިންނެވެ.

މިއިން އެނގެނީ، އެއްވެސް ހާލަތެއްގައި އެއްވެސް މަޚުލޫގަކަށް، އެކަލާނގެ، އަނިޔާވެރިވެ ވޮޑިގެން ނުވާނޭކަމެވެ. އަދި، އެއްވެސް މީހަކު، އެކަލާނގެ އަށް، އުރެދި ނުކިޔަމަންތެރިވީ ކަމުގައިވިޔަސް، އެމީހަކަށް، އެކަލާނގެ ރަހުމަތުގެ ދޮރު ބަންދު ނުވާކަމެވެ. އަދި ކިއެއް ހެއްޔެވެ؟ އޭނާ އަށްޓަކައި، މާތްﷲގެ ރަހުމަތުގެ ދޮރުވަނީ އަބަދުވެސް ހުޅުވާލެވިފަ އެވެ. އެކަލާނގެ އަޅުތަކުންނަށް، ޚާއްސަ ގޮތެއްގައި ފާފަތަކަށް އަރައިގަނެ، އަމިއްލަ ނަފްސަށް އަނިޔާވެރިވާ އަޅުތަކުންނަށް، މާތްﷲ އަންގަވަނީ މިފަދައިންނެވެ. "...(މާތް) ﷲގެ ރަހުމަތާއި މެދު މާޔޫސްވެ އުއްމީދު ކަޑާނުލާށެވެ. (އެހެނީ) އަޅުތަކުންގެ ހުރިހާ ފާފައެއްވެސް (އެކަލާނގެ) އެއްކޮށް ފުއްސަވާ ލައްވަތެވެ." (އައްޒުމަރު 53)

އާދެ، އެކަލާނގެ ރަޙުމަތުގެ ދޮރު އަބަދުވެސް، އެންމެންނަށްޓަކައި، ހުޅުވިފައިވާ ކަމުގެ އުފާވެރި ޚަބަރު މިއާޔަތުގައި ދެވިފައިވެ އެވެ. އެމީހުން ތައުބާވެ، މާތްﷲގެ މަގަށް އެނބުރިއާދޭ ތޯ އެވެ. އަދި، އެއަށް ފަހު، އެމީހުންގެ އަމިއްލަ ނަފްސު އިސްލާހުކޮށް ހެޔޮ ގޮތުގައި އެމީހުންގެ ހަޔާތް ވޭތުކޮށް ދިޔުމަށްޓަކަ އެވެ. އެކަލާނގެ ޒާތުފުޅު ބަޔާންކޮށްދިނުމުގެ ގޮތުން ތިން ވަނަ އަށް ނަންގެނެވިފައިވާ ސިފަފުޅަކީ އެކަލާނގެއީ مالك يوم الدين ކަމެވެ. ޖަޒާދިނުމުގެ ދުވަހުގެ، އާދެ، ގިޔާމަތް ދުވަހުގެ ވެރި ރަސްކަލާނގެ ކަމެވެ.

