15 އޮކްޓޯބަރ 2018 - 10:44

ސަރުކާރުން އިސްނަގައިގެން ފުޓްބޯޅަ ކްލަބްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެސްއޯއީ އެސިސްޓަންޓްސް ޕްރޮގްރާމުގެ ނަމުގައި ފުޓްބޯޅަ ކްލަބްތަކަށް އެހީވުމަށް ދިން ފައިސާ އެ ޓީމުތަކުން ހަރަދުކުރި ގޮތް ބަލާނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.
ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން 54 މިލިއަން ރުފިޔާ ފުޓްބޯޅަ އަށް ހަރަދުކުރަން ޖެހޭނެ އެވެ.
ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކުންފުންޏާއި ކްލަބްތައް ގުޅާލަދިންއިރު ފުރަތަމަ އަހަރުގައި 12 ކުންފުނި މެދުވެރިކޮށް 26 މިލިއަން ރުފިޔާ ހަރަދުކުރި އެވެ. އަދި މި އަހަރު 12 ކުންފުނި މެދުވެރިކޮށް 28 މިލިއަން ރުފިޔާ ހަރަދުކުރަން އޮތީ ހަމަޖެހިފަ އެވެ. އެއީ ފުރަތަމަ ޑިވިޝަންގެ ކޮންމެ ކްލަބަކަށް ދެ މިލިއަން ރުފިޔާ އަދި ޕްރިމިއާ ލީގަށް ހޮވިއްޖެނަމަ އިތުރު އެއް މިލިއަން ރުފިޔާ ދޭގޮތަށެވެ. އަދި މިނިވަން ޗެމްޕިއަންޝިޕުން ޕްރިމިއާ ލީގަށް އަންނަ އަތޮޅުތަކުގެ ކޮންމެ ޓީމަކަށް 1.5 މިލިއަން ރުފިޔާ އެވެ.
މީގެ ތެރެއިން ބައެއް ކްލަބްތަކަށް ފައިސާ ލިބުމުގައި ދަތިތަކެއް ހުއްޓެވެ. އަދި ބައެއް ކުންފުނިތަކުން ބޭނުންވެގެން އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ވަކި ކަންތައްތަކެއް ފުރިހަމަނުވާތީ ބައެއް ފައިސާ ދޫވެސް ނުކުރެ އެވެ. އަނެއް ބައި ކުންފުނިތަކުން މި އެއްބަސްވުމުގައިވާ ގޮތަށް ކުރިއަށްދާން ބޭނުންނުވާ ކަމަށް ވެސްޓީމުތަކުން ބުނެ އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ ކުންފުނިތަކުން އެސްއޯއީގެ ދަށުން ލިބުނު ފައިސާ ހަރަދުކުރިގޮތްތައް އެފްއޭއެމުން ބަލާނެ ކަމަށެވެ.
"އަޅުގަނޑުމެން އެފްއޭއެމްގެ ވިސްނުން އެބަހުރި ކްލަބްތަކަށް މި ލިބުނު ފައިސާތައް އެ ޓީމުތަކުން ހަރަދުކުރި ގޮތް ބަލަން. ފުޓްބޯޅަ އަށް ވަރަށް ގިނަ ފައިސާ ހަރަދުކުރެވިފައި ހުރީ އެކި ގޮތްގޮތުން. އެ ވަރުން ވެސް ކްލަބްތަކުގެ ހާލަތު ބަދަލުނުވެ އޮތް ސަބަބުތައް ހޯދައިގެން ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ލިބޭނީ،" އޭނާ ވިދާޅުވި އެވެ.
މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެން އޮތް މެޗަށް ވިކްޓަރީ ހާޒިރުނުވެ އެވެ. އެއީ މާލީ ގޮތުން ކްލަބް ބޮޑު އަޑިގަނޑަކަށް ވެއްޓި އުފެދިފައިވާ މައްސަލަތަކަށް ހައްލެއް ނުލިބޭތީ އެވެ. އެފްއޭއެމުން ވަނީ ވިކްޓަރީ އަށް އެސްއޯއީގެ ދަށުން ފައިސާދޭން ހަމަޖައްސާފައިވާ މޯލްޑިވްސް ގޭސް އިން އެ ކްލަބަށް އެއްބަސްވެފައިވާ ގޮތަށް ފައިސާ ދީފައިވާ ކަމަށާއި އުފެދުނު މައްސަލަ އަކީ ކްލަބްގެ ހިންގުމުގެ ދޯދިޔާ ކަމުން ޖެހުނު މައްސަލައެއް ކަމަށެވެ.
