ޑެނިއެލް ކްރެއިގަށް ފަހު ޖޭމްސް ބޮންޑަކަށް ވާނީ ރިޗަޑް މެޑެން
ޑެނިއެލް ކްރެއިގަށް ފަހު ޖޭމްސް ބޮންޑަކަށް ވާނީ ރިޗަޑް މެޑެން

ދެހާސް ފަނަރައިގައި ރިލީޒް ކުރި ޖޭމްސް ބޮންޑް ސީރީޒްގެ އެންމެ ފަހުގެ ފިލްމު "ސްޕެކްޓާ" އަށް ފަހު، ޑެނިއެލް ކްރެއިގް ބޮންޑްގެ ރޯލް ދެން ނުކުޅޭނެކަން އިއުލާން ކުރުމާ އެކު، އެ ރޯލު ދެން ކުޅޭނެ އެކްޓަރަކާ ބެހޭ ގޮތުން މީޑިއާތަކުގައި ވަރަށް ހޫނުކޮށް ވާހަކަ ދެކެވުނެވެ.

އޭގެ ތެރޭގައި އިދްރީސް އެލްބާ، ޓޮމް ހިޑެލްސްޓަން، އެއިޑެން ޓާނާ، ޖިމީ ބެލް އަދި ކުރީގެ ބޭންޑް ވަން ޑިރެކްޝަންގެ ލަވަކިޔުންތެރިޔާ ހެރީ ސްޓައިލް ފަދަ ފަންނާނުންގެ ނަންތަކާ ބެހޭ ގޮތުން ބަހުސް ކުރެވިފައިވެ އެވެ.

އެކަމަކު ކަންތައް ދިމާކުރި ގޮތުން ޕްރޮޑިއުސަރުންގެ އެތައް އާދޭހަކާއި އެތައް ހުށަހެޅުމާ އެކު ބޮންޑްގެ 25 ވަނަ ފިލްމް ކުޅެދޭން ޑެނިއެލް އެއްބަސްވުމާ އެކު، ބޮންޑްގެ ރޯލް ކުޅޭނެ އެކްޓަރަކާ ބެހޭ ގޮތުން ދެކެވުނު ވާހަކަތައް ހުއްޓުމަކަށް އަ އެވެ. ނަމަވެސް 2020 ގައި ރިލީޒް ކުރަން ނިންމާފައިވާ ބޮންޑްގެ 25 ވަނަ ފިލްމު ވެގެން ދާނީ ޑެނިއެލް ބޮންޑްގެ ރޯލު ކުޅޭނެ ފަހު ފިލްމަށެވެ.

މީޑިއާތަކުން މިހާރު ރިޕޯޓް ކުރަމުން އަންނަ ގޮތުގައި ކުރިއަށް އޮތް ތަނުގައި ދެން ބޮންޑްގެ ރޯލް ކުޅޭނީ "ގޭމް އޮފް ތުރޯންސް" ގައި ރޮބްގެ ރޯލް ކުޅެފައިވާ ރިޗަޑް މެޑެން އެވެ. އުމުރުން 32 އަހަރުގެ މި އިނގިރޭސި އެކްޓަރު ލައްވައި ބޮންޑްގެ ރޯލް ކުޅެން ޕްރޮޑިއުސަރުން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށްވެ އެވެ.

ދަ ސަން އިން ބުނެފައިވާ ގޮތުގައި ބީބީސީ ވަން އިން ދާދި ފަހުން ގެނެސް ދިން ޓީވީ ސިލްސިލާ "ބޮޑީގާޑް" ގައި ރިޗަޑް ދައްކުވައި ދީފައިވާ މޮޅު އެކްޓިންގެ ސަބަބުން ޖޭމްސް ބޮންޑްގެ ޕްރޮޑިއުސަރު ބާބަރާ ބްރޮކޮލީ ހުރީ ބޮންޑްގެ ރޯލް ރިޗަޑަށް ހުށަހަޅަން ތައްޔާރަށެވެ. އަދި އޭނާއަކީ ބޮންޑްގެ ރޯލަށް ވަރަށް ފިޓްވާ އެކްޓަރެއް ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން އަދި ރަސްމީކޮށް ބާބަރާ އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ރިޗަޑްގެ ބޮންޑްގެ ރޯލުން ފެނިދާނެ ކަމުގެ އިޝާރާތްތަކެއް ލިބެމުން އަންނަ އިރު، އޭގެ ބައްޕަ ރިޗަޑް ސީނިއާ ވެސް ދާދި ފަހުން ވަނީ ބޮންޑްގެ ރޯލް ކުޅެން ދަރިފުޅު ވަރަށް ބޮޑު ޝައުގުވެރި ކަމެއް ހުރި ކަމަށް ބުނެފަ އެވެ.

"އަހަންނަށް ޔަގީން މިހާރު ރިޗަޑަކީ ބޮޑެތި ވަރުގަދަ ރޯލުތަކަށް އިންސާފުކޮށް ދެވޭ ވަރުގެ އެކްޓަރެއް،" އޭނާ ބުންޏެވެ.

އަދި ނަން އިއުލާންކޮށްފައި ނުވާ ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމުގެ ޑައިރެކްޝަން ކެރީ ފުކުންގާއާ މިހާރު ހަވާލުކޮށްފައިވާ އިރު، ފިލްމު ސިނަމާތަކަށް އަންނާނީ ފެބްރުއަރީ، 14، 2020 ގަ އެވެ.

މިދިޔަ އަހަރު "އިބިޒާ" އިން ފެނިގެން ދިޔަ ރިޗަޑްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަންނަ އަހަރު ރިލީޒް ކުރާ އެލްޓަން ޖޯންގެ ބައޮގްރަފިކަލް ޑްރާމާ "ރޮކެޓްމޭން" ހިމެނެ އެވެ.