17 އޮކްޓޯބަރ 2018 - 07:03

"ސެކްރެޑް ގޭމްސް" ގެ ދެވަނަ ސީޒަނެއް އުފެއްދުމާ ގުޅޭ ގޮތުން ނެޓްފްލިކްސް އިން ދެވަނަ ވިސްނުމަކަށް ދާން ނިންމައިފި އެވެ.
އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު މި ވެބް ސީރީޒްގެ އިތުރު ބައެއް ގެނެސް ދިނުމާ ގުޅޭ ގޮތުން ސްޓްރީމިން ކުންފުނި ނެޓްފްލިކްސް ދެވަނަ ވިސްނުމަކަށް ދާން ނިންމީ މީގެ ލިޔުންތެރިޔާ ވަރުން ގްރޯވާ އާއި ވެބް ސީރީޒްގެ ޕްރޮޑަކްޝަން ހައުސްއެއްގެ ގޮތުގައި މަސައްކަތްކުރި ފެންޓަމް ފިލްމަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރުމާ ގުޅިގެންނެވެ.
ފެންޓަމްގެ ހިއްސާދާރުންގެ ތެރޭގައި ހިމެނުނު ޑައިރެކްޓަރު/ޕްރޮޑިއުސަރު ވިކާސް ބާލްގެ މައްޗަށް ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތުތަކާ އެކު ފެންޓަމް ފިލްމްސް މިހާރު ވަނީ އުވާލައިފަ އެވެ. "ސެކްރެޑް ގޭމްސް" ޑައިރެކްޓްކޮށްފައި ވަނީ އެ ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ހިމެނުނު އަނޫރާގް ކެޝަޕާއި ވިކްރަމަދިތިޔާ މޮޓްވާނޭ އެވެ.
ނެޓްފްލިކްސް އިން ނެރުނު ބަޔާނެއްގައި ބުނީ ބޮލީވުޑް މިހާރު އޮތް ހާލަތުގެ ސަބަބުން "ސެކްރެޑް ގޭމްސް" ގެ ދެވަނަ ސީޒަނެއް ގެނެސް ދިނުމާ ގުޅޭ ގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ. އަދި މި ވަގުތު އޭގެ ތަފުސީލަކަށް ދެވެން ނެތް ކަމަށް ބުންޏެވެ.
ބޮލީވުޑްގައި ފުރައްސާރަތަކާ ދެކޮޅު ބޮޑު ހަރަކާތެއް ފެށި، އެތައް ބަޔަކު މިހާތަނަށް ބޭޒާރުވެފައިވާ އިރު، ނެޓްފްލިކްސް އިން ގެންދިޔައީ "ސެކްރެޑް ގޭމްސް" ގެ އާ ސީޒަންގެ ޝޫޓިން ވެސް ފަށަން ތައްޔާރުވަމުންނެވެ. ނަމަވެސް އެ މަސައްކަތް މި ވަގުތަށް ކުރިއަށް ނުގެންދަން ވަނީ ނިންމައިފަ އެވެ.
މީގެ ލިޔުންތެރިޔާ ވަރުން އަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްފައި ވަނީ ބަނާރަސް ހިންދޫ ޔުނިވަސިޓީގައި ކިޔަވާ ދަރިވަރެކެވެ. ނަމަވެސް ވަރުން ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ.
ޖުލައި މަހު ނެޓްފްލިކްސް އިން ސްޓްރީމް ކުރި "ސެކްރެޑް ގޭމްސް" ގެ މުހިއްމު ރޯލުތައް ކުޅުނީ ސައިފް އަލީ ހާނާއި ނަވާޒުއްދީން ސިއްގީގެ އިތުރުން ރާދިކާ އަޕްޓޭ އެވެ.
މީގެ ދެވަނަ ސީޒަނާ ބެހޭ ގޮތުން ސައިފްއާ ނޫސްވެރިން ސުވާލު ކުރުމުން އޭނާ ބުނީ "ސެކްރެޑް ގޭމްސް" ގެ ވާހަކަ ދައްކަން އޭނާ އަށް ހުއްދައެއް ނެތް ކަމަށެވެ. އެކަމަކު ވަރުގަދަ ޓީމާއެކު ކުރެވުނު މަސައްކަތާ ދޭތެރޭ ފަހުރުވެރިވާ ކަމަށް ބުންޏެވެ.