يوم الدين މި އިބާރާތުގައި ގިނަ މާނަތަކެއް އެކުލެވިގެންވެ އެވެ. ދުނިޔަވީ ހަޔާތަކީ ނިމުމެއްއޮތް ހަޔާތެއްކަމެވެ. ހުރިހާ އިންސާނުން މަރުވާނޭ ކަމާއި މިދުނިޔެ ދޫ ކޮށް ދާންޖެހޭނޭ ކަމެވެ. އަދި އެއަށް ފަހު، އަލުން ދިރުއްވައި އެމީހުންގެ ދުނިޔަވީ އަމަލުތަކާ މެދު، އެމީހުންނާ ސުވާލު ކުރެވޭނޭ ކަމެވެ. އަދި ކޮންމެ މީހެއްމެ، އެމީހެއްގެ އަމަލުތަކުގެ މައްޗަށް ބިނާކޮށް، އޭނާގެ ހިސާބު ބެލެވި، އޭނާ އަށް ހައްގު ވެގެންވާ ޖަޒާ ދެވޭނޭ ކެމެވެ. ރަނގަޅު ގޮތުގައި ކަންތައްތައް ކުރި މީހުންނަށް ހެޔޮޖަޒާ ދެވޭނޭ ކަމެވެ. އެމީހުންގެ ހަޔާތް، ކުށްފާފަތައް ކުރުންމަތީ ވޭތުކޮށްލުން ޚިޔާރުކުރި މީހުންނަށް ވެސް، އެމީހުން ކުރިކަމެއްގެ ނަތީޖާއާ ކުރިމަތިލާން ޖެހޭނޭކަމާއި އަދި އެމީހުންނަށް ވެސް ހައްގުވާ ޖަޒާ ދެވޭނޭކަން، 'ޖަޒާ ދިނުމުގެ ދުވަހުގެވެރި ރަސްކަލާނގެ' މިއިބާރާތުން ދޭހަވެ އެވެ.

މާތް ﷲއަށް ޙަމްދުކޮށް، އެކަލާނގެ އަށް ތަމްޖީދާއި ތައުޡީމު އަދާކޮށް އެކަލާނގެ ޒާތުފުޅުގެ ތަސައްވުރެއް ހުށަހަޅާލުމަށް ފަހު، ދެން، އަލްފާތިޙާ ސޫރަތުގައި ބަޔާން ކުރެވިފައިވަނީ، މި ތަސައްވުރާ މުނާސިބު، އެކަލާނގެ އާއި މުއުމިނު އަޅުތަކުންނާ ދެމެދު އޮންނަ، ގުޅުމުގެ ވާހަކަ އެވެ. މިގުޅުމަށް އިޝާރާތް ކުރެވިފައިވަނީ إياك نعبد وإياك نستعين، 'އަޅަމެން އަޅުކަން ކުރަނީ ހަމައެކަނި އިބަރަސްކަލާނގެ ޙަޟްރަތަށެވެ، އަދި އަޅަމެން ވާގި އެދެނީ (ވެސް) ހަމައެކަނި އިބަރަސްކަލާނގެ ޙަޟްރަތުންނެވެ' މިއާޔަތުގަ އެވެ. މިއާޔަތް ފަހުމްކޮށް ދެނެގަތުމަށްޓަކައި، މިއާޔަތުގައި ހިމެނޭ މުހިއްމު ދެ އިބާރާތް ކަމުގައިވާ 'نعبد' އާއި 'نستعين'ގެ މާނައިގެ މައްޗަށް އިތުރަށް ބަލައިލަމާ ތޯއެވެ.

'نعبد' (އަޅަމެން އަޅުކަން ކުރަނީ) އައިސްފައިވަނީ 'عبادة' (އަޅުކަންކުރުން) މި މަސްދަރުންނެވެ. އަޅުކަން ކުރުމުގެ މާނައިގައި މައިގަނޑު ދެކަމެއް އެކުލެވިގެން ވެ އެވެ. ފުރަތަމަ ކަމަކީ ފުރިހަމަ އަށް ބޯލަނބައި ކިޔަމަން ގަތުމެވެ. ދެ ވަނަކަމަކީ ތައުޡީމު އަދާކުރުމެވެ. ތިމަންމެން އަޅުކަން ކުރަނީ މާތްﷲގެ ކިބަފުޅަށޭ ބުނެވޭ ބަހުގެ މާނައަކީ އެކަލާނގެ ކިބަފުޅަށް ތިމާގެ އަމިއްލަ ނަފްސު ތަސްލީމުކޮށް، ދީލުވާލައި، ކިޔަމަން ކުރުވުމެވެ. މިކިޔަމަން ކުރުން ފާޅުކޮށް، ދައްކުވައިލެވެނީ އަމިއްލަ ނަފްސު، ނުރަނގަޅު ކަންތައްތައް ކުރުމުން ދުރުހެލި ކުރުވައި، ހެޔޮ ކަންތައްތައް ކުރުންމަތީ ދަމަހައްޓުވައި ގެންނެވެ.

