15 އޮކްޓޯބަރ 2018 - 08:45

އިންތިޚާބާ ގުޅޭ މައްސަލައިގެ ތިންވަނަ އަޑުއެހުން ނުވަތަ ފަހު އަޑުއެހުން އޮންނާނީ މާދަމާ ހެނދުނު 10:30 ގައި.

ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފައި ވަނީ ފާހަގަ ޖަހާ އަނގޮޓި ގެނައީ އިލެކްޝަންސް ކޮމިޝަންސްގެ ރައީސް އަހުމަދު ޝަރީފްގެ އަމިއްލަ ހަރަދުގައި، ޝަރީފް ފޮނުއްވި މީހަކު ކަމަށް. އަދި އެކަަން ސާބިތުކޮށްދޭން ސިއްރު ތިން ހެއްކެއް ހުށަހެޅުމުގެ ފުރުސަތަކަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ވަނީ އެދިވަޑައިގެންފައި.

ސިއްރު ހެކި ބަލައިގަތުމާ މެދު މާދަމާ ގޮތެއް ނިންމުމަށް ފަހު، އޮންނާނީ މި މައްސަލައިގެ އެންމެ ފަހުގެ އަޑުއެހުން ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި. މިއަދުގެ އަޑުއެހުމުގައި ސިއްރު ހެކި ބަލައިގަތުމާ މެދު އިލެކްޝަންސް ކޮމިޝަނާއި އިދިކޮޅު ކޯލިޝަންގެ ވަކީލުން ދެކެވަޑައިގަންނަވާ ގޮތާ ބެހޭ ގޮތުން ވާހަކަ ދެއްކުން.

މިއަދުގެ ޝަރީއަތުގެ އަޑުއެހުން ނިންމާލައިފި، ސިއްރު ހެކިންގެ ހެކި ބަސް ބަލައިގަތުމާ މެދު ގޮތެއް ނިންމާނީ މާދަމާ ހެނދުނު ބާއްވާ ޝަރީއަތުގެ އަޑުއެހުމުގައި ކަމަށް، މިއަދުގެ އަޑުއެހުން ނިންމަވައިލައްވަމުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވި.

ރިޔާސީ އިންތިހާބު ބާތިލްކުރަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި މައްސަލައިގެ ދެ ވަނަ ދުވަހުގެ އަޑުއެހުން މެންދުރު މެދުކަނޑާލުމަށް ފަހު މިހާރު އަނެއްކާ ވަނީ ފަށާފައި. ދެން އޮންނާނެ އެންމެ ބޮޑު ކަމަކަށް ވާނީ، ކޯޓު ކަވަރުކުރާ ނޫސްވެރިން ބުނާ ގޮތުގައި، ރައީސް ޔާމީންގެ ވަކީލުން ހުށައަޅުއްވާ ސިއްރު ތިން ހެކިން ބަލައިގަންނާނެ ކަމާ މެދު ސުޕްރީމް ކޯޓުގެ ބެންޗުން ގޮތެއް ނިންމުން. އުއްތަމަފަނޑިޔާރު ވިދާޅުވެފައި ވަނީ އެކަމާ މެދު ގޮތެއް ނިންމުމުގެ ކުރިން ދެ ފަރާތަށް ވެސް ވާހަކަ ދައްކާނެ ފުރުސަތު ދެއްވާނެ ކަމަށް. އޭގެ ފަހުން އެ ހެކިވެރިން ގަބޫލުކުރާނެތޯ ނުވަތަ ނޫންތޯ ކަނޑައަޅުއްވާނީ ފަސް ފަނޑިޔާރުން މަޝްވަރާކުރެއްވުމަށް ފަހު.

ރައީސް ޔާމީންގެ ފަރާތްޕުޅުން އައްބާސް ދެއްކެވި ވާހަކަތަކުގެ ތެރޭގައި ކޮމްޕްލެއިންޓްސް ބިއުރޯ "ގަސްދުގައި ހުއްޓާލީ" ކަމަށް ވިދާޅުވި. އިއްޔެ ވެސް އެގޮތަށް ވަނީ ވާހަކަ ދައްކާފަައި. އެކަމަކު އިލެކްޝަންސް ކޮމިޝަންގެ ވަކީލް ހުސެން ޝަމީމް، ހުރިހާ ވާހަކައެއް ދޮގުކުރައްވާ، ޝަކުވާތައް ބަލައިގެން މިންވަރު ވެސް ހާމަކުރެއްވި.

