15 އޮކްޓޯބަރ 2018 - 08:31

ސްމާޓްފޯނެއް، ސްކްރީން ލަންބާލައި ފަތްޖަހާލަން، ސެމްސަންގް މަސައްކަތްކުރާތާ ދެ އަހަރު ފާއިތުވީ އެވެ. އޯލެޑް ޑިސްޕްލޭއެއް ބިންދާނުލައި ލަންބާލާނެ ގޮތެއް އެނގެން އިންތިޒާރުކުރާ ކިތަންމެ ބައެކެވެ. ސެމްސަންގް އެ އުޅެނީ އަދި ވެސް އެކަން ނުކުރެވިގެންނެވެ.
މި ޒަމާން ގަބޫލުކުރާ ސްޓައިލްގައި ސްކްރީން ފަތްޖެހޭ ފޯނެއް އުފެއްދުމަށް ސްމާޓްފޯން ކުންފުނިތަކުން ދަހިވެތިވި ނަމަވެސް، އެކަން ކުރަން ބޭނުންކަން އާންމުކޮށް އިއުލާންކޮށްފައި ވަނީ ސެމްސަންގް އަދި ވާވޭ އެވެ. ކޮންމެ ބަޔަކު ވެސް އަނެއް ބަޔަކަށް ވުރެ ކުރިން އެކަން ކުރަން ބޭނުންވެ އެވެ.
ގެލަކްސީ އޭ9 ތައާރުފުކުރަން ބޭއްވި ހަފުލާއެއްގައި، ސެމްސަންގް މޮބައިލް ޑިވިޒަންގެ ރައީސް އަދި ސީއީއޯ ވިދާޅުވި ގޮތުގައި، "ގެލަކްސީ އެފް" އަކީ ދެ ބޭނުންހިފޭ ޑިވައިސްއަކަށް ވާނެ އެވެ. އެއީ ޓެބްލެޓެއް އަދި ސްމާޓްފޯނެކެވެ.
ސްމާޓްފޯނެއް ފަތްޖަހާލެވޭ ގޮތަށް ޑިޒައިންކޮށް އާންމުކޮށް ބޭނުންކުރެވޭ ފެންވަރަށް ގެނައުމަކީ ސެމްސަންގް ވެސް ދެކެން ބޭނުން އެކަމަކު އަދި މި ވަގުތަށް ހުވަފެނެއް ކަމަށް، ސިއީއޯ ސިފަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ގެލަކްސީ އެފް މި އަހަރު ދައްކާލެވޭ ވަރު ނުވި ނަމަވެސް، އެއީ ކުރާނެ ކަމެކެވެ.
ގެލަސްކީ އެފް ދައްކާލާނެ ކަމަށް ކުރިން ބުނެވުނީ މި އަހަރު ފަހުކޮޅު އެވެ. ސެމްސަންގް ޑިވެލޮޕާސް ކޮންފަރެންސްގައި، ކޮންމެވެސް ޒާތަކަށް މި ފޯނު ފެންނާނެ ކަމަށް އުންމީދުކުރެވުނެވެ. އެހެން ނަމަވެސް، ސީއީއޯގެ ވާހަކަތައް ހުރި ގޮތުން، އަންނަ އަހަރަށް ފަސްކުރުމަކީ ވެސް ވެދާނެ ކަމެއް ކަމަށް ބަލަންޖެހުނީ އެވެ.
"ގެލަކްސީ އެފް" އާ ބެހޭ ގޮތުން ބުނެވެނީ ދެ ޑިސްޕްލޭ އިންނާނެ ކަމަށެވެ. މައި ޑިސްޕްލޭގައި 7.3 އިންޗި އަދި ދެ ވަނަ ޑިސްޕްލޭގައި 4.6 އިންޗި އެވެ. ފޯނު ލައްޕާލުމުން މައި ސްކްރީން މުޅިން ފޮރުވުނު ނަމަވެސް، ފޯނަކުން ކުރެވޭ ހުރިހާ ކަމެއް، ދެ ވަނަ ސްކްރީނަށް ބަދަލުވެގެން ދެ އެވެ. ސީއީއޯ ވިދާޅުވި ގޮތުގައި، ސްމާޓްފޯނެއް ފަތްޖަހާލައި، ލައްޕާލާފައި އޮންނަ ގޮތް ދައްކާލަން ބޭނުންވަނީ ފިސާރި ސްޓައިލްގަ އެވެ.