އެކަލާނގެ ހައިބަތާއި މަތިވެރިކަން ހިތަށް ގެނެސް، ތަޢުޡީމު އަދާކުރާ ހާލުގަ އެވެ. މިގޮތުގެ މަތިން، މާތްﷲގެ ކިބަފުޅަށް ބޯލަނބައި ކިޔަމަންތެރިކަން އަދާ ކުރެވެނީ ކިހެނެއްތޯ އިތުރަށް ސާފުކޮށްލުމުގެ ގޮތުން އިސްލާމް ދީނުގެ އަޅުކަމުގެ އެންމެ މުހިއްމު އެއްރުކުން ކަމުގައިވާ ނަމާދުގެ މަގުސަދުގެ މައްޗަށް އަވަސް ނަޒަރެއް ހިންގާލަމާ ތޯ އެވެ.

އާދެ، ނަމާދަކީ އަޅުކަމުގެ ރަސްމެކެވެ. ހަރަކާތްތަކާކައި ކިޔުންތަކެއްގެ މައްޗަށް އެކުލެވިފައިވާ، ބޭރު ފުށުގެ އަޅުކަމުގެ އަމަލެކެވެ. މި އަޅުކަން ކުރުމަށް ބާރު އަޅައި، މި އަޅުކަމުގެ މަގުސަދަކީ ކޮބައިކަން، ކީރިތި ޤުރްއާނުގައި ބަޔާން ކުރެވިފައިވެ އެވެ. އަލްޢަންކަބޫތު ސޫރަތުގެ 45 ވަނަ އާޔަތުގަ އެވެ. ނަމާދުގެ މުހިއްމުކަމާއި، މިއަޅުކަމުގެ ހަގީގީ މަގުސަދާއި ބޭނުމަކީ ކޮބައިކަން މުއުމިނުންނަށް ހަނދާން ކޮށްދިނުމުގެ ގޮތުން، އެންމެ އިހުއްސުރެން، މުސްލިމު މުޖުތަމައުތަކުގައި، ކޮންމެ ހުކުރު ދުވަހަކު، ހުކުރުގެ ފަހު ޚުތުބާގައި ކިޔޭ މިއާޔަތު ގައެވެ. "... وأقم الصلاة إن الصلاة تنهى عن الفحشاء والمنكر ولذكر الله أكبر...."، "...އަދި، ކަލޭގެފާނު (މުހައްމަދުގެފާނު) ނަމާދު ގާއިމު ކުރައްވާށެވެ. އެހެނީ ނަމާދަކީ ހަމަކަށަވަރުން، (ޒިނޭކުރުންފަދަ ހަޑިހުތުރުކަން ބޮޑުވެގެންވާ) ފާހިޝް ކަންކަމުންނާއި، (އިންސާނާގެ ސަލާމަތް ބުއްދިވެސް، އެއީ ނުބައި ކަންތައްތަކެއް ކަމުގައި ބުނެދޭ، މީހުންމެރުމާއި ވައްކަންކުރުމާއި، ފޭރުންފަދަ، ނުބައިކަން ބޮޑުވެގެންވާ)، މުންކަރާތްތައް ހުއްޓުވައި (އެކަންކަމުން ދުރުހެލިވުމަށް، އެހީވެދޭ) ކަމެކެވެ. އަދި (ނަމާދު މެދުވެރިކޮށް މާތް)ﷲ މަތީން ހަނދުމަކުރުން އެއީ އެންމެ މޮޅުއިތުރު ވެގެންވާ ކަމެވެ...."، މި އާޔަތުގަ އެވެ.

