ލަންކާގައި ޑެންގީ އިތުރުވެދާނެކަމުގެ އިންޒާރު ދީފި
ލަންކާގައި ޑެންގީ އިތުރުވެދާނެކަމުގެ އިންޒާރު ދީފި

ވިއްސާރަ މޫސުމާ އެކު ސްރީ ލަންކާގައި ޑެންގީ ހުން އިތުރުވުމުގެ ބިރު އެބަ އޮތް ކަމަށާއި މިހާރު އެންމެ ގިނައިން މި ބަލި ފެންނަނީ ކޮލަމްބޯ އިން ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީގެ އެޕިޑެމިއޮލޮޖީ ޔުނިޓުން ބުނެފި އެވެ.

އެޕިޑެމިއޮލޮޖީ ޔުނިޓުން ބުނީ މި އަހަރުގެ މިހާތަނަށް 39،793 މީހަކަށް ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. މިއީ ލަންކާގެ އެކި ހިސާބުތަކުން ރިޕޯޓްކޮށްފައިވާ އަދަދު ކަމަށާއި އެންމެ ގިނަ މީހުންނަށް ޑެންޖީ ޖެހެނީ ކޮލަމްބޯގައި ކަމަށް ވެސް އެ ޔުނިޓުން ބުންޏެވެ. އެއީ 7،654 އެވެ. ދެން އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ގަމްޕާހާ ޑިސްޓްރިކްޓުންނެވެ. އެއީ 4،360 އެވެ.

ހެލްތު މިނިސްޓްރީން ބުނީ މިއީ ވިއްސާރަ ދުވަސްވަރަކަށް ވުމާ އެކު ސާފުތާހިރު ކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭން ޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ޑެންގީ އިތުރުވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭތީ އެކަމަށް ސަމާލުވާން ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން، ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަން އެދިފައިވެ އެވެ.

ޑެންގީ ފަތުރާ މަދިރި އާލާވާނެހެން، ފެން ހަރުލާ ގޮތަށް އެއްޗެހި ނުބެހެއްޓުމަށާއި މަދިރިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް އެޕިޑެމިއޮލޮޖީ ޔުނިޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.