"ކަސޯޓީ" ގެ ކޮމޮލިކާގެ ގޮތުގައި ހީނާ ހާން ދައްކާލައިފި
"ކަސޯޓީ" ގެ ކޮމޮލިކާގެ ގޮތުގައި ހީނާ ހާން ދައްކާލައިފި

ސްޓާ ޕްލަސް އިން މިހާރު "ކަސޯޓީ ޒިންދަގީ ކޭ" ގެ އާ ސީޒަން ދައްކަމުން އަންނަ އިރު، ބެލުންތެރިންގެ ތަރުހީބު ކުޑައެއް ނޫނެވެ. މި ފަހަރު ޕްރޭނާގެ ރޯލު އެރިކާ ފެނަންޑޭޒް ކުޅޭ އިރު، އަނޫރާގް ބާސޫގެ ރޯލުން ފެނިގެން ދަނީ ޕާތު ސަމްތާން އެވެ.

ސިލްސިލާ ފެށިގެން ކުރިއަށްދާ އިރު، މީގެ ވާހަކަ އަދި އޮތީ ވަރަށް ކުރީ މަރުހަލާއެއްގަ އެވެ. ޕްރޭނާ އާއި އަނޫރާގްގެ އެކުވެރިކަން ލޯތްބަށް ބަދަލުވާން ކައިރިވަމުން އަންނަ އިރު، ސިލްސިލާ އަށް އެންމެ ބޮޑު ޓްވިސްޓެއް ގެންނާނެ ކެރެކްޓާއަކީ ކޮމޮލިކާ އެވެ.

ދެން މާ ލަސްތަކެއް ނުވެ، ކޮމޮލިކާ ފެންނަން ފަށާނެ އެވެ. މި ފަހަރު މި ރޯލް ކުޅެފައި ވަނީ ހީނާ ހާން އެވެ.

އޭނާ ކޮމޮލިކާގެ ރޯލުން ފެނިިގެން ދާނެ ގޮތް ވެސް އާ ޓީޒާއަކުން މިހާރު ވަނީ ދައްކާލައިފަ އެވެ. އެ ޓީޒާ ބެލި ގިނަ ބަޔަކު ބުނި ގޮތުގައި ކޮމޮލިކާގެ ގޮތުގައި ހީނާ ފެންނަލެއް ވަރަށް ވެސް ފުރިހަމަ އެވެ. އަދި އެ ކެރެކްޓާގައި ހުންނަ ކިބުރުވެރިކަމާއި ބޮޑާކަމާއި އަމިއްލަ އެދުން ހީނާގެ ފެނިލުމުން ވެސް ތަޖުރިބާ ކުރެވިއްޖެ ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.

ކޮމޯލިކާ ވެގެން ދާނީ ޕްރޭނާ އާއި އަނޫރާގް ލޯބީގެ ތެރެއަށް ވަދެ، ގަޑުބަޑު އުފައްދާނެ މީހަކަށެވެ. އެހެންވެ "ކަސޯޓީ" ގެ ފޯރި އަދި ކުރިއަށް އޮތީ އެވެ.

މިއީ ހީނާ ނެގަޓިވް ރޯލެއް ކުޅޭ ފުރަތަމަ ފަހަރެވެ. އޭނާ އާންމުންގެ ތެރޭގައި މަޝްހޫރުވީ ސްޓާ ޕްލަސް އިން ދައްކަމުން އަންނަ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި ކުރިން ކުޅުނު ގެވެހި އަނބި އަކްޝަރާގެ ރޯލުންނެވެ.

އެހެންވެ "ކަސޯޓީ" ވެގެން ދާނީ ހީނާ މުޅިން ތަފާތު ގޮތަކަށް ފެނިގެން ދާނެ ސިލްސިލާއަކަށެވެ. އެކަމަކު ސުވާލަކީ ކުރީގެ "ކަސޯޓީ" ގައި އުރްވަޝީ ދޮލާކިއާ ކުޅުނު ކޮމޮލިކާގެ ކެރެކްޓާ ހީނާ އަށް ފަހަތަށް ޖައްސައިލެވޭނީ ކިހާ ވަރަކަށް ބާ އެވެ؟