ހެނދުނު 1020 ގައި ފެށި ޝަރީއަތް ދާދި ދެންމެއަކު މެދުކަނޑާލަންދެން ރައީސް ޔާމީންގެ ފަރާތްޕުޅުން ވާހަކަ ދެއްކެވީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފް. އޭނާގެ ވާހަކަތައް އަމާޒުކުރެއްވި ކަންކަމުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕްކުރަން ނޮވެލްޓީއަށް ނުދީ އެމް7 އަށް ދިން މައްސަލަ ހިމެނޭ. އައްބާސް ފާހަގަކުރެއްވި ގޮތުގައި އެމް7 އަށް ވުރެ ނޮވެލްޓީގައި ވޯޓު ކަރުދާހުގެ ސަލާމަތީ މާ ގިނަ ފީޗާސްތައް ލެވޭނެ.

ޝަރީއަތް މިހާރު ކުރިއަށް ދާ ގޮތުން ސިއްރު ހެކިންނާ މެދު ފަނޑިޔާރުންގެ ބެންޗުން ނިންމާ ގޮތެއް ވަރަށް މުހިންމު ކަމަށް ބެލެވޭ. އިއްޔެގެ އަޑުއެހުމުގައި، އިދިކޮޅު ހަތަރު ލީޑަރުންގެ ގާނޫނީ ޓީމުން ވަނީ އެކަމާ ދެކޮޅު ހަދާފައި. އެ ވަކީލުން ފާހަގަކުރެއްވި ގޮތުގައި ޖިނާއީ ބޮޑެތި މައްސަލަތައް ނޫން މައްސަލަތަކުގައި ސިއްރު ހެއްކެއް ބޭނުމެއް ނުކުރެވޭނެ. އިއްޔެ ވެސް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ، އެކަމާ މެދު ގޮތެއް ނިންމާނީ ބަހުސްކުރުމަށް ފަހު ކަމަށް.

ފާހަގަ ޖަހާ އަނގޮޓި ގެނައީ އިލެކްޝަންސް ކޮމިޝަންސްގެ ރައީސް އަހުމަދު ޝަރީފްގެ އަމިއްލަ ހަރަދުގައި، ޝަރީފް ފޮނުއްވި މީހަކު ކަމަށް ބުނެ، އެކަަން ސާބިތުކޮށްދޭން ސިއްރު ތިން ހެއްކެއް ހުށަހެޅުމުގެ ފުރުސަތަކަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ވަނީ އެދިވަޑައިގެންފައި. އެކަމާ ގުޅިގެން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެކަމާ މެދު ގޮތެއް ނިންމާނީ، ޝަރީއަތުގެ ބްރޭކަށް ފަހު ކަމަށް. ސިއްރު ހެކި ގަބޫލުކުރުމާ މެދު ގޮތެއް ނިންމުމުގެ ކުރިން ދެ ފަރާތަށް ވެސް ފުރުސަތު ދެއްވާނެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވި. އެހެން ވިދާޅުވެ އަޑުއެހުން ވަނީ މެދުކަނޑާލާފައި. ދެން ފަށާނީ 1:30 ގައި.

އިންތިހާބުގެ ނަތީޖާ ގަބޫލުފުޅު ކުރައްވާ ކަމާއި އެއީ ރައްޔިތުންގެ ނިންމުން ކަމަށް ސެޕްޓެމްބަރު 24 ގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވި. އެކަމަކު އެ ހުރިހާ ވާހަކައެއް ބަދަލުވެ، ޕީޕީއެމްގެ އޮފީހުގެ ދޮރުމަތީ ހުންނަވައި އެމަނިކުފާނު ވަނީ ނަތީޖާއާ މެދު ސުވާލު އުފައްދަވާފައި. އަދި އޭގެ ފަހުން ކޮންމެ ރެއަކު ވަރަށް މަދު ބަޔަކާ އެކު ޕީޕީއެމުން ގެންދަނީ އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އަޑު އުފުލަމުން. އެގޮތުން ރޭ ޕީޕީއެމް އޮފީހުން ރައީސް ޔާމީން ނުކުމެވަޑައިގެންނެވި އިރު ވާހަކަ ދައްކަވަން ހުންނެވި އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲގެ އަތުން މައިކު އަތުލައްވާ، އެތަނުގައި ތިބި މީހުންނަށް ސަލާން ގޮވާލެއްވި. އެކަމަކު އިތުރު އެއްވެސް ވާހަކަފުޅެއް ނުދައްކަވާ.

ސުޕްރީމް ކޯޓުގެ ހުޅަނގު ކަންމަތިން ކުރިމަތީގައި ހުންނަ ޔުނިވާސަލްގެ އިމާރާތުގެ ގޯޅިގަނޑުގެ ތެރެއަށް އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުންތަކެއް ވަނީ އެއްވެފައި. އަދި އެ ގޯޅިގަނޑުން އާންމުންނަށް ނުނިކުމެވޭ ގޮތަށް ބެރިކޭޑު ޖަހައި ވަނީ ބަންދު ކޮށްފައި.

