ޕީޕީއެމް މައުމޫނާ ހަވާލު ކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތް ފަށައިފި
ޕީޕީއެމް މައުމޫނާ ހަވާލު ކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތް ފަށައިފި

ވެރިކަން ހިންގާ ޕީޕީއެމްގެ ބާރުތައް އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލު ކުރުމަށް އެދި ޕާޓީގެ އާންމު މެންބަރަކު ސިވިލް ކޯޓުގައި ކުރި ދައުވާގެ ޝަރީއަތް ފަށައިފި އެވެ.

ޕީޕީއެމް މައުމޫނާ ހަވާލު ކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތް ފަށައިފި
ޕީޕީއެމް މައުމޫނާ ހަވާލު ކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތް ފަށައިފި

ގދ. ތިނަދޫ ބީޗްރެސްޓް އަހުމަދު ރަޝީދު ޕީޕީއެމާ ދެކޮޅަށް ކުރާ ދައުވާގެ އަޑުއެހުމެއް އިއްޔެ ވަނީ ބާއްވައިފަ އެވެ.

ރަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ އޭނާގެ މުވައްކިލު ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވާނީ ޕީޕީއެމްގެ މި ވަގުތުގެ ލީޑާޝިޕް ސައްހަ ނޫން ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަނުން ވެސް މިހާރު ވަނީ ޕީޕީއެމްގެ ކޮންގްރެސް ބަލައިނުގަންނަން ނިންމައިފަ. އޭގެ ކުރިން އޮކްޓޯބަރު، 2016 ގައި ކޯޓުން މި އޮތީ ނިންމާފައި މުސްތަޝާރު [ރައީސް އަބްދުﷲ ޔާމީން] އާ ޕާޓީގެ ލީޑަޝިޕް ހަވާލުކޮށްފައި،" ނާޒިމް ވިދާޅުވި އެވެ.

"އެހެންކަމުން، އިލެކްޝަންސް ކޮމިޝަނުގެ ނިންމުމާ ގުޅިގެން، ޕާޓީގެ ލީޑަޝިޕް ސައްހަ ނޫން ކަމަށް އަޅުގަނޑުގެ މުވައްކިލަށް ގަބޫލު ކުރެވޭތީ، ކުރީގައި އޮތް ގޮތަށް މައުމޫނާ ލީޑަޝިޕް ހަވާލުކުރަން އެދިފައިވާނީ."

މީގެ ކުރިން 2016 ވަނަ އަހަރު، ހާލަތުއްޒަރޫރާގެ ދަށުން ކޯޓުން ޕާޓީގެ ލީޑަޝިޕް ރައީސް ޔާމީނާ ހަވާލު ކުރި ނަމަވެސް، މިހާރުގެ އެކަމުގެ ސަބަބުން ގެއްލުންތަކެއް ވަމުންދާ ކަމަށް މުވައްކިލު ގަބޫލު ކުރާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

"އެހެންވެ ވަގުތީ ގޮތުން މައްސަލަ ނިމެންދެން ވެސް ޕާޓީގެ ލީޑަޝިޕް މައުމޫނާ ހަވާލު ކުރުމުގެ އަމުރަކަށް ވެސް އެދިފައިވާނެ،" އޭނާ ވިދާޅުވި އެވެ.

ސިވިލް ކޯޓުން މީގެ ދެ އަހަރު ކުރިން ޕާޓީގެ މުސްތަޝާރު ރައީސް ޔާމީނާ ޕާޓީގެ ބާރުތައް ހަވާލުކޮށްފައި ވަނީ ކައުންސިލުން އެކަމަށް ގޮތެއް ނިންމަންދެނެވެ. އޭގެ ފަހުން ކައުންސިލްގެ ބައްދަލުވުމަކުން ވަނީ އެ ބާރުތައް ރައީސް ޔާމީނާ ހަވާލުކޮށްފަ އެވެ.