މި އާޔަތުގައި ބަޔާން ކުރެވިފައިވާ ގޮތުގައި، ނަމާދުގެ އެންމެ ފުރަތަމަ ބޭނުމަކީ މުއުމިނާ، އޭނާގެ ސާހިބުވަންތަ ރަސްކަލާނގެއާ ގުޅުވައިލަ ދިނުމެވެ. އޭނާއަކީ މާތްﷲއަށް އީމާންވާ މީހެއްކަން، އޭނާ އަށް ހަނދާން ކޮށްދީ މިކަން އޭނާގެ ނަފްސުގައި އަށަގަންނުވައި ދެމެހެއްޓުމެވެ. މިއާޔަތުގައިވާ ولذكر الله أكبر، (އަދި (މާތް)ﷲ މަތީން ހަނދުމަކުރުމަކީ އެންމެ މޮޅު އިތުރުވެގެންވާ ކަމެވެ)، މި އިބާރަތުން ދޭހަވާ ފަދައިންނެވެ. މީގެ އިތުރުން، މިދެންނެވި ގުޅުމުގެ ބޭނުމެއް އޮތްކަމާއި، އަދި އެބޭނުމަކީ ކޮބައިކަންވެސް މިނަންގަތް އަލްޢަންކަބޫތު ސޫރަތުގެ 45ވަނަ އާޔަތުގައި ބަޔާން ކުރެވިފައިވެއެވެ.

މި ގުޅުމަކީ މާނަ ހުރި ގުޅުމަކަށް ހަދާލުމަށްޓަކަ އެވެ. އެކަމަށް އިޝާރަތް ކުރެވިފައިވަނީ އެއާޔަތުގެ إن الصلاة تنهى عن الفحشاء والمنكر މިބައިގަ އެވެ. ނަމާދަކީ ޒިނޭ ފަދަ ހަޑިހުތުރުކަން ބޮޑު ވެގެންވާ ފާފަތައް ކުރުމުންނާއި، މީހުން މެރުމާއި، އަދި އެނޫންވެސް އެފަދަ ބޮޑެތި ކުށްތައް ކުރުމުން، ނަމާދު ކުރާ މީހާ ދުރުހެލި ކުރުމަށް އެހީވެދޭ ކަމެއްކަން ބަޔާންކޮށް ދެމުންނެވެ. އާދެ، ނަމާދު ވާންޖެހޭނީ ފާފަވެރި އަމަލުތަކުންނާއި ނުރަނގަޅު ކަންތައްތައް ކުރުމުން އަމިއްލަ ނަފްސު ދުރުހެލި ކުރުވާ ކަމެއް ކަމަށެވެ. އަދި، ނަމާދު ކުރާ މީހާ އަށް، އެފަދަ ކުށް ފާފަތަކަށް އަރައިގަތުމުން ދުރުހެލި ނުވެވޭނަމަ، އޭނާ، ނަމާދުކޮށް، މާތްﷲއާ އުފައްދާލަން މަސައްކަތް ކުރާ ގުޅުން ވާނީ މާނައެއް ނެތް ގުޅުމަކަށެވެ. އެހެންކަމަށްވާ ނަމަ، ނަމާދުވާނީ އެއްވެސް ފައިދާއެއް ނެތްގޮތުގައި ކުރެވޭ ބޭކާރު ހަރަކާތް ތަކަކާއި ކިޔޭކިޔުން ތަކަކަށެވެ.

އަދި އެހެންވެ، ނަމާދު ކުރުން ފަދަ އަޅުކަން ކުރުމުގެ މިދެންނެވި މަގުސަދު ހާސިލު ނުކުރެވޭ ނަމަ، އެފަދަ އަޅުކަންކަމުން، ތިމާގެ ނަފްސަށް ލިބުން އެދެވޭ ރޫހާނީ ދިރުމަކާއި ކުރިއެރުން އޮންނަނީ ނުލިބިފަ އެވެ. މިކަމަށް އިޝާރަތް ކުރައްވައި، މަލިންގޭ ހުސައިން ދީދީ މިއާޔަތުގެ ތަފްސީރުގައި ލިއުއްވި ވާހަކަ ކޮޅެއް މިތާނގައި ނަކަލު ކޮށްލާނަމެވެ. އަލްޢަންކަބޫތު ސޫރަތުގެ 45 އާޔަތް ތަފްސީރު ކުރައްވަމުން، އޭނާ ލިޔުއްވައިފައި ވެއެވެ.

... އެންމެހައި ހަޑި މުޑުދާރު ކަންތައްތަކުންނާއި، އަދި މާތް ރަސްކަލާނގެ ރުހިވޮޑިގެން ނުވާ އެންމެހައި ކަންތައްތަކުން، މީހާ ދުރުވެގަތުމަށް ނަމާދު އެއީ ނުހަނު ބޮޑު ޛަރީޢާ އެކެވެ [ވަސީލަތެކެވެ]. ނަމާދު ގާއިމުކޮށް އުޅޭ މީހަކަށް، ނަމާދު ފެންނާނީ، ހެޔޮ ކަންތަކަށް ތިމާ އަށް އަމުރު ކުރާ ތަނާއި އަދި ނުބައި ކަންތައްތަކުން ނަހީ ކުރާ ތަނެވެ. ނަމާދު ކުރާ މީހާ އަށް ތިމާގެ ނަމާދުގެ ޛަރީޢާ އިން ނުބައި ކަންތަކުން ދުރުވެ ނުގަނެވިއްޖެ ނަމަ، އެމީހަކު ދާ ހުރީ ކީރިތި ﷲ އާއި ނުހަނު ބޮޑަށް ދުރުވަމުން، ދުރުވަމުންނެވެ.

ތިމާ ކުރާ ނަމާދު، ފާފަތަކުންނާއި، އަދި ނުބައި ކަންތައްތަކުން، ތިމާ ދުރު ނުކޮށްފިނަމަ، ﷲގެ ހަޟްރަތުގައި އެމީހާގެ ނަމާދު ޤަބޫލު ނުވާހުއްޓެވެ. މިފަދައިން، ސަލާމާއި ޞަލަވާތް ލެއްވި އިތުރު ރަސޫލާ ކުރައްވާފައިވާ ޙަދީޘްފުޅެއް، އިބްނު އަބީ ޙާތިމް ގައި ރިވާވެގެން ވެއެވެ. އަދި މިނޫން ވެސް މިކަމާ މެދުގައި ރިވާވެގެންވާ ރަސޫލާގެ ޙަދީޘްފުޅުތައް ގިނަގުނަ އެވެ. (މަލިންގޭ ހުސައިންދީދީ ލިޔުއްވި ކީރިތި ޤުރްއާނުގެ ތަރުޖަމާ އާއި ތަފްސީރު، ދެވަނަބައިގެ ތިންވަނަ ޖިލްދުގެ 651 ވަނަ ސަފުހާ)

އެޑިޓަރުގެ ނޯޓް: ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ، މަދީނާގެ އިސްލާމިކް ޔުނިވަސިޓީން ފުރަތަމަ ޑިގްރީ ހާސިލްކުރައްވައި، އޮސްޓްރޭލިޔާގެ ލެޓްރޯބް އެންޑް މެލްބަން ޔުނވަސިޓީން މާސްޓާޒް އާއި ޕީއެޗްޑީ ނަންގަވާފައިވާ ބޭފުޅެކެވެ. މިހާރު އޭނާ ގެންދަވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚް ކިޔަވައިދެއްވަމުންނެވެ. މީގެ ފަހުން ކޮންމެ ބުރާސްފަތި ދުވަހަކު ޑރ. ޢަބްދުލްޣަފޫރުގެ ކޮލަމް "ކޯދު" ކިޔުންތެރިންނާ ބައްދަލުކުރާނެ އެވެ.

(ނުނިމޭ)