ޝަރީއަތުގެ އަޑުއެހުމަށް ސުޕްރީމް ކޯޓަށް މީހުން ވައްދަން ފަށައިފި. މިހާރު ވަނީ ނޫސްވެރިން ކޯޓަށް ވަދެފައި. އަދި، މައްސަލާގައި ވަކާލާތު ކުރައްވާ ގާނޫނީ ވަކީލުން ވެސް ސުޕްރީމް ކޯޓަށް ވަންނަމުން އެބަދޭ.

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލުނުކޮށް، ސުޕްރީމް ކޯޓުގެ ބޭނުން ހިފުން އާދައަކަށް ވެއްޖެކަން ރަައްޔިތުންނަށް ގަބޫލުކުރެވޭ ވަރަށް ކަންތައް މިވަނީ ގޮސްފަ އެވެ. އެގޮތުން މިއީ މި އަހަރުގެ ރިޔާސީ އިންތިހާބު ބާތިލްކުރަން ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ވެއްދި މައްސަލައިގެ ދެ ވަނަ އަޑުއެހުން އޮންނަ ދުވަހެވެ.

މިއަދު 10:30 ގައި އޮންނަ ޝަރީއަތަށް ވަންނަން މިހާރު ވެސް ސުޕްރީމް ކޯޓު ދޮށުގައި ވަނީ ކިޔޫ ހަދައިފަ އެވެ. ކިޔޫގައި ތިބި މީހުންގެ އަތުގައި ކިޔޫ ނަންބަރެއް ވެސް އޮތެވެ. ޝަރީއަތް ހިންގާ މާލަމުގެ ޖާގަ އަކީ ގާތްގަނޑަކަށް 30 އެވެ. އޭގެ ތެރެއިން 10 ޖާގަ ދީފައި އޮންނަނީ މީޑިއާ އަށެވެ. އެހެންކަމުން އާންމުންނަށް ލިބޭނީ ވިއްސަކަށް ޖާގަ އެވެ.

"ކިޔޫ ނަންބަރު އެއީ އެ މީހުން އަމިއްލައަށް ތައްޔާރުކޮށްގެން ގެންގުޅޭ އެއްޗެއް،" މިއަދު ކިޔޫގައި ތިބި މީހުންގެ ނަންބަރާ ބެހޭ ގޮތުން "މިހާރު"ގެ ކޯޓު ރިޕޯޓަރު މުއިއްޒު އިބްރާހިމް ބުންޏެވެ.

ކިޔޫގައި މިއަދު ވެސް އެންމެ ފުރަތަމަ ޖެއްސި އެކަކީ ގަލޮޅު ދެކުނު ދާއިރާގެ އަހުމަދު މަހުލޫފް އެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އަހަރެމެން މި ތިބީ"، ވޯޓު ފޭރި ގަންނަން ރައީސް ޔާމީން ކުރައްވާ މަސައްކަތް "ހަމަ ލޮލުން ބަލާ އަޑުއަހަން" ކަމަށެވެ.

އިއްޔެ ގިނަ އަދަދެއްގެ މީީހުން އެ ކޯޓު ދޮށަށް އެއްވި އެވެ. އޭގެ ތެރޭގައި ގިނައީ ބޮޑު ތަފާތަކުން ރައީސް ޔާމީން ބަލިކުރެއްވި އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަޕޯޓަރުންނެވެ.

އިއްޔެ ވަކި ހިސާބަކުން، ޕީޕީއެމްގެ ސަޕޯޓަރުންނާއި އިދިކޮޅު މީހުންނާ ދެމެދު ޒުވާބު ކުރަން ފެށުމުން، ފުލުހުންނާއި ސިފައިން ވަނީ ކޯޓު ކުރިމަތިން މީހުން ދުރަށް ޖައްސައިފަ އެވެ. އަދި ފަހުން އިދިކޮޅު މީހަކު ހައްޔަރުކުރުމުގެ ތެރޭގައި ފުލުހުން ޕެޕާ ސުޕްރޭ ވެސް ބޭނުންކުރި އެވެ.
އިލެކްޝަންސް ކޮމިޝަނުން އިއްޔެގެ އަޑުއެހުމުގައި ސިފަަކުރި ގޮތުން ނަމަ، ރައީސް ޔާމީންގެ ފަަރާތްޕުޅުން ހުށަހެޅި ކަންކަމަށް "ތުހުމަތުގެ ދަރަޖަ ވެސް ލިބިގެން ނުވެ" އެވެ. އޭގެ މާނަ އަކީ އެހާ ބޮޑު ތަފާތަކުން ރައީސް ޔާމީން ނާކާމިޔާބުވި އިންތިހާބެއް ބާތިލްކުރަން ހުށަހަޅަން ޖެހޭ ވަރުގެ އެއްވެސް ހެއްކެ ނެތުމެވެ.
މައްސަލަ ބިނާކޮށްފައި އޮތީ މައިގަނޑު ގޮތެއްގައި، ވޯޓު ޗާޕްކުރި އެމް7 އާއި ވަގަށް ކޮންމެވެސް ކަހަލަ ފާހަގައެއް ޖެހޭ ކަހަލަ އަނގޮޓިތަކަކާއި ވޯޓު ކަރުދާސް ބެހެއްޓި ތަނާއި، ކޮމްޕްލެއިންޓްސް ބިއުރޯ، ދަރުބާރުގެއަށް ބަދަލުކުރުން ކަހަލަ ކަންކަމުގެ މައްޗަށެވެ. އިއްޔެ އެ ހުރިހާ ކަމަކަށް އިލެކްޝަންސް ކޮމިޝަނުން ތަފްސީލުކޮށް ޖަވާބު ދީފައިވެ އެވެ.
އަނގޮޓިއެއްގެ ވާހަކަ ޕީޕީއެމުން ދައްކާ އިރު، އިލެކްޝަންސް ކޮމިޝަންގެ ވަކީލު ހުސެން ޝަމީމް ވިދާޅުވީ އެ އަނގޮޓިއެއް ގެންގުޅުނުކަމުގެ އެއްވެސް ޝަކުވާއެއް ލިބިފައި ނުވާ ކަމަށެވެ.
ދެވަނަ އަޑު އެހުން އޮންނަ އިރު އެންމެ ބޮޑު ކަމަކަށް ވާނީ ސިއްރު ހެކިން ހުށައަޅަން ރައީސް ޔާމީންގެ ވަކީލުން އެދުނު އެދުމާ މެދު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުން ނިންމާނެ ގޮތެކެވެ. ރައްޔިތުންގެ ހައްގާ ގުޅިފައިވާ މިހާ ބޮޑު މައްސަލައެއްގައި، ސިއްރުން ހެކި ބަސް ދޭން ޖެހޭ ސަބަބެއް، އިދިކޮޅު ވަކީލުންނަކަށް ނުވިސްނެ އެވެ.
މައްސަލައަށް ތަދައްޚުލްވެފައިވާ އިދިކޮޅު ހަތަރު ލީޑަރުންގެ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ހެކިވެރިންގެ ހެކިބަސް ސިއްރުން ނަގަން ޖެހޭ ގާނޫނީ ސަބަބެއް ދެއްކިފައި ނުވާ ކަމަށެވެ. އަދި ޖިނާއީ ބޮޑެތި މައްސަލަތައް ފިޔަވައި ސިއްރުން ހެކިބަސް ނެގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނޫރު އެގޮތަށް ވާހަކަ ދައްކަވަން ފެއްޓެވުމުން، އެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ސިއްރު ހެކިވެރިންނާ މެދު ގޮތެއް ނިންމަވާނީ އެކަމާ މެދު ބަހުސް ކުރުމަށް ފަހު ކަމަށެވެ. އެހެންކަމުން މިއަދު އެކަމާ މެދު ގޮތެއް ނިންމުން އެކަށީގެންވެ އެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން މި މައްސަލަ ކޯޓަށް ވެއްދުމުގައި އިސް ރޯލެއް އަދާކުރައްވާފައި ވަނީ، މިހާރު އެނގޭ ގޮތުގައި، ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފެވެ. އޭނާ ވަނީ އިއްޔެގެ ޝަރީއަތުގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ.
ސިއްރު ހެކިވެރިން ހުށައަޅާނެކަން ކޯޓުގައި ވިދާޅުވީ ވެސް އައްބާސް އެވެ.
ރާއްޖޭގައި 2013 ގައި ބޭއްވި އިއްތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލްކުރި އެވެ. އެކަމަކު މިއީ އިންތިހާބެއް ނިމި، ބަލި ވެސް ގަބޫލުކުރެއްވިކަން އިއުލާންކުރެއްވުމަށް ފަހު، ނަތީޖާ ބާތިލްކުރަން ކޯޓަށް މައްސަލައެއް ހުށައެޅި ފުރަތަމަ ފަހަރެވެ. އެހެންކަމުން ރައީސް ޔާމީނަށް ރާއްޖެ އިންނާއި ރާއްޖެ އިން ބޭރުގެ ފާޑުކިއުން ވަރަށް ބޮޑަށް ވަނީ އަމާޒުވެފަ އެވެ.