14 އޮކްޓޯބަރ 2018 - 16:09

ބާލީ (އޮކްޓޯބަރު 14) - ބިންހެލުމާއި ސުނާމީގައި ހާލުގައި ޖެހުނު އިންޑޮނީޝިއާ އަށް އެއް ބިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ވޯލްޑް ބޭންކުން ނިންމައިފި އެވެ.
އިންޑޮނީޝިއާ އަށް ލޯނު ދޭނެކަން ސީއީއޯ ކްރިސްޓަލިނާ ޖިއޯޖީވާ އިއުލާން ކުރެއްވީ ބިންހެލުމުގައި ގެއްލުން ލިބުނު ބާލީގައި ކުރިއަށް ދިޔަ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ އަހަރީ ބައްދަލުވުމުގަ އެވެ.
ސުލަވެސީ އައިލެންޑަށް ސެޕްޓެމްބަރު 28 ވަނަ ދުވަހު ރިކްޓަ މިންގަނޑުން 7.5 ގެ ބާރުމިނުގައި އައި ބިންހެލުމުގައި ވަނީ 2،000 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. އަދި ފަސް ހާހެއްހާ މީހުން ގެއްލިފައިވާ ކަމަށް ރެސްކިއު ޓީމުތަކުން ބުނެ އެވެ.
ވޯލްޑް ބޭންކުން ބުނީ ލޯނު ދެނީ ބިންހެލުމުގައި ލިބުނު ގެއްލުމުން އިންޑޮނީޝިއާ އަރައިގަތުމަށް ކަމަށެވެ.
ބިންހެލުމުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު ޕާލޫ ސިޓީން ވަނީ 90،000 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިފަ އެވެ. އެހީދޭ ޖަމާއަތްތަކުން ބުނެފައި ވަނީ ދެ ލައްކައެއްހާ މީހުންނަށް އަވަސް އެހީ ބޭނުންވާ ކަމަށެވެ.
ވޯލްޑް ބޭންކުގެ އެހީ އަށް އިންޑޮނީޝިއާ އިން ވަނީ މަރުހަބާ ކިޔައިފަ އެވެ.