އިޓަލީގެ ކްލަބަކަށް ކުޅެން ލުކާކޫ ބޭނުންވޭ
އިޓަލީގެ ކްލަބަކަށް ކުޅެން ލުކާކޫ ބޭނުންވޭ

ބްރުސެލްސް، ބެލްޖިއަމް (އޮކްޓޫބަރު 15) - ކެރިއަރުގެ ކޮންމެވެސް ހިސާބަކުން އިޓާލިއަން ލީގުގެ ކްލަބަކަށް ކުޅެން ބޭނުންވާ ކަމަށް މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ބުނެފި އެވެ.

އުމުރުން 25 އަހަރުގެ ލުކާކޫ ޒުވާން އުމުރުގައި ޕްރިމިއާ ލީގަށް ބަދަލުވުމަށް ފަހު ވަނީ ޗެލްސީ އާއި ވެސްޓް ބްރޮމް އަދި އެވަޓަން އަށް ކުޅެފަ އެވެ. އޭނާ މިހާރުގެ ކްލަބް ޔުނައިޓެޑާ ގުޅުނީ މިދިޔަ ސީޒަނުގައި 75 މިލިއަން ޕައުންޑްގެ އަގަކަށެވެ.

ޔުނައިޓެޑަށް ބަދަލުވުމަށް ފަހު ލުކާކޫ ވަނީ ފުރަތަމަ ސީޒަނުގައި އެ ޓީމަށް 27 ގޯލު ޖަހައިދީފަ އެވެ. އެކަމަކު މި ސީޒަނުގައި އަދި މިހާތަނަށް އެދެވޭ ކުޅުމެއް އަދި ނުދެއްކެ އެވެ.

އިޓަލީގެ ކުޅިވަރު ނޫހަކަށް ދިން އިންޓަވިއުއެއްގައި ލުކާކޫ ބުނީ އިޓަލީގައި ކުޅެން ޝައުގުވެރިވާ ކަމަށެވެ.

"އިޓަލީގައި ކުޅުމަކީ އަހަރެންގެ އުއްމީދެއް،" ބެލްޖިއަމް ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ލުކާކޫ ބުންޏެވެ. "އިޓަލީ ފުޓްބޯޅަ އަންނަނީ ކުރިއަރަމުން. މީގެ ކުރިން ވެސް މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް އިޓަލީ ލީގުގައި ކުޅުނު. އަހަރެން ވެސް ބޭނުން އެ ލީގުގައި ތަޖުރިބާ ކޮށްލަން."

އޭނާ ބުނީ ހާއްސަ ވަކި ކްލަބެއް ނެތް ކަމަށާއި އެކަމަކު ޔުވެންޓަސް އަކީ ވަރަށް ރަނގަޅު ޓްރެކެއްގައި އޮތް ކްލަބެއް ކަމަށެވެ.

"ޔުވެންޓަސްގައި އެބައޮތް ވަރަށް ރަނގަޅު ޕްރޮޖެކްޓެއް ކޮންމެ އަހަރަކު އޭގެ އަށް އިތުރު ފުރިހަމަކަމެއް ގެންނަމުންދަނީ. އެއީ އިޓަލީގެ ފުޓްބޯޅަ އަށް ވެސް ހުރި ރަނގަޅު ކަންތައްތަކެއް،" ލުކާކޫ ބުންޏެވެ.

މި ސީޒަނުގައި ޔުނައިޓެޑް ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ އަށް ގިނަ ފާޑުކިޔުންތަކެއް އަންނަނީ އަމާޒުވަމުންނެވެ. ލުކާކޫ ބުނީ މުޅި ޓީމު އޮތީ ދިމާވެފައި އޮތް ހާލަތު ބަދަލުކޮށް ސީޒަނުގައި ކުރިއަށްގޮސް ރަނގަޅު ކާމިޔާބީތަކެއް ހޯދުމަށް އަޒުމުކަނޑައަޅައިގެންނެވެ.

"ތެދެއް. މިސީޒަނުގައި އަހަރެމެންގެ ފެންވަރުގަައި ވަރަށް މަދު ފަހަރަކު ކުޅެވުނީ. އެކަމަކު އެންމެ ފަހުން ނިއުކާސަލް މެޗުގައި ޓީމުގެ އުއްމީދުތަކާ އެއްވަރުގެ ކުޅުމެއް ދެ ވަނަ ހާފުގައި ދެއްކުނީ. މިއީ އަހަރެމެން ވިސްނައިގެން މަސައްކަތް ކޮށްފިނަމަ ޓީމު ރަނގަޅު ފޯމަކަށް އެޅޭނެ ވަގުތެއް،" ލުކާކޫ ބުންޏެވެ.

ބައިނަލްއަގްވާމީ މެޗުތަކަށް ލީގުތައް މެދުކަނޑާލުމަށް ފަހު މި ހަފްތާ ބަންދުގައި އަލުން ލީގުތައް ފަށާނެ އެވެ. ޔުނައިޓެޑް އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ ރަށުންބޭރުގައި ޗެލްސީއާ ދެކޮޅަށެވެ.