ކާޖޮލްގެ ފިލްމުތައް ދަރިންނަށް ކަމަކު ނުދޭ
ކާޖޮލްގެ ފިލްމުތައް ދަރިންނަށް ކަމަކު ނުދޭ

މިހާތަނަށް ކާޖޮލް ކުޅުނު އެއްވެސް ފިލްމެއް އޭނާގެ ދެ ދަރިންނަށް ކަމުނުދާ ކަމަށާއި އެ ފިލްމުތައް ބަލަން އެ މީހުންގެ ޝައުގުވެރިކަމެއް ވެސް ނުހުންނަ ކަމަށް ބަތަލާ ކާޖޮލް ބުނެފި އެވެ.

ނޭހާ ދޫޕިއާ ހޯސްޓްކުރާ "ނޯ ފިލްޓާ ނޭހާ" ޝޯގައި ކާޖޮލް ބުނީ 15 އަހަރުގެ އަންހެން ދަރިފުޅު ނީސާ އާއި 8 އަހަރުގެ ޔުގް، އޭނާގެ ފިލްމުތައް ބަލަން ވަރަށް ފޫހިވާ ކަމަށެވެ.

"ދެ ކުދިން ވެސް ބުނާނެ މަންމަގެ ފިލްމުތައް ވަރަށް ފޫއްސޭ ބަލަން. ނުވެއޭ އެއްގޮތަކަށް ވެސް ބަލާ ހިތެއް،" މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރީ "ހެލިކޮޕްޓާ އީލާ" ގެ ބަތަލާ ބުންޏެވެ. "އަދި އަހަރެންގެ ފިލްމުތައް އެ މީހުން ނުވެސް ބަލާނެ."

ކާޖޮލް ބުނި ގޮތުގައި ދަރިން އޭނާގެ ފިލްމުތައް ބަލަން ބޭނުން ނުވާ ކަމަށް ބުނާ މައިގަނޑު ސަބަބަކީ ފިލްމުތަކުގައި އޭނާ މާ ބޮޑަށް ރޯތީ އެވެ.

"ދެން އަހާނެ ކީއްވެގެން ހެއްޔޭ ބެލީމަ އުފާވާ ކަހަލަ ފިލްމުތައް މަންމަ ނުކުޅެނީ؟ އެހެންވެ އަހަންނަށް ހީވަނީ އަޖޭ [ފިރިމީހާ] ގެ ގޯލްމާލް ކަހަލަ ފިލްމުތައްހެން އަހަރެން ވެސް ކުޅެންވީ،" ކާޖޮލް ބުންޏެވެ.

މިހާރު ސިންގަޕޫރުގައި ކިޔަވަމުން އަންނަ ނީސާ ފިލްމީ ދާއިރާ އަށް ނުކުތުމާ ބެހޭ ގޮތުން ސުވާލު ކުރުމުން ކާޖޮލް ބުނީ ދަރިން ހިޔާރު ކުރާ ކޮންމެ ދާއިރާއަކުން ވެސް ކުރިއަށް ދާން އޭނާ އަބަދު ވެސް ހިތްވަރު ދޭނެ ކަމަށެވެ. އެކަމަކު ވަކި ދާއިރާ އަށް ނަގަން އެއްވެސް ކުއްޖަކަށް މަޖުބޫރު ނުކުރާނެ ކަމަށް ބުންޏެވެ.

އަޖޭ ވެސް ކުރިން ދީފައިވާ އިންޓަވިއުއެއްގައި ވަނީ ނީސާ ފިލްމު ދާއިރާ އަށް ނުކުންނަން ޝައުގުވެރިކަން ހުރި ނަމަ ކުރިއަށް ދާން ހިތްވަރު ދޭނެ ކަމަށެވެ.