15 އޮކްޓޯބަރ 2018 - 07:34

ކަސްރަތަށް ނުކުމެ އުޅޭއިރު އެންމެ ކަންބޮޑުވާ އެއް ކަމަކީ ބޫޓުން ނުބައި ވަސް ދުވުމެވެ. މިކަމުގެ ހައްލަކަށް އިސްޓާކީނަށް އެރީމާ ފުދޭނެކަމަށް ބައެއް މީހުން ބުނެއެވެ. މިއީ މުޅީން ހަގީގަތެއް ނޫންކަމަށް ބުނާ މީހުންވެސް އުޅެއެވެ.

އެހެންވެ ކުންފުނިތަކުން އަންނަނީ ވަސްކެނޑޭނެކަހަލަ އުފެއްދުންތައް ބާޒާރަށް ނެރުމަށް މަސައްކަތްކުރަމުންނެވެ. މިހާތަނަށް އަދި މާ ބޮޑު ކާމިޔާބީއެއް މި ކަމުގައި ނުލިބުނަސް އެވެރިން އުއްމީދު ކަނޑައެއް ނުލައެވެ. އެންމެ ފަހުން އިވުނީ ވަކި ޚާއްސަ ފޭރާމަކުން އުފައްދާ ބޫޓެއްގެ ވާހަކައެވެ.

މެރީނޯ ވޫލްއަކީ އުދާސް ބޭރުކޮށްދީ، ފިނިހޫނުމިން ހަމައަކަށް އަޅުވައިދޭ ފޭރާމެކެވެ. މަޑުވެފައި ލުޔެވެ. އަދި ހިރުވުން ފަދަ ކަންކަމުން ރައްކާތެރިކޮށްދީ، ނުބައި ވަސް ހިފިޔަ ވެސް ނުދެ އެވެ. މިއީ ބޫޓެއްގައި ހުންނަންޖެހޭކަމަށް އޮސްޓްރިޔާގެ ކުންފުންޏަކަށް ފެނުނު މުހިއްމު ސިފަތަކެކެވެ. ގީޒްވައިން ކުންފުނިން އުފެއްދި ވޫލް ކްރޮސް އެކްސްއަކީ މެރީނޯ ވޫލްގެ ފަށަލައަކާ އެކު އުފެއްދި ފުރަތަމަ ސްޕޯޓްސް ޝޫޒެވެ.
މިއީ ފަޔަށް ލުއި، ކޮންމެ މޫސުމަކަށް ވެސް ފުދޭނެ ބޫޓެއް ކަމަށް އެ ކުންފުނިން ބުނެއެވެ. އިސްޓާކީނަށް ނާރާ މި ބޫޓަށް އެރިޔަސް، ފައިން ނުބައިވަހެއް ނުދުވާނެއެވެ. އާދައިގެ ބޫޓަކަށްވުރެ ފަސް ގުނަ އިތުރަށް އުދާސް ބޭރުކުރާނެކަމަށްވެސްވެއެވެ. އަދި 125 މިލިލީޓަރުގެ ފެން ހިފަހައްޓާލައިދެއެވެ.
މެރީނޯ ވޫލް ފަށަލައިގެ އާދައިގެ ބޫޓު ކުރިންވެސް ވިއްކަން ހުރެއެވެ. އެކަމަކު މިފަހަރު ބާޒާރަށް ނުކުތް ވޫލް ކްރޮސް އެކްސްއަކީ ފަރުބަދަމައްޗަށާއި ގާތަކު ތެރޭގައި އުޅެން ވެސް ފުދޭނެ ގޮތަށް އުފައްދާފައިވާ ބޫޓެކެވެ. ބުނެވޭ ގޮތުގައި ގަދަފިނީގައި ސްނޯތެރޭ ވެސް މި ބޫޓަށް އަރައިގެން އުޅެވޭނެއެވެ.