ވިކްޓަރީގެ ހާލަތު އެ ހިސާބަށް ގޮސްފައި އޮއްވައި ދާދި ފަހުން ކްލަބުގެ ޗެއާމަން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލާއި ވައިސް ޗެއާމަން، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް އިސްތިއުފާ ދެއްވައިފަ އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ދާދި ފަހުން ވިދާޅުވީ ރާއްޖޭގެ ކްލަބްތައް އަމިއްލަ ފައި މައްޗަށް ތެދުވެވޭ ގޮތް ހެދޭނީ ކްލަބްތައް ވިޔަފާރި އުސޫލުން ހިންގައިގެން ކަމަށެވެ.
"އަޅުގަނޑުމެން ދެކެން ބޭނުންވަނީ ހުރިހާ ކްލަބެއްގައި ޕްރޮފެޝަނަލް ކުޅުންތެރިން ތިބޭ ދުވަހެއް. އެހެން ނަމަވެސް އެކަމަށް ދިއުމަށްޓަކައި އެބަޖެހޭ ކްލަބްތައް ވަރަށް ޕްރޮފެޝަނަލްވާން. ކްލަބްތަކަކީ ވިޔަފާރި އުސޫލުން ހިންގޭ ތަންތަނަށް ވެސް ވާން އެބަޖެހޭ. ވިޔަފާރި އުސޫލޭ މި ދަންވަނީ ކްލަބްތަކަށް އާމްދަނީ ވަންނާނެ އިތުރުގޮތްތަކެއް އެބަ އޮންނަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
މިހާރު އޮންނަ ގޮތުން ކްލަބްތައް އޮންނަނީ ވަރަށް ބޮޑަށް އެފްއޭއެމަށް ނުވަތަ ސަރުކާރަށް ބަރޯސާވެފައި ކަމަށާއި އެއީ ބަދަލުކުރަން ޖެހޭ ވިސްނުމެއް ކަމަށް ބައްސާމް ފާހަގަކުރެއްވި އެވެ.
"ކްލަބްތަކާއި ސަރުކާރާ އެކު މި ހެދިގެންދިޔަ އެއްބަސްވުން (އެސްއޯއީ)ގެ ދުރުރާސްތާ ވިސްނުމަށް ބަލާއިރު. އޭގެ ތެރެއިން ވިޔަފާރިއަކާ ދިމާލަށް ދާން ޖެހޭ ކަންތައްތަކެއް އެ ކޮންޓްރެކްޓްގެ ދަށުން ހުންނާނެ. އެހެންވީމަ އަޅުގަނޑު ގަބޫލުކުރާހިތް އޮތީ ކްލަބްތައް އަމިއްލަ ފައި މައްޗަށް ތެދުވުމަށްޓަކައި ވިޔަފާރިތަކުގެ ތެރެއަށް ވަދެގެން ދާތަން ފެނުން. މިހާރު ވެސް ބައެއް ކްލަބްތައް މަޑުމަޑުން ފައްޓައިފި ކަންނޭނގެ. އަނެއްބައި ކްލަބްތަކުގައި މިކަން ޕްލޭންކުރެވިފައި ހުރީ އެކަމަކު އެ އިމްޕްލިމަންޓް ނުކުރެވިފައި ހުރީ،" އޭނާ ވިދާޅުވި އެވެ.
ކްލަބް ލައިސަންސިން ސިސްޓަމްގެ ތެރެއިން އެފްއޭއެމުން ކްލަބްތައް ހިންގުމުގެ ކަންތައްތައް މޮނިޓާކުރާނެ ކަމަށާއި ކްލަބްތައް އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކުގައި އެފްއޭއެމުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބައްސާމް ވިދާޅުވި އެވެ. އަދި އުއްމީދުކުރަނީ 10 ވަރަަކަށް އަހަރުތެރޭ އެކަންކޮށް ފުރަތަމަ ޑިވިޝަނުގެ ޓީމުތައް އަމިއްލަ ފައިމަތީގައި އޮންނަ ހިސާބަށް ގެންގޮސްދޭން ކަމަށް ވެސް ވިދާޅުވި